ހަނގުރާމައިގެ ކޮމާންޑަރުކަން ރަޝިޔާގެ އެންމެ އިސް ޖެނެރަލަށް
ހަނގުރާމައިގެ ކޮމާންޑަރުކަން ރަޝިޔާގެ އެންމެ އިސް ޖެނެރަލަށް

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރުގެ މަގާމަށް، އެ ގައުމުގެ ސިފައިންގެ އެންމެ އިސް ޖެނެރަލް ވެލެރީ ގެރަސިމޯވް މިއަދު ހަމަޖައްސައިފި އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ދިފާއީ ވަޒީރު ސަރްގޭ ޝުއިގޯ މިއަދު ވަނީ ރަޝިޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ޖެނެރަލް ވެލެރީ ގެރަސިމޯވްއާ މިއަދު ބައްދަލުކުރައްވައި، ޔޫކްރޭން ހަނގުރާމައިގެ ހުރިހާ ޒިންމާތަކެއް ހަވާލު ކުރައްވައިފަ އެވެ. މި ބަދަލާ އެކު، ޔޫކްރޭންގައި ރަޝިޔާ ސިފައިން މިހާރު ކުރިއަށް ގެންދާ އަސްކަރީ ހުރިހާ ހަރަކާތްތަކެއް ކުރިއަށް ދާނީ ޖެނެރަލް ވެލެރީގެ ރޭއްވެވުމުގެ މަތިންނެވެ.

އޭގެ އިތުރުން ރަޝިޔާ ސަރުކާރުން މިއަދު ވަނީ، ޔޫކްރޭން ހަނގުރާމައިގެ އިސް ކޮމާންޑަރުގެ މަގާމުގައި އޮކްޓޫބަރު 8، 2022 ން ފެށިގެން މިއަދާ ހަމައަށް ހުންނެވި ޖެނެރަލް ސެރްގޭ ސުރުވިކިން (ޖެނެރަލް އާމެގެޑަން) އެމަގާމުން ދުރުކޮށް، އޭނާ ހަމަޖެއްސީ ޔޫކްރޭން ހަނގުރާމައިގެ ކޮމާންޑަރުގެ ނާއިބުގެ މަގާމަށެވެ. އެންމެ ތިން މަސް ތެރޭގައި މަގާމުން ދުރުކޮށް ނައިބަކަށް ހަމަޖެއްސި އިރު، އޭނާގެ ކޮމާންޑަރުގެ ކަމުގެ ދަށުން، ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

އެ ގޮތުން، ޖެނެރަލް އާމެގެޑަންވަނީ، ޔޫކްރޭނުން ރަޝިޔާ ސިފައިން ހިފި ބިންތަކުގައި ތިބި ރަޝިޔާ ސިފައިންގެ ފައުޖުތައް އަލުން ތަރުތީބުކޮށް ފައުޖުތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް ބަދަހިކަން އިތުރުކޮށްފަ އެވެ. އަދި އޭނާގެ ކޮމާންޑަރުކަމާ ހަވާލުވެ، ޔޫކްރޭންގެ މަދަނީ އަމާޒުތަކަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫކްރޭންގެ ކަރަންޓު ވިއުގައަށް ދިން ޑްރޯން ހަމަލާތައް ފާހަގަކޮށްލެވެ އެވެ.

ނަމަވެސް، ހުޅަނގުގެ ގައުމުތަކުން ދިން ޒަމާނީ ހަތިޔާރުތަކުގެ އެހީގައި ޔޫކްރޭނުން ދިން ދިފާއީ ހަމަލާތަކުގެ ސަބަބުން ރަޝިޔާ ސިފައިންނަށް، މިދިޔަ މަހުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ރަޝިޔާ ސިފައިން ހިފި ޔޫކްރޭންގެ ބިންތަކުގެ ތެރެއިން، ޚެރްސޯންގައި ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދުން ބޭލުމަށް، ޖެނެރަލް އާމެގެޑަން މިދިޔަ މަހުގެ ތެރޭގައި ނިންމި އެވެ.

ޔޫކްރޭން ހަނގުރާމައިގެ ކޮމާންޑަރަކަށް ރަޝިޔާގެ އެންމެ އިސް ޖެނެރަލް ހަމަޖެއްސުމުން ހަނގުރާމައިގެ އުޑި އެނބުރެމުންދަނީ އިތުރު ނުރައްކާތަކުގެ ތެރެއަށް ކަމަށް، އަސްކަރީ ތަޖުރިބާކާރުން ބުރަވެ އެވެ. މި ބަދަލުން އެނގޭ އެއް ކަމަކީ، އަވަސް މުއްދަތެއްގައި ހަނގުރާމަ ހުއްޓުމުގެ ވިސްނުމެއް ރަޝިޔާ އިން ނުގެންގުޅޭ ކަމެވެ. އަނެއް ކަމަކީ، ހުޅަނގުގެ އަސްކަރީ މަދަދާ އެކު ޔޫކްރޭނުން ހޯދަމުންދާ ކުރިއެރުންތަކުގެ ކުރިމަތީގައި ރަޝިޔާ ސިފައިންވެސް ގޮތް ހުސްވެ ކަންބޮޑުވަމުންދާ ކަމެވެ.