23 ފެބުރުއަރީ 2023 - 06:30

އެންމެ ޒުވާން އުމުރުގައި އަބްދުއްސައްތާރު އިބްރާހިމްފުޅު ދިޔައީ މަހަށެވެ. އޭނާގެ ހިތް ދެން ޖެހުނީ ތެދުއި ވަޑާމާއި ކިއްސަރު ވަޑާމަށެވެ. އޮޑިދޯނިފަހަރު ބަނެވެ. ލޯވިރުވި އެވެ.

އެކަމަކު، އެ ހުރިހާ މަސައްކަތެއް ދޫކޮށްލުމަށްފަހު ރަނގަޅު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ ބުޅި ހަދަން ސައްތާރު، އޭނާގެ އުފަން ރަށް، ރ. އިނގުރައިދޫގައި ފެށި އެވެ.

މިހާރު 30 އަހަރުވީ އެވެ. އަމިއްