15 ޖެނުއަރީ 2023 - 12:19

ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކް އަށް ކުޅޭ އެ ގައުމުގެ ގައުމީ ޓީމުގެ ވިންގާ މިކައިލޯ މުޑްރިކް ގެންނަން އާސެނަލް އިން ފަހު މަރުހަލާގައި ވަނިކޮށް ޗެލްސީ އިން އޭނާގެ ޑީލް ހައިޖެކްކޮށްފި އެވެ.
އާސެނަލް އިން މުޑްރިކް ހޯދަން ނިންމީ 95 މިލިއަން ޔޫރޯގެ ޕެކޭޖެއްގެ ދަށުންނެވެ. އެއީ 70 މިލިއަން ޔޫރޯ ދައްކާފައި، އެޑް-އޯންސްގެ ގޮތުގައި 25 މިލިއަން ހުށަހަޅައިގެންނެވެ.
ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައާ ގުޅިގެން ޔޫކްރޭންގެ ފުޓުބޯޅަ ލީގު މިހާރު ކުރިއަށް ދަނީ ޕޮލެންޑްގަ އެވެ. އެންމެ ފަހުވަގުތު ޗެލްސީ އިން ވަނީ 100 މިލިއަން ޔޫރޯގެ ޕެކޭޖަކާއެކު ޕޮލެންޑަށް ގޮސް ޑީލް ކާމިޔާބު ކޮށްފަ އެވެ. އެއީ 70 މިލިއަން ޔޫރޯގެ އިތުރުން އެޑް-އޯން ގެ ގޮތުގައި 30 މިލިއަން އެ ކުލަބަށް ހުށަހަޅައިގެންނެވެ.
ޗެލްސީ އިން އުމުރުން 22 އަހަރުގެ މުޑްރިކް ގެންނަނީ ހަތް އަހަރާ ބައިގެ އެއްބަސްވުމެއްގައި 2030 ވަނަ އަހަރުގެ ނިޔަލަށެވެ.
ޗެލްސީ އިން ޑީލް ނިންމީ ކޯ އޯނަރު ބެހްދާދް އެގްބާލީ އާއި ޝަކްތާގެ ރައީސް ރިނާތު އަކްމެޓޯވް އާ މަޝްވަރާ ކުރުމަށް ފަހު އެވެ. އާސެނަލް އިން ޝަކްތާ ބޭނުންވި އަގަށް ވުރެ ކުޑަކޮށް ހުށަހެޅުމުން އޭނާ މި ސީޒަންގެ ނިޔަލަށް ކުލަބުގައި ބެހެއްޓުމުގެ ފުރުސަތު ވެސް އޮތެވެ.
އެހެން ނަމަވެސް ޝަކްތާ އިން ބޭނުންވި އަގު ޗެލްސީ އިން ހުށަހެޅުމާ ގުޅިގެން، އާސެނަލް އަށް ބަދަލުވާން ނިންމައިގެން ހުރި ކުޅުންތެރިޔާ ވެސް ޗެލްސީ އަށް ބަދަލުވާން އެއްބަސް ވީއެވެ. އެއީ މުޑްރިކް ހުރީ މި ޓްރާންސްފާ ގައި ކުލަބު ދޫކޮށްލަން ބޭނުންވެފައި ކަމަށް ވާތީ އެވެ.
ގެބްރިއެލް ޖީސަސް އަށް ދިމާވެފައިވާ އަނިޔާގެ މައްސަލައާ ގުޅިގެން އެތަން ފޫބައްދަން ޖެނުއަރީ ޓްރާންސްފާ ގައި، ލީގު އެއް ވަނައިގައި އޮތް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އެންމެ އިސްކަމެއް ދިން ކުޅުންތެރިއަކީ ވެސް މުޑްރިކް އެވެ.
މުޑްރިކް ވަނީ މި ސީޒަން ގައި ޝަކްތާ ޑޮނެސްކަށް މި ސީޒަން ގައި މިހާތަނަށް ކުޅުނު 12 ލީގު މެޗުގައި ހަތް ގޯލު ޖަހައި، ހަތް ގޯލު ޖަހަން އެހީ ވެފަ އެވެ. އަދި ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި އޭނާ ވަނީ ތިން ގޯލު ޖަހައިފަ އެވެ.
މިދިޔަ އަހަރު ޔޫކްރޭންގެ ގައުމީ ޓީމަށް ކުޅެން ފެށި ވިންގާ ވަނީ މިހާތަނަށް ގައުމީ ޖޯޒީ ގައި އަށް މެޗު ކުޅެފަ އެވެ.
މި ސީޒަން ގައި އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި މޮނާކޯ އިން ފްރާންސްގެ ޑިފެންޑަރު ބެނޯއީ ބަޑިއާޝިލޭ އާއި ނޯވޭގެ މޯލްޑޭ އަށް ކުޅޭ އައިވަރީ ކޯސްޓުގެ ފޯވާޑް ޑޭވިޑް ޑާޓްރޯ ފޮފާނާ އަދި ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އަންޑްރޭ ސަންޓޯސް ގެނެސްފަ އެވެ.
މީގެ އިތުރުން ޗެލްސީން ވަނީ ލޯނު އުސޫލުން، މި ސީޒަންގެ ނިޔަލަށް އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ޔާއޯ ފީލިކްސް ވެސް ގެނެސްފަ އެވެ. އެކަމަކު އޭނާ ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ކުރިއަށް އޮތް މަހެއްހާ ދުވަހަށް އޭނާ ވަނީ ސަސްޕެންޑް ވެފަ އެވެ. މީގެ ސަބަބުން ތިން މެޗު ފީލިކްސް އަށް ގެއްލޭނެ އެވެ.
ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީ މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލްގެ 10 ވަނައިގަ އެވެ.