ހިޔާ ފްލެޓުގައި ހުޅުމާލެ ހޮސްޕިޓަލުގެ ކްލިނިކެއް ހުޅުވަނީ
ހިޔާ ފްލެޓުގައި ހުޅުމާލެ ހޮސްޕިޓަލުގެ ކްލިނިކެއް ހުޅުވަނީ

ހިޔާ ފްލެޓުގައި ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކެއް ހުޅުވައި މާދަމާ ހިދުމަތް ދޭން ފަށަން ތައްޔާރުވެއްޖެ އެވެ.

މިއީ ސަރުކާރު ހޮސްޕިޓަލެއްގެ ހިދުމަތް ހުޅުމާލެ ދެވަނަ ފިޔަވަހިން ލިބޭ ފުރަތަމަ ފަހަރެވެ.

"ޖީޕީ ކްލިނިކް" ގެ ނަމުގައި ހުޅުވާ ހުޅުމާލެ ހޮސްޕިޓަލުގެ ކްލިނިކް ހަދާފައިވަނީ ހިޔާ ފްލެޓުގެ 16 ވަނަ ޓަވަރުގަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އެ ހޮސްޕިޓަލްގެ އޯޕީޑީ ހިދުމަތްތަކަށް ވަރަށް ބާރުބޮޑުވެ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެހެންވެ ޖީޕީ ކްލިނިކް ހުޅުވައި ޖެނަރަލް ކޮންސަލްޓޭޝަންގެ ހިދުމަތްތައް އެ ކްލިނިކުން ފަށަން ނިންމީ އެކަމުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލަށް ބާރު ކުޑަވެ، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބޭނެތީ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ވަގުތަށް އެ ކްލިނިކުން ލިބޭނީ އާންމު ބަލިތަކާ ބެހޭ ޑޮކްޓަރަށް ދެކުމުގެ ހިދުމަތެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 5:00 އަށް ކްލިނިކް ހުޅުވާފައި ހުންނާނެ އެވެ.

ޖީޕީ ކްލިނިކްގެ ފަރާތުން "މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އެތަނުގައި ކުޑަ ކުދިންގެ ވެކްސިން ޖެހުމާއި ކުދި އޮޕަރޭޝަންތައް ކުރުމާއި އެހެނިހެން ހިދުމަތްތަކަށް ވެސް ހުޅުވާލާނެ ކަމަށެވެ.

ފުރަތަމަ ފަށައިގަންނަ އިރު ވެއިޓިން އޭރިއާ އާއި ޖެނަރަލް ކޮންސަލްޓޭޝަނަކާއި އިން ހައުސް ލެބޯޓްރީ އިންވެސްޓިގޭޝަނާއި އެސްޓީއޯ ފާމަސީ ސަރަހައްދު ހުޅުވާނެ އެވެ. ޕަބްލިކް ހެލްތް ޔުނިޓާއި ނާސިން ޕްރޮސީޖާސް ފަށާނީ އެ ކްލިނިކް ތަރައްގީ ކުރުމުގެ މަސައްކަތް އެކީ ނިމުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.