15 ޖެނުއަރީ 2023 - 12:04

މެންޗެސްޓާ (ޖެނުއަރީ 15) - ޕްރިމިއާ ލީގުގެ ތަށި ހޯދާ ވާހަކަ އޭނާ އަދި ނުދައްކާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑް ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
ވާދަވެރި މެންޗެސްޓާ ސިޓީ އަތުން 2-1 އިން ރޭ މޮޅުވެ، ޔުނައިޓެޑް މިހާރު ވަނީ އެއް ވަނައިގައި އޮތް އާސެނަލް އާ ހަ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. ޔުނައިޓެޑް އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. އަދި ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ސިޓީއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.
އެކަމަކު ވެސް ޓަން ހަގް ބުނީ އޭނާ ހުންނާނީ ހަމަ ބިމުގައި ކަމަށާއި ތައްޓަށް އުއްމީދު ނުކުރާ ކަމަށެވެ.
"ސަޕޯޓަރުން ތައްޓަށް އުއްމީދުކޮށްފާނެ. އެކަމަކު އަހަރެމެން ނުކުރަން. އަހަރެމެން ޖެހޭނެ ހަމަބިމުގައި ތިބެން. އަދި އަހަރެމެންގެ ކުޅުމުގައި ގިނަކަންކަން ރަނގަޅު ކުރަން ޖެހޭ،" ޓެން ހަގް ބުންޏެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް އެ ޓީމު މޮޅުވި އެވެ. ސީޒަންގެ މެދަކާ ހަމައަށް ދިޔައިރު ހަތަރު މުބާރާތުގައި ޑޮމިނެޓް ކުރަމުންދާ ހަމައެކަނި އިނގިރޭސި ޓީމަކީ ވެސް ޔުނައިޓެޑެވެ.
އޮކްޓޯބަރުގައި ސިޓީ އަތުން 6-3 ން ވީ ބައްޔަށް ފަހު، ކުޅުނު 19 މެޗުގެ ތެރެއިން 16 މެޗުން މޮޅުވި އެވެ. އަޔެކްސް އާއެކު ކާމިޔާބު ހޯދި ޓެން ހަގް ބުނީ ޔުނައިޓެޑް މިހާރު ދަނީ ރަނގަޅު މިސްރާބަކާ ދިމާލަށް ކަމަށެވެ.