15 ޖެނުއަރީ 2023 - 07:29

ފެންނަނީ ފުސްކަމެވެ. ގަސްތައް ހުންނަނީ ހިޔަނިތަކެއްހެންނެވެ. މެދުގައި ހުއްޓިގެން، އަހަންނަށް ބަލަހައްޓައިގެން އޮންނަނީ ފުއްލާއެކެވެ. ވަށައިގެން ފެންނަނީ ފަޅުކަމާއި އެކަނިވެރިކަމެވެ. ހަމަހިމޭންކަމާއި ނާމާންކަމެވެ. ދެން އަހަންނަށް ހޭލެވެއެވެ. ހުވަފެނުން ހަނދާން ހުންނަނީ ހަމަ އެކަނި އެ މަންޒަރެވެ. ފުއްލާ އެ ތަނަށް އައި ގޮތެއް، އެ ތަނުން އެ ސޮރު ދިޔަ ތަނެއް ނޭނގެއެވެ. އެ ހުވަފެނުގެ މާނައަކީ ކޮބައި ހެއްޔެވެ؟ ބުނެދޭން އެ އުޅެނީ ކޯޗެއް ހެއްޔެވެ؟ ހަފުތާއަކު ދެތިން ރޭ އަހަންނަށް އެ ހުވަފެނެއް ފެނިގެން ހޭލެވެއެވެ. ވިސްނަން އޮވެވެއެވެ.
ދުވަހުގެ މަސައްކަތްތަކުގައި މަސްރޫފުވުމުން ހުވަފެން މަތިން ހަނދާންނެތެވެ. އަހަރެންގެ ނަމަކީ ތޫބާއެވެ. އުމުރުން ސައުވީސް އަހަރުގެ ޒުވާން އަންހެންކުއްޖަކީމެވެ. އަދާކުރަނީ ޓީވީއެމްގެ ގްރެފިކްސް ޑިޒައިނަރެއްގެ ވަޒީފާއެވެ. ގޭގައި ކޭކުއަޅަމެވެ. ކުރަހަމެވެ. ވިޔުމާއި، ލަކުޑީގައި ކަނޑައިނެގުމާއި، ލިޔެލާޖެހުމުގެ މަސައްކަތް ވެސް، އަހަރެން ހިތްހަމަޖެހޭ ފެންވަރަށް ކުރަމެވެ. އެއިން އާމުދަނީ ވެސް ހޯދަމެވެ. ތަނެއްގައި ކަވި މަސައްކަތެއް އޮތިއްޔާ އެ ކަމެއް އަހަރެން ދަސްކުރާ ހިތްވެއެވެ.
އަހަންނަކީ މަސައްކަތަށް ގޮސް ހުސްވެފައިހުންނަ މީހެކޭ ވެސް ބަޔަކު ބުނެފާނެއެވެ. އެކަމަކު، ދިރިއުޅުމާ މެދު ވެސް ވަރަށް ސީރިޔަސްކޮށް އަހަރެން ވިސްނަމެވެ. އާއިލާއާއި ރައްޓެހިންނާ އެކުގައި، ވީ ވަރަކުން ވަގުތު ހޭދަކުރަމެވެ. އަހަރެންގެ ހިތުގެ ވިންދަކީ އަމަންއެވެ. އުމުރުން އަހަންނާ ދާދި އެއްވަރުގެ ޒުވާނެކެވެ. އެކަމަކު ވިސްނާ ގޮތް ހާސްބައި ތަފާތެވެ. ކިޔެވުން ނޫން އެހެން ކަމެއް އަމަންއަކަށް މުހިންމެއް ނޫނެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަރެން ގުޅަމެވެ. އޭނަ ފޯނުނަގާނީ ހާލަކުން ފަހަރަކުއެވެ. ގިނައިން ކުރާނީ މެސެޖެވެ. ބައްދަލުވާނީ ހަފުތާއަކު، ގިނަވެގެން ތިން ދުވަހުއެވެ. ކޮންމެ ދުވަހަކު ބައްދަލުކުރަން އަހަރެން ބޭނުމެވެ. އަމަންގެ ނަޒަރުގައި ތިން ދުވަސް ވެސް ގިނައެވެ.
