މަޓިޕް މައްސަލައިގައި ލިވަޕޫލުން ފީފާގެ ލަފާ ހޯދަނީ
މަޓިޕް މައްސަލައިގައި ލިވަޕޫލުން ފީފާގެ ލަފާ ހޯދަނީ

ލިވަޕޫލް (ޖެނުއަރީ 16) - ލިވަޕޫލަށް ކުޅޭ ކެމަރޫންގެ ޑިފެންޑަރު ޖޮއެލް މަޓިޕްގެ މައްސަލައިގައި އެ ކްލަބުން ފީފާގެ ލަފައަކަށް އެދިއްޖެ އެވެ.

އުމުުރުން 25 އަހަރުގެ މަޓިޕް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމުން ރިޓަޔަކުރީ އެ ގައުމުގެ ފުޓްބޯޅަ އިދާރާއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުން ތަކުގެ ސަބަބުންނެވެ. އޭގެ ފަހުން ގައުމީ ޓީމު ސްކޮޑަށް މަޓިޕް ނެގުމަށް އެ ގައުމުން އެހާ ބޮޑަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ނަމަވެސް މި ސީޒަން ފެށުމުގެ ކުރިން ޝާލްކާ ދޫކޮށް ލިވަޕޫލާ ގުޅުނު ފަހުން މަޓިޕް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެންވެ ކެމަރޫންގެ ކޯޗު ހޫގޯ ބްރޫސް ވަނީ މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަން އަށް ނެގި ކެމަރޫން ސްކޮޑުގައި މަޓިޕް ހިމެނުމަށް މަސައްކަތް ފަށައިފަ އެވެ.

މަޓިޕް އަލުން ޓީމަށް ގެންނަން ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް އެކަން ކާމިޔާބު ވާގޮތެއްނުވި އެވެ. ނިންމުން ބަދަލުކޮށް ޓީމަށް އެނބުރިދާން ބޭނުންނުވާ ކަމަށް މަޓިޕް ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ކެމަރޫންގެ އެފްއޭ އިން ވަނީ މަޓިޕް ސަސްޕެންޑް ކުރުމަށް ފީފާގައި އެދިފަ އެވެ. އެހެން ނަމަވެސް ފީފާއިން އެކަމަށް ޖަވާބެއް ދީފައިނުވެ އެވެ. އޭގެ ފަހުން ވެސް ކެމަރޫން އިން މަޓިޕް ގެންނަން މަސައްކަތް ކުރި ނަމަވެސް މަޓިޕް ވިސްނުން ބަދަލު ނުކުރި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ލިވަޕޫލް ސްކޮޑުގައި ފުރަތަމަ މަޓިޕް ހިމެނި ނަމަވެސް ފަހުން އޭނާ ބާކީ ކުރަން ނިންމި އެވެ. ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް ކަންތައްކުރީ މިކަމުގައި ފީފާގެ ލަފައެއް ހޯދުން މުހިއްމު ކަމެއްގެ ގޮތުގައި ދެކޭތީ ކަމަށެވެ.

ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލާ މި ސީޒަނުގައި ގުޅުމަށް ފަހު އެ ޓީމު ފަހަތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސީޒަނުގެ މިހާތަނަށް ލިވަޕޫލް ބަލިވި ތިން މެޗަކީ ވެސް މަޓިޕް ނުލައި ކުޅުނު ތިން މެޗެވެ.