16 ޖެނުއަރީ 2017 - 11:44

މަހިބަދޫ ސްޕޯޓްސް ކްލަބުގެ ކެޕްޓަން މިދުހަތު ފަހުމީ (ބިޗަޑް) އޭނާގެ ކުރީގެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓަށް ސޮއިކޮށްފި އެވެ.
މާޒިޔާ އާއި ގައުމީ ޓީމުގެ ވިންގާ މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) ގެ ކޮއްކޮ މިދުހަތު ވަނީ 2013 ވަނަ އަހަރު ނިއުގައި ކުޅެފަ އެވެ. އެކަމަކު ޖެހިގެން ދެ އަހަރު އުފަން ރަށު ޓީމު ކަމަށްވާ މަހިބަދޫ އިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު އެ ޓީމަށް ކުޅުނެވެ. އޭގެ ފަހުން އެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން އޭނާ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ކުޅުނެވެ.
މިދުހަތަކީ އެޓޭކިން މިޑްފީލްޑަރުގެ މަގާމަށް އަދި އަރިމަތިން ވެސް މޮޅަށް ކުޅޭ ކުޅުންތެރިޔެކެވެ.
ނިއު އަށް ގެނެސްފައިވާ ބިދޭސީ ހަތަރު ކުޅުންތެރިން ވަނީ ކްލަބުގެ މެޑިކަލް އަދި ފިޒިކަލް ޓެސްޓުން ފާސްވެ ކޮންޓްރެކްޓުގައި ރޭ ސޮއިކޮށްފަ އެވެ. އެއީ ފިލިޕީންސް ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ ހޯދާފައިވާ ސްޕެއިނުގެ އެޑްރިއަން ގަލާޑޯ އާއި ނެދަލެންޑްސް މިޑްފީލްރު ޖަމެލް ރޮމާނޯ ލީފްލޭންގާއި ޖަޕާން މިޑްފީލްޑަރު ކެސިއުކޭ އޮގާވާ އަދި ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ޑެނިއަލް ޕަޕޯ އެވެ.
މީގެ އިތުރުން ނިއުގެ ގޯލްކީޕަރު ޓްރޭނަރަކަށް ގައުމީ ޓީމުގައި ކުރިން މަސައްކަތްކުރި ހަސަން ހަމީދު (ޑަކޭ) ހަމަޖައްސައި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ނިއު އާއި އައިއެފްސީ އަދި ޔޫތު ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑަކޭ ވަނީ މީގެ ކުރިން ވެސް ނިއުގައި މަސައްކަތްކޮށްފަ އެވެ.