12 ޖެނުއަރީ 2023 - 11:55

މިދިޔަ މަހު ފެމިލީ ކޯޓުން 309 ކައިވެނިކޮށްދީފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ކައިވެނިތައް ގިނަ ޑިސެމްބަރު މަހަށް ބަލާއިރު، އެ މަހު ވަރީގެ އަދަދު ނިސްބަތުން ދަށްވެފަ އެވެ. އެއީ 94 އެވެ.
ރީތި ތާރީހުތަކުގައި ކައިވެނިކުރަން ގިނަ ބަޔަކު އިސްކަން ދޭއިރު މިދިޔަ މަހަކީ އެފަދަ ތާރީހުތައް ގިނަ މަހެކެވެ. އާންމުކޮށް އެންމެ ގިނަ މީހުން ކައިވެނި ކުރަނީ ވެސް އަހަރުގެ ފަހުކޮޅު ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މިދިޔަ މަހު 309 ކައިވެނި ކުރި އިރު، މިދިޔަ މަހު އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނިކޮށްފައި ވަނީ އެ މަހުގެ އެންމެ ރީތި އެއް ތާރީހު 22/12/2022ގަ އެވެ. ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެ ދުވަހު އެކަނި 58 ކައިވެނި ކޮށްދިނެވެ.
މިދިޔަ މަހު ކައިވެނިތައް ގިނަ ދުވަސްތަކުގައި، ކޯޓަށް ދާ މީހުންނަށް ފަސޭހަ ކޮށްދީ، އަވިން ސަލާމަތްކޮށްދިނުމަށް ކައިވެނި ޑިވިޝަންގެ ބޭރުގައި ދުވާރު މަތީގައި ޓެންޓާއި ގޮނޑި ވެސް ޖެހި އެވެ. އެއް ދުވަހެއްގައި ގިނަ އަދަދެއްގެ ކައިވެނި ކުރާ ނަމަ ފެމިލީ ކޯޓުން އެފަދަ އިންތިޒާމުތައް ކުރިން ވެސް ހަމަޖައްސަ އެވެ.
ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ޑިސެމްބަރު މަހު ގިނަ އަދަދެއްގެ ކައިވެނިކޮށްފައިވެ އެވެ. ވަކިވަކި ރަށްތަކުގެ ކޯޓުތަކުން ކޮށްދޭ އެ ކައިވެނިތަކުގެ ތަފާސްހިސާބުތަކެއް އެނގޭކަށް ނެތެވެ.
ޑިސެމްބަރު މަހު ފެމިލީ ކޯޓުން 94 ވަަރި ކޮށްދިން އިރު، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު ވަރީގެ 144 މައްސަލަައެއް ކޯޓަށް ހުށަހެޅި އެވެ.
ޑިސެމްބަރު މަސް ފެށުނު އިރު ވެސް، ނުނިމި އޮތް ވަރީގެ 136 މައްސަލަ ކޯޓުގައި އޮތް އިރު، މަސް ނިމުނު އިރު ވަރީގެ ހުރިހާ މައްސަލަތަކުގެ ތެރެއިން ގޮތެއް ނިންމާފައި ވަނީ 120 މައްސަލައެއްގަ އެވެ.
ޑިސެމްބަރު މަހު ވަރިވުމަށް އެދި ހުށަހެޅި މައްސަލަތައް ވަރި ކުރުމަށް އެދި ހުށަހެޅި މައްސަލަތަކަށް ވުރެ ގިނަ އެވެ. ވަރިވުމަށް އެދި 61 މައްސަލަ ހުށަހެޅި އިރު ވަރި ކުރުމަށް އެދި ހުށަހެޅީ 21 މައްސަލަ އެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އަހަރު ނިމުނު އިރު ވެސް ފެމިލީ ކޯޓުގައި ވަރީގެ 160 މައްސަލަ ވަކި ގޮތެއް ނުނިމި އެބަ އޮތެވެ.