15 ޖެނުއަރީ 2023 - 10:51

މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. ފޯކައިދޫ ސްކޫލުގެ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
ފުހުލުން ބުނީ ލިބުނު މައުލޫމާތަަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ރަށުގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު ދެ މީހުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއީ އުމުރުން 40 އަހަރާއި 20 އަހަރުގެ ދެ މީހުންނެވެ. އެ ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
އެ ރަށު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝަމީމް "މިހާރު" އަށް ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން އެކަކީ އެ ރަށު ސްކޫލްގެ ޕްރައިމަރީ ޓީޗަރެއް ކަމަށެވެ.
އެ ޓީޗަރު ސްކޫލުގައި ކިޔަވައިދެމުންދާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވާއިރު އޭނާ އަކީ މީގެ ކުރިން މަސްތުވާތަކެތީގެ އެއްވެސް މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ފުލުހުން އިއްޔެ އަޅުގަނޑުމެންނަށް އެންގީ. އެ ހިސާބުން މިނިސްޓްރީ އަށް އަންގައިފަ ވަނީ. ސަސްޕެންޑް ކުރާނެ ކަމަށް ބުނެފައި ވަނީ. ނަމަވެސް ރަސްމީކޮށް އަދި އަންގައިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ބައެއް ރަށްރަށުގެ ޓީޗަރުންް ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި މިނިސްޓްރީން އެ ޓީޗަރުންނަށް ފިޔަވަޅު ވެސް އަޅަ އެވެ.