16 ޖެނުއަރީ 2017 - 11:02

ހޮންކޮންގުން ފުރައިގެން ތުރުކީ އަށް ދަތުރު ކުރި، މުދާ އުފުލާ މަތިންދާބޯޓެއް ކިރްގިޒިސްތާނަށް ވެއްޓި މަދުވެގެން 30 މީހަކު މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޮއިން 747 ގެ މި ބޯޓު ވެއްޓުނީ، ތުރުކީ އަށް ދިއުމުގެ މަގުމަތީ ކިރްގިޒިސްތާންގެ މަނަސް ވައިގެ ބަނދަރަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ. މި ހާދިސާގައި ބޯޓު ވެއްޓުނީ ވައިގެ ބަނދަރާ ކައިރީގައި ހުރި އިމާރާތްތަކެއްގެ މައްޗަށް ކަމަށްވާތީ، މަރުވި މީހުންގެ ތެރޭގައި ގިނައީ، އެ އިމާރާތްތަކުގައި އުޅުނު މީހުންނެވެ.
މަނަސް ވައިގެ ބަނދަރުގެ އޮފިޝަލުން ބުނާ ގޮތުގައި ބޯޓު ޖައްސަން އުޅުނު ވަގުތަކީ ދުންފިނީގެ ސަބަބުން، ދުރު ފެންނަ ނިސްބަތް ވަރަށް ކުޑަކޮށް ހުރި ވަގުތެކެވެ. ނަމަވެސް ބޯޓު ވެއްޓުނީ ދުރު ނުފެނިގެން ކަމެއް ނުވަތަ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
މަނަސް ވައިގެ ބަނދަރަށް ޖައްސަން އަންނަނިކޮށް ބޯޓު ވެއްޓުމުގެ ސަބަބުން 15 އިމާރާތެއް ހަލާކުވި އެވެ. ކިރްގިޒިސްތާންގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި ވެއްޓުނު ބޯޓު މުދާ ހިފައިގެން ދަތުރުކުރީ އޭގެ ފަސް ފަޅުވެރިންނާ އެކުގަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާގައި ބޯޓުގެ އެންމެ ފަޅުވެރިއަކު ފިޔަވައި އަނެއް ހަތަރު މީހުން ވަނީ މަރުވެފަ އެވެ.
މިހާތަނަށް ލިބުނު ރިޕޯޓްތައް ބުނާ ގޮތުން މަރުވި ކަމަށް ކަށަވަރު ވެފައިވަނީ 30 މީހުންނެވެ. އަދި ޒަޚަމަވެފައިވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހޮސްޕިޓަލްތަކަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ މީހުން ވެސް ހިމެނޭތީ، މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.