12 ޖެނުއަރީ 2023 - 15:20

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުގެ ރިޕޯޓާއި މަހުޟަރު ބަޔާންތައް ކްރިމިނަލް ކޯޓުން އަދިވެސް ނުދޭތީ އެކަމާ ގުޅޭ މައުލޫމާތު ހޯދަން އިދިކޮޅުގެ ލީޑަރުން މިއަދު ކްރިމިނަލް ކޯޓަށް ހިނގައްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.
ޔާމީންގެ ވަކީލުން އިއްޔެ ވިދާޅުވެފައި ވަނީ، އެ ހުކުމުގެ އިސްތިއުނާފު ތައްޔާރުކުރަން އެ ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓާއި ކޯޓުގައި ދެއްކި ހުރިހާ ވާހަކަތަކެއް ހިމެނޭ މަހުޟަރު ބަޔާންތައް ބޭނުންވާ ކަމަށެވެ. އެކަމަކު، އަދިވެސް ކޯޓުން އެ ލިޔުންތަކެއް ނުދެ އެވެ. ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރަން ލިބެނީ 60 ދުވަހެވެ.
ކްރިމިނަލް ކޯޓުގެ ބޭރުގައި މީޑިއާއާ ވާހަކަ ދައްކަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ، ކޯޓަށް މިއަދު ވަޑައިގަތީ ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދަން އަދި އެކަމާ ބެހޭ މައުލޫމާތު ހޯދަން ކަމަށެވެ.
ނަމަވެސް، މިއަދު ކޯޓަށް ވަޑައިގަތުމުން ކޯޓުގެ އެއްވެސް ވެރިއަކާ ބައްދަލުނުވި ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޯޓުން ބުނީ ރިޕޯޓު ދޫކުރުމާ ބެހޭގޮތުން ގޮތުން މައުލޫމާތު ދޭނީ ވަކީލުންނަށް ކަމަށެވެ.
މައްސަލައެއްގައި ހިމެނޭ ފަރާތަކަށް ނުވަތަ އެ މީހަކު ތަމްސީލްކުރާ ވަކީލުންނަށް ނޫނީ އެކަމަކާ ބެހޭ ލިޔެކިޔުންތައް ދުލެއް ނުކުރާނެ އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ ވަކީލުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާ ވެސް އަވަހަށް ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރަން ކަމަށެވެ.
އިދިކޮޅު ލީޑާޝިޕާ އެކު މިއަދު ޔާމީންގެ ވަކީލުން ކޯޓަށް ވަޑައެއް ނުގަންނަވަ އެވެ.
ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް ކޯޓަށް އޮންނަނީ ބަންދު ދުވަސްތައް ނުލައި 14 ދުވަހެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަންނަ ހަފްތާގެ ކުރީކޮޅު، ރިޕޯޓު ނިންމާލައި ޔާމީންގެ ވަކީލުންނަށް ދެވޭނެ ކަމަށެވެ.
އާ އަހަރުގެ ފުރަތަމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހަކަށް ވާތީ އެ ދުވަހާއި ހަފްތާ ބަންދު ދުވަސްތައް ނުލައި މިއަދަކީ ޔާމީނަށް ހުކުމް ކުރިތާ 13 ވަނަ ދުވަހެވެ. ރިޕޯޓު ދޫކުރަން ޖެހޭ މުއްދަތު ހަމަވާނީ އަންނަ އާދީއްތަ ދުވަހު އެވެ.
އިދިކޮޅުގެ ލީޑަޝިޕުން މީގެ ކުރިން ކޯޓަށް ގޮސްފައި ވަނީ ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓު ހޯދާށެވެ. އެއީ އާރަށުގެ މައްސަލައިގައި އެމަނިކުފާނަށް ހުކުމް ކުރި ދުވަހުގެ ޖެހިގެން އައި ދުވަހު އެވެ. އެ ދުވަހު އެމަނިކުފާނުގެ ވަކީލުން ވަނީ ހުކުމް ކުރި މަޖިލީހުގެ ލައިވް ރެކޯޑިން ކޯޓުގެ ޔޫޓިއުބް ޗެނަލުން ފެންނަން ނެތުމުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނަށް އިއްވި ފަސް އަހަރުގެ ހުކުމް އޭރު އެ މަނިކުފާނުގެ ވަކީލުން އިސްތިއުނާފު ކުރަން ހުށަހެޅީ ހުކުމް ކުރިތާ ދެ ދުވަސް ތެރޭގަ އެވެ. އޭރު އިސްތިއުނާފު ކުރަން އެމަނިކުފާނުގެ ފަރާތުން 75 ނުކުތާ ހުށަހެޅި އެވެ.