ޔާމީންގެ ވަކީލުންނަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޯޓުން ދޫކޮށްފި
ޔާމީންގެ ވަކީލުންނަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޯޓުން ދޫކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު އެ ކޯޓުން މިއަދު އެ މަނިކުފާނުގެ ވަކީލުންނަށް ދޫކޮށްފި އެވެ.

ޔާމީން ވެރިކަމުގައި ހުންނެވި އިރު ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.

ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރަން ލިބެނީ 60 ދުވަހެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅުގެ ޓިކެޓު ދީފައިވާ ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައި ވަނީ، އިސްތިއުނާފު ނުކުރެވި ލަސްވަނީ ހުކުމުގެ އިސްތިއުނާފު ތައްޔާރުކުރަން ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓާއި ކޯޓުގައި ދެއްކި ހުރިހާ ވާހަކަތަކެއް ހިމެނޭ މަހުޟަރު ބަޔާންތައް ކޯޓުން ނުދޭތީ ކަމަށެވެ.

މިއަދު ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ހާމަ ކުރެއްވި ގޮތުގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ ޔާމީންގެ ވަކީލުންނަށް ރިޕޯޓު ދޫކޮށްފަ އެވެ. ކުރިއަށް އޮތީ "ބުރަ ދުވަސްކޮޅެއް" ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޯޓުން ނުދޭތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރިޕޯޓު ނުލިބި ލަސްވާތީ އިދިކޮޅުގެ އިސްވެރިން މީގެ ކުރިން ކްރިމިނަލް ކޯޓަށް ވެސް ދިޔަ އެވެ. އެކަމަކު ކޯޓުން ބުނެފައި ވަނީ އެކަމާ ގުޅޭ މައުލޫމާތު ދޭނީ މައްސަލައިގެ ހަސްމުންނަށް ކަމަށެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް ކޯޓަށް އޮންނަނީ ބަންދު ދުވަސްތައް ނުލައި 14 ދުވަހެވެ. މި އަހަރުގެ ފުރަތަމަ ދުވަހަކީ ބަންދު ދުވަހެއް ކަމުން، ހަފްތާ ބަންދު ދުވަސްތައް ނުހިމަނައި ޔާމީނަށް ހުކުމް ކުރިތާ މިއަދަކީ 14 ވަނަ ދުވަހެވެ.

ޔާމީނަށް ކޮށްފައިވާ ހުކުމް ވީހާ ވެސް އަވަށް އިސްތިއުނާފު ކުރުން އެމަނިކުފާނަށް ތާއީދު ކުރާ މީހުންނަށް މުހިންމު ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ހުޅުވާލާނެތީ އެވެ. މިހާރު އޮތް ހުކުމާ އެކު އިންތިހާބުގައި ވާދަ ކުރުމުގެ ދޮރު ޔާމީނަށް ބަންދުވެފައި ވާއިރު، އިންތިހާބުގައި ވާދަ ކުރެވޭނީ ކެންޑިޑެސީ ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހައި ކޯޓުން ޔާމީން މިނިވަންކޮށްފި ނަމަ އެވެ.

ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނަށް އިއްވި ފަސް އަހަރުގެ ހުކުމް އޭރު އެ މަނިކުފާނުގެ ވަކީލުން އިސްތިއުނާފު ކުރަން ހުށަހެޅީ ހުކުމް ކުރިތާ ދެ ދުވަސް ތެރޭގަ އެވެ. އޭރު އިސްތިއުނާފު ކުރަން އެމަނިކުފާނުގެ ފަރާތުން 75 ނުކުތާ ހުށަހެޅި އެވެ.