އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވި އައްބާސް ބަންދުން ދޫކޮށްލައިފި
އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވި އައްބާސް ބަންދުން ދޫކޮށްލައިފި

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލައި ޓްވީޓްކުރި މައްސަލާގައި ހައްޔަރުކުރި އައްބާސް އާދިލް ރިޒާ، ބަންދުން ދޫކޮށްލައިފި އެވެ.

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ކުރި ޓްވީޓުގެ މައްސަލާގައި އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރި އެވެ.

އައްބާސް އާދިލް ރިޒާ، އޭނާގެ ޓްވިޓާގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގެ އެކި ތަންތަނުގައި ރޯކޮށްފައިވާ ފޮޓޯތަކެއް އާންމުކޮށް، އެކަމުގެ ބަދަލު އަދި ނުހިފޭ ކަމަށް ބުނެފަ އެވެ. އޭރު އައްޑޫގައި ހުޅު ޖެހީ އިންޑިއާގެ އޯޑަރަކަށް ކަމަށް ބުނެ އޭނާ ވަނީ އެ ބަދަލު ހިފުން ފެށުމުގެ ގޮތުން އިންޑިއާ އެމްބަސީން ފަށަން ކިހިނެެއްވާނެތޯ ސުވާލުކޮށްފަ އެވެ.

އެ ޓްވީޓާ ގުޅިގެން އޭނާ އެންމެ ފުރަތަމަ ބުނެފައި ވަނީ އޭނާ ސޯޝަލް މީޑިއާގައި ނޫޅޭ ކަމަށެވެ. އެކަމަކު ކުރިން އެ އެކައުންޓުން ކުރާ ޓްވީޓްތަކުން ނޫސްތަކުން އޭނާއާ ހަވާލާދީ ހަބަރުތައް ވެސް ހަދާފައިވެ އެވެ. އޭރު އެކަން ދޮގެއް ނުކުރެ އެވެ.

އިންޑިއާ ހައި ކޮމިޝަނުގައި ހުޅު ޖަހަން ގޮވި މައްސަލަ ސަރުކާރުން ވެސް ކުށްވެރިކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އިދާރާތަކުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށެވެ. އަދި ޑިޕްލޮމެންޓުންނާއި އާންމުންގެ ރައްކާތެރިކަން ގެއްލޭ ގޮތަށްދޭ އެފަދަ އިންޒާރުތައް އަޅާނުލާ ދޫކޮށްނުލާނެ ކަމަށް ވެސް ބުންޏެވެެ.

އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.