ޓީއެމްއޭގެ މައުލޫމާތުތަކެއް ހެކްކޮށްފައިވާ ކަމަށް ބުނެފި
ޓީއެމްއޭގެ މައުލޫމާތުތަކެއް ހެކްކޮށްފައިވާ ކަމަށް ބުނެފި

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސިއްރު މައުލޫމާތުތަކެއް ވަގަށް ނަގާފައިވާ ކަމަށް ހެކަރުންގެ ގްރޫޕެއް ކަމަށްވާ ރެންސަމް ހައުސް އިން ބުނެފި އެވެ.

މީގެ ކުރިން ވެސް ބޮޑެތި އެކި ކުންފުނިތަކުގެ މައުލޫމާތު ހެކްކޮށްފައިވާ ރެންސަމް ހައުސަކީ މިގޮތަށް މައުލޫމާތުތައް ހެކްކުރުމަށް ފަހު ބަދަލުގައި ފައިސާ ހޯދާ ބައެކެވެ.

އެ ގްރޫޕުން އާންމުކޮށްފައިވާ ޕޯސްޓުގައިވާ ގޮތުން ޓީއެމްއޭގެ މައުލޫމާތުތަކެއް ވަގަށް ނެގީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގަ އެވެ. އެ ގްރޫޕުން ބުނާ ގޮތުގައި އެމީހުން ވަނީ ކުންފުންޏާ ގުޅޭ އެކި މައުލޫމާތު ހިމެނޭ 350 ޖީބީގެ ޑޭޓާ ވަގަށް ނަގައިފަ އެވެ.

އެކަމަކު އެކަމާ ގުޅިގެން ވަކި އެއްޗެއް މިހާތަނަށް ޓީއެމްއޭއަކުން ނުބުނެ އެވެ.

ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓަށް ދަތުރުކުރާ ޓީއެމްއޭގެ ފްލައިޓުތަކުގައި އަހަރަކު މިލިއަނެއްހާ ޓޫރިސްޓުން ދަތުރުކުރެ އެވެ. އެހެންވެ، ޓީއެމްއޭގެ މައުލޫމާތުތައް ހެކްކޮށްފި ނަމަ، އެމީހުންގެ ޒާތީ މައުލޫމާތުތައް ލީކުވުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު އެ ގްރޫޕުން ނަގާފައިވަނީ ކޮން މައުލޫމާތެއް ކަމެއް ނޭނގެ އެވެ.

ޓީއެމްއޭގެ ގިނަ މައުލޫމާތުތަކެއް ނަގާފައިވާ ކަމަށް ހެކަރުންގެ ގްރޫޕަކުން ބުނާއިރު މިމަހުގެ ކުރީކޮޅު ޓީއެމްއޭގެ ޗެކިން ސިސްޓަމަކަށް މައްސަލަތަކެއް ދިމާވެ، އެއާޕޯޓަށް ފުރަން ދިޔަ ޓޫރިސްޓުން އެތަނުގައި ގިނައިރުތަކެއް ވަންދެން މަޑުކުރަން ވެސް ޖެހުނެވެ.