ކައިވެނިކުރުމުގެ ކުރީން މޮޅަށް ކިޔަވައި، ރަނގަޅު ވަޒީފާއެއް ހޯދުން އަމަންއަށް މާ މުހިންމެވެ. އޭނަ ދެކޭ ގޮތުގައި ހަޔާތެއް ފަށައި، ދަރިން ލިބުނީމައި ވެސް މައިންބަފައިންގެ ފައިސާއަށް ބަރޯސާވުމަކީ ހުތުރުކަމެކެވެ. އަހަރެންގެ ނަޒަރުގައި އެއީ އަމަން ދައްކާ ބަހަނާއެކެވެ. އަހަރެން ދެކެ އޭނަ ލޯތްބެއް ނުވެއެވެ. އަމަން ލޯބިވަނީ އޭނަގެ ކިޔެވުން ދެކެއެވެ. އަމިއްލަ ނަފުސު ދެކެއެވެ. އޭނަގެ މަވެތިވަންތަ ސިފަ މާ ބޮޑީއެވެ. އަހަރެން ދެކެ ލޯބިވަންޏާ ކޮންމެ ކަމެއް ވެސް އަހަންނަށް ޓަކައި ގުރުބާންކުރެވެން ޖެހޭނެއެވެ. އެ ގޮތުން ބަލާ އިރު، އަމަންއަށް ވުރެ ފައިޒާން މާ ރަނގަޅެވެ.
ފައިޒާންއާއި އަމަންއަކީ ވެސް މަދުރަސީ އެކުވެރިންނެވެ. ދެ މީހުން ވެސް އަހަރެން ދެކެ ވަރަށް ލޯބިވާކަން އަހަންނަށް އެނގެއެވެ. އަމަންގެ ޖެހިލުން ކުޑައީއެވެ. ލޯބިހުށައަޅަން އޭނައަށް ކެރުނީއެވެ. ފައިޒާން މާ ލަސްކުރީއެވެ. އެންމެ ހެއްވާކަމަކީ، އެ ހުރިހައި ކަމެއް އެ ދެ މީހުންނަށް ވެސް އެނގޭކަމެވެ. އެއަށް ވުރެ ހެއްވާ އެހެން ކަމެއް ވެސް އޮވެއެވެ. އަމަންއާ ރައްޓެހިވެގެން އަހަރެން އުޅުނަސް، ފައިޒާން އުންމީދުކަނޑައެއް ނުލައެވެ. ދޭތެރެއަކުން އަހަންނާ ގުޅައެވެ. ހާލުބަލައެވެ. ބަލިވެއުޅޭކަން އެނގުނަސް، މާބޮނޑިއެއް ހިފައިގެން އަހަންނަށް ގޮވައިލަން އަންނާނެއެވެ. އޭނަ ހުރީ ހުސްކޮށްކަން، ނުގޮތަކަށް އަހަންނަށް ހަނދާންކޮށްދޭނެއެވެ. އަނެއްކޮޅުން އެ މާބޮނޑި އަމަންއަށް ފެންނަ އިރަށް އަހަންނާ ދިމާކުރާނެއެވެ. ފައިޒާން ދޭ އެ ފަދަ އެއްޗެހި ގަބޫލުނުކުރުމަށާއި، ބޭކާރު އުންމީދެއް ނުދިނުމަށް ނަސޭހަތްތެރިވާނެއެވެ. ރުޅިއެއް ނާންނާނެއެވެ. ވިޔަސް ވާނީ ހަމުދަރުދީއެވެ.
އެއްދުވަހަކު އިރުއޮއްސެނިކޮށް އަމަން ގެއަށް އައެވެ. އެ ގަޑިއަކީ، ދުވަހަކު ވެސް އަމަން އަންނަ ގަޑިއެއް ނޫނެވެ. އަންނަ ވާހަކަ ނުބުނެ އައުމަކީ ވެސް އަމަންގެ ހުންނަ ސިފައެއް ނޫނެވެ.
"އޮސްޓްރޭލިޔާއިން ސްކޯލަޝިޕް އޯކޭވެއްޖެ!" އުފާ ކޮންޓުރޯލުކުރަން މަސައްކަތްކުރަމުން އަމަން ބުންޏެވެ. "އެންމެ ފުރަތަމަ ވެސް ތޫބާ ގާތުގަ މި ބުނީ. ވިޝް މީ ލަކް."
އަހަންނަކަށް އުފަލެއް ނުވެވުނެވެ. ހެޔޮ ދުއާއެއް ވެސް ނުކުރެވުނެވެ. ބުނެވުނީ ހިތުގައި އޮތް އެތި، އޮތް ގޮތަށެވެ.
"ހަމަ އެއްވެސް އެއްޗެއް ހިތަކަށްނާރާ؟" އަހަންނަށް ބުނެވުނެވެ. "އަހަރެން ކިހާ އެކަނިވާނެ؟ ކިހާ ފޫހިވާނެ؟ ތި ހީކުރަނީ އަމަން އެ ތާ ފްރެންޑުންނާ އެއްކޮށް މަޖާކުރަން ފަސް އަހަރު އުޅެފަ އަންނަންދަން އަހަރެން ވެއިޓްކުރާނޭތަ؟"
އަމަންއަކީ އަމިއްލައެދުން ބޮޑު މީހެކެވެ. އޭނަގެ މުސްތަގުބަލަށް އެކަނި ވިސްނާ މީހެކެވެ. އަހަރެން ދެކެ އޭނަ ލޯތްބެއް ނުވެއެވެ. އަހަންނަކާ ނުވެސް އިންނާނެއެވެ. އޭނަހައި މޮޅަށް އަހަރެން ނުކިޔަވާ ހުރީމައި، އަހަންނާ ރައްޓެހިވެގެންއުޅެން އޭނަ ލަދުގަންނަނީއެވެ. އެ ހުރިހައި އެއްޗެއް އަހަރެން ކިއީމެވެ. އަމަން ރައްދެއް ނުދެއެވެ.
"އަހަރެން އަބަދު ވެސް ވިސްނަނީ އަހަރުމެންގެ ފިއުޗާއަށް،" އަމަން ބުންޏެވެ. "ތޫބާ ދެކެ ވަރަށް ލޯބިވޭ! މިހާރު ތިހިރީ ވަރަށް ރުޅިއައިއްސަ. ރުޅިމަޑުކޮށްފަ ވިސްނައިލީމަ އަހަރެން މި ދައްކާ ވާހަކަ ގަބޫލުކުރެވޭނީ. ސިކުންތެއް ތެރޭގަ ފަސް އަހަރު ހިނގައިދާނެ. ޗުއްޓީގަ އަހަންނަށް މި ކޮޅަށް އާދެވޭނެ. ތޫބާ ބޭނުމިއްޔާ އެ ކޮޅަށް ދެވޭނެ. ބޭނުން އިރަކު އަހަންނާ ގުޅޭނެ."
"އެކަމަކު ފޯނެއް ނުނަގާނެ ދޯ!" ފޫހިވެފައި އަހަރެން ބުނީމެވެ. "އެހެން ވެސް ބުނޭ!"
އަމަން ފުރައިގެންދިޔައިރު އަހަރުމެންގެ ގުޅުން އޮތީ ހީނަރުވެފައެވެ. އޭނަގެ ނަޒަރުގައި އެއީ ގުރުބާނީއެކެވެ. އަހަރެންގެ ނަޒަރުގައި އަހަރެން އެއްލައިލީއެވެ. ދިޔަތާ ކައިރީގައި އަމަން ގުޅައެވެ. އަހަރެން ގުޅާ ކޮންމެ ފަހަރަކު އޭނައަކަށް ފޯނެއް ނުނެގެއެވެ. މާލޭގައި ވެސް ވަނީ އެހެންނެވެ. އާ ކަމެއް ވެސް ވާން ފެށިއެވެ. ފަހުން ވެސް އޭނައަށް އޮންނަނީ އަހަންނަށް ނުގުޅިފައެވެ. ނުގުޅެނީ ކީއްވެކަން މެސެޖަކުން އަންގައެވެ.
އަހަރެން ވަރަށް އެކަނިވިއެވެ. ނިންޖެއްނާދެއެވެ. ފޫހިފިލުވަން އަހަރެން ކުރަނީ ކަވި މަސައްކަތްތަކެވެ. ކުރަހަން ހޭލައި އިނުމަކީ އާންމުކަމަކަށްވިއެވެ. އެ ފަދަ ރެޔަކު، އަހަރެންގެ ހާލުބަލަން ފައިޒާން ގުޅުމުން އޭނަޔާ ވާހަކަދައްކަން ވަރަށް ގިނަ އިރު އިނދެވުނެވެ. އެއީ ގަސްތުގައި އަހަރެން ދިން ސިގުނަލެކެވެ. އަމަން ކަންތައްކުރި ގޮތް ވެސް ކިޔައިދިނީމެވެ. އަހަރެންގެ އައިނުގެ ތެރެއިން ފެންނަ ގޮތަށެވެ. ފައިޒާންއަކީ އެ ފަދަ ދަނޑިވަޅެއްގެ އިންތިޒާރުގައި ހުރި މީހެކެވެ. ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އޭނަ ހިފިއެވެ. އަހަރެންގެ ހިތް އޭނަ އަތުލީ މުލުން ލުހެލައިގެންނެވެ.
އަހަރެންގެ އާއިލާއަށް އަމަންއާއި އަމަންގެ އާއިލާ ވެސް ކަމުދެއެވެ. އަހަރުމެންގެ ގުޅުމަށް ދެ އާއިލާއިން ވެސް އޮތީ ރުހި ގަބޫލުވެފައެވެ. އެކަމަކު ފައިޒާންއާއި އޭނަގެ އާއިލާއަށް ވެސް، އަހަރެންގެ މަންމައާއި ބައްޕަގެ ރުހުމެއް ނުލިބުނެވެ. އުޅުން ވިޔާނުދާވުމާއި، އަވަށްޓެރިންނަށް ހެޔޮކޮށް ނުހިތުމާއި، ބޮޑާކަމުންނެވެ. ފައިޒާންގެ އަތުގައި އަހަރެން ހިފީ އަހަރެންގެ މައިންބަފައިންގެ ނަސޭހަތް ބޮލާލައި ޖަހައިފައެވެ. ސަބަބަކީ އަހަރެން ދެކެ ފައިޒާން ވީ ލޯތްބެވެ.
މި ޒަމާނުގައި މީހެއްގެ ދިރިއުޅުން ބަލަނީ އަތުގެ ނާރުތަކަކުން ނޫނެވެ. އިންސްޓަގުރާމުންނެވެ. އަމަން ފުރިފަހުން އަހަރެންގެ އިންސްޓަގުރާމުގައި ހުންނާނީ ހިކިފައި ހުންނަ ގަސްގަހާއި، ފަޅު ތަންތަނުގެ ކުރެހުމެވެ. ފޮޓޯއެއް ލިޔަސް އެއިން މާނަކުރެވޭނީ އަހަރެންގެ ދިރިއުޅުމަށް އައިސްފައިވާ އެކަނިވެރިކަމެވެ. ކުއްލިއަކަށް އެ ކަން ބަދަލުކޮށްލީމެވެ. އަމަންއަށް އެންގުމަށް ޓަކައެވެ. ފައިޒާންގެ ފޮޓޯނުލިޔަސް ކޮފީތަށްޓާއި، ލޯބިވެރިޔާއަށް ފޮނުވާ ކަހަލަ ލިޔުންތަކުގެ ފޮޓޯތައް ލާން ފެށީމެވެ. އޭގެ އިތުރަށް، އަމަންއަށް ގުޅުން ވެސް އަހަރެން ހުއްޓައިލީމެވެ. މާލޭގައި ތިބޭ އަމަންގެ ރިޕޯޓަރުން ބަރާބަރަށް ޚަބަރު ފޮނުވާނެކަން އެނގިހުރެއެވެ.
އަހަރެން ދުރަށްޖެހިލުމާއެކު، ފުރަތަމަކޮޅު އަމަންގެ ވަރަށް ދިގު މެސެޖުތައް އައެވެ. ފޯނެއް ނުކުރެއެވެ. އަހަރެން ފައިޒާނާ ރައްޓެހިވިކަން އޭނައަށް އެނގޭކަން، ދުރުދުރުން އަހަންނަށް އަންގައިލިއެވެ. އަހަންނަށް ޓަކައި ހެޔޮދުއާކުރިއެވެ. ހިތްބަރުނުކުރާނެކަމުގެ ޔަގީންކަން ވެސް ދިނެވެ. އެއަށް ވުރެ ބޮޑުވަރު ކުރާކަށް އަމަންއަކަށް ވަގުތެއް ނުވިއެވެ. ނުވަތަ އަހަރެން މަތިން އޭނަ ފޫހިވީއެވެ. އެހެން ގޮތެއް ވެސް ހީވިއެވެ. އޭނައަށް ކަމުދާ ކަހަލަ، މޮޅަށް ކިޔަވައިގެން ހުރި ކުއްޖަކު ލިބުނީއެވެ.
އަހަރެންގެ ހުރިހައި ސަމާލުކަމެއް ފައިޒާނާ ދިމާއަށް އެނބުރުނެވެ. ފައިޒާނާއި އަހަރެންގެ ލޯބި މެދު އުޑުގައި ފިޔަޖަހަން ފެށިއެވެ. މައިންބަފައިންގެ ރުހުން ނުލިބުނަސް، އަހަރެން ގަދަފައި ވިއްދައިލުމުން އަހަންނަށް ހުރަސްއަޅާކަށް އެކަކަށް ވެސް ނުކެރުނެވެ. ފައިޒާން ގެއަށް ގެންނަމެވެ. އެ ގެއަށް އަހަރެން ދަމެވެ. އޭނަގެ މައިންބަފައިންނާއި އަހަރެންގެ މައިންބަފައިންގެ ގުޅުން ބަދަހިކުރުވީމެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އެއް ކަމެއް އަހަންނަށް ކަށަވަރެވެ. އަހަރެން ދެކެ ފައިޒާން ލޯބިވާ ވަރާ ގާތަށް ވެސް އަމަންއަކަށް އަހަރެން ދެކެ ލޯތްބެއް ނުވެވުނެވެ.
އަހަރެން ގުޅާ ކޮންމެ ވަގުތަކު ފައިޒާން ފޯނުނަގައެވެ. ރެޔާއި ދުވާލު އަހަރުމެން ބައްދަލުކުރަމެވެ. ފައިޒާން އޭރު އަދި ވަޒީފާއަކަށް ނުވަދެއެވެ. އެކަމަކު އަހަރެން ނިންމާ ކޮންމެ ދުވަހަކު ވެސް ކައިވެނިކުރަން އޭނަ ހުރީ ތައްޔާރަށެވެ. ވަޒީފާއާއި، މުސާރައާއި، ކިޔެވުމަށް ވުރެ ވެސް ފައިޒާނަށް މުހިންމީ އަހަންނެވެ. ލޯބިވެރިއެއްގެ ހުންނަންޖެހޭ ފުރަތަމަ ޝަރުތަކީ އެއީއެވެ. އަހަރެން ލޯބި ކިޔަނީ ވެސް އެއަށެވެ.
އަހަރުތަކެއް ފަހުން، ވަރަށް އެހެން ކަހަލަ ގޮތެއް އަހަންނަށް ވާން ފެށިއެވެ. ލޮލުގެ ފެނުން ނުސާފުވެފައި، ފެންނަ ހުރިހައި އެއްޗެއް ފައްތަރުވާން ފެށީއެވެ. އަހަންނަކީ ކަވި މަސައްކަތްކުރާ މީހެކެވެ. ލޯ ވަރުބަލިވާން ފެށިއެވެ. ބައެއް ފަހަރު ވިދާލާހެން ވެސް ހީވެއެވެ. ކަޅިމަތީގައި މަކުނުވާކޮޅެއް ހުންނަހެން ހީވުމާއި، އަލި ގަދަ ކޮންމެ އެއްޗެއްގެ ވަށައިގެން ވަށްބޮޅެއް ވެސް ހުންނަން ފެށިއެވެ. ކިރިޔާ ވެސް އަލި އެއްޗަކަށް ބަލަން އުނދަގޫވުމާއި، ހަލުވި ބާރުމިނެއްގައި ފެނުން ފުސްވާން ފެށިއެވެ. އަހަރެންގެ ހުރިހައި މަސައްކަތަކަށް ބޮޑު ހިޔަންޏެއްއެޅެން ފެށިއެވެ.
ޑަކުޓަރަށް ދެއްކީމެވެ. ލިބުނީ ސިއްސައިގެންދާ ކަހަލަ ރިޕޯޓެކެވެ. ގަބޫލުނުކުރެވިގެން އެތައް ޑަކުޓަރަކަށް ދައްކައި، އެ ވަރުން ނުވެގެން ރާއްޖެއިން ބޭރަށް ވެސް ދިޔައީމެވެ. ލިބުނީ އެއް ޖަވާބެކެވެ. އަހަރެންގެ ލޯ އަނދިރިވަނީއެވެ. އެ ބައްޔަކަށް ފަރުވާއެއް ނެތެވެ.
ނުނިމޭ