11 ޖެނުއަރީ 2023 - 23:24

އިންޑިއާގެ ކެެއުމަށް ހާއްސަ ކޮށްގެން ހިންގާ އިވްނިން ކެފޭގައި މިރޭ އަލިފާން ރޯވުމާ ގުޅިގެން ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އިމަޖެންސީ މެނޭޖްމަންޓުގެ ޑިރެކްޓަރު ފަރޫޝާ އަލީ "މިހާރު" އަށް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އެއް ގެއެއްގެ ދެ ފްލޯއަކުން މީހުން ހުސްކޮށް، ގެސްޓް ހައުސްއަކުން ވަގުތީ ހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށެވެ.
ވަގުތީ ގޮތުން މީހުން ބަދަލުކުރީ މ. ގުލޭނޫރަންމާގޭގެ ހަތަރެއް އަދި އަށް ވަނަ ފްލޯއިންނެވެ. އިވްނިން ކެފޭގެ ފުރަގަހުން އިރާކު މަގުގައި ހުންނަ އެ ގޭގެ ބައެެެއް ފްލޯތަކަށް އަލިފާނުގެ އަސަރު ކުރި އެވެ.
އޯކިޑްމަގުގައި ހިންގާ ކެފޭގައި މިރޭ 6:10 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލީ އޭގެ ގަޑިއިރެއް ފަހުންނެވެ. އެ ހާދިސާގައި ކެފޭއަށާއި އެ ތަނުގައި މީހުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ފަރޫޝާ ވިދާޅުވީ ގުލޭނޫރަންމާގެ އިން ބައެއް މީހުން ހުސްކުރީ ގޭގައި ދުމުގެ އަސަރު ހުރުމާއި ބަލި މީހަކު ވެސް އުޅޭތީ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން ނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރި ކަމަކަށް ފާހަގަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ރޯވި އިމާރާތުގައި ހުންނަ އިވްނިން ކެފޭގެ އެކޮމޮޑޭޝަން ބްލޮކުގައި ތިބި 25 މީހުންނާ، އެ ތަނުގެ ވެރިން ވަނީ ހަވާލުވެފަ އެވެ.