ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެލި ނެގުމުން ކައުންސިލް ޖޫރިމަނާކޮށްފި
ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެލި ނެގުމުން ކައުންސިލް ޖޫރިމަނާކޮށްފި

ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގި މައްސަލާގައި އެ ރަށު ކައުންސިލް ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގިކަމުގެ ޝަކުވާ މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި އެ އެޖެންސީ އަށް ހުށަހެޅި ކަމަށެވެ. އަދި އެ އެޖެންސީން ބެލި ބެލުމުން އެކަމުގައި ފީވަކު ކައުންސިލް ކުށްވެރިވާތީ ޖޫރިމަނާކޮށްފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އީޕީއޭ އިން ބުނީ ފީވަކު ކައުންސިލްގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި އެ ރަށު ގޮނޑުދޮށުން ނަގައި ކުޑަކުދިން ކުޅޭ ޕާކެއް ހަދަން ބޭނުންކޮށްފައިވާކަން އެ އެޖެންސީގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެންވެ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، މިދިޔަ ބުރާސްފަތި ދުވަހު ފީވަކު ކައުންސިލް 83,525ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭގެ އިއުލާނުގައި ބުންޏެވެ. އަދި އެ ފައިސާ ދައްކަން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފީވަކު ކައުންސިލުން އެ ރަށު ގޮނޑުދޮށުން ވެލި ނެގުވީ އެ ރަށުގެ ފެނަކަ ބްރާންޗުގެ މުވައްޒަފުން ލައްވަ އެވެ. ވެލި ނެގިއިރު އެތަނުގައި ކައުންސިލުގެ ރައީސް ވެސް ހުންނެވިއިރު، އެ މަންޒަރު ބަޔަކު ފޭސްބުކުން ލައިވް ކުރި އެވެ.