ކުރިއަށް އޮތް 18 މަސްތެރޭގައި ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ
ކުރިއަށް އޮތް 18 މަސްތެރޭގައި ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ

ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވާނެ ކަމަށް އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ރޭ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލަށް 40 އަހަރު ފުރުން ފާހަގަކުރަން ކްރޮސްރޯޑްސްގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އެ ބޭންކުން ވަނީ އެ ކުންފުންޏަށް 50 އަހަރު ފުރުމުގެ ކުރިން ހާސިލު ކުރާނެ އިތުރު އަމާޒުތައް ކަނޑައަޅާފައި ކަމަށެވެ. ވިދާޅުވީ، އެ ކުންފުނި އިތުރަށް ފުޅާކުރުމަށްޓަކައި ރާއްޖޭން ބޭރުގައި ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެ އިން ބޭރުގައި ބީއެމްއެލްގެ ބްރާންޗު ހުޅުވަނީ ކޮން ގައުމެއްގައި ކަމެއް އަދި ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުން ބޭންކްގެ ބްރާންޗެއް ހުޅުވަނީ އޭޝިއާގެ ގައުމެއްްގަ އެވެ.

ކާލް ވިދާޅުވިގޮތުގައި، އަމާޒަކީ ބީއެމްއެލަށް 50 އަހަރު ފުރޭ އިރު މަދުވެގެން ދެ ގައުމުގައި ބޭންކުން ހިދުމަތް ދިނުމެވެ. އަދި އެ ކުންފުނީގެ މާލިއްޔަތު 25 ބިލިއަން ރުފިޔާއަށް އެރުވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އެ އަމާޒަށް ދާން ނިންމާފައި ވަނީ 2032 ވަނަ އަހަރު އެވެ.

"ރާއްޖެ އާއި ބީއެމްއެލްއާ މެދު ބޭރުގެ ގައުމުތަކުގައި އިތުރަށް ހޭލުންތެރިކުރަން ޖެހޭ. އެއާ އެކު ބީއެމްއެލް އަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް މިހާރަށް ވުރެ ފުޅާ ކުރެވޭނެ. މިއީ ރާއްޖެ އަށް ބޭރު ފައިސާ ހޯދުމަށް ވެސް ކުރެވިގެންދާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކާލް ވިދާޅުވީ، ބޭންކިން ދާއިރާ ފުޅާކުރުމުގައި ޑިޖިޓަލް ވަސީލަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރަން ބޭންކުން ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް ބީއެމްއެލްގެ މޯބައިލް ބޭންކިންގެ 63 މިލިއަން ލޮގިން ހުރި އިރު އެއް އަދަދު ވަރަށް ބާރަށް އިތުރުވަމުން އަންނަ ކަމަށެވެ.

"މިހާރު ވެސް ބޭންކްގެ އޭޓީއެމްތަކުން 7.8 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ. އަދި އިންޓަނެޓުް މެދުވެރިކޮށް ބޭންކުން 7 މިލިއަން ޓްރާންސެކްޝަން އެބަ ހަދާ. އޭގެ އިތުރުން ޕީއޯއެސް މެދުވެރިކޮށް 3.5 މިލިއަން ޓްރާންސެކްޝަން އެބަ ހަދާ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން އަންނަނީ 350،000 ކަސްޓަމަރުންނަށް މިހާރު ވެސް ހިދުމަތް ދެމުންނެވެ.

ރޭ ބޭއްވި ހާއްސަ ޖަލްސާގައި، ބީއެމްއެލް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންނާއި އެންމެ ގިނަ ދުވަހު އެ ކުންފުންޏަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އެކަމުގެ ހާއްސަ އެވޯޑް ދިނެވެ. އެ ބޭންކް ހުޅުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.