16 ޖެނުއަރީ 2017 - 11:33

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިއުލާންކޮށްފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިިޚާބުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރާއި ރިސޯޓްތަކާއި ސިނާއީ މަރުކަޒުތަކާއި ޖަލުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ބޭނުންވާ ކަމަށެވެ. އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިއުލާނުގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ހަތަރު ކެޓަގަރީއެއްގެ މީހުންނަށް، ވޯޓުލާ ދުވަހަށް، އެކި ނިސްބަތުން އުޖޫރަ ދޭނެ ކަމަށެވެ. އަދި އެ ދުވަހެއްގެ ކެއުމާއި ސަޔަށް ފައިސާ ދިނުމުގެ އިތުރުން ރޭގަނޑު 12 ގެ ފަހުން މަސައްކަތްކުރާ ނަމަ އިތުރު ގަޑީގެ ފައިސާ ވެސް ދޭނެ އެވެ.
އޮފިޝަލަކަށް ވުމުގެ ޝަރުތަކީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށް ވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން ނުވަތަ ޕާޓީއެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މީހަކަށް ނުވުމާއި ކެންޑިޑޭޓެއްގެ އާއިލީ މެމްބަރަކަށް ނުވުމާއި ތައުލީމާއި ތަޖްރިބާ ހުރުމާއި ސިއްހީ ގޮތުން އެކަމަށް ގާބިލްވުމެވެ.
މީގެ އިތުރުން ކެންޑިޑޭޓެއްގެ މަންދޫބަކަށް ނުވަތަ މޮނީޓަރަކަށް ނުވަތަ އޮބްޒާވަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ މީހަކަށް ވެސް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެއް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ އެވެ.