މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރަޝިޔާއިން
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރަޝިޔާއިން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިން ކަން ތަފާސްހިސާބުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ދިހަ ދުވަހު ރަޝިޔާއިން 10،600 މީހަކު ރާއްޖެ އަ އެވެ. މިއީ މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ 18 ޕަސެންޓެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ބައި ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. ރަޝިޔާއަކީ މިދިޔަ އަހަރު ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އެގައުމުން މިދިޔަ އަހަރު އައީ ދެލައްކަ ޓޫރިސްޓުންނެވެ.

ދެވަނައަށް މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އެ ގައުމުން 7،700 ޓޫރިސްޓުން އަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިޔާ އިން މި އަހަރު މިހާތަނަށް އައީ 5،100 ޓޫރިސްޓުންނެވެ.

ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 14 ޕަސެންޓު އިތުރު ކަމަށް ވެސް ތަފާސްހިސާބުން ދައްކަ އެވެ. ވޭތުވެދިޔަ 10 ދުވަހަށް ބަލާއިރު ވެސް ރާއްޖެއަށް ދުވާލަކު އެވްރެޖުކޮށް 5،300 ޓޫރިސްޓުން އާދެ އެވެ.

ސަރުކާރުގެ ޓާގެޓަކީ މިއަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ އިރު އަންނަ ހަފްތާގައި ޗައިނާއިން ވެސް ރާއްޖެއަށް ދަތުރުތައް ފަށާނެ އެވެ. ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޗައިނާ ހުޅުވާލައިފި ނަމަ، ކަނޑައަޅާފައިވާ އަމާޒަށް ވުރެ 10 ޕަސެންޓު އިތުރަށް ޓޫރިސްޓުން ރާއްޖެއަށް ގެނެވޭނެ އެވެ.

ރާއްޖޭގައި މިހާރު ވެސް 168 ރިސޯޓާއި 869 ގެސްޓްހައުސް އާއި 157 ސަފާރީ ހިންގަމުންދެ އެވެ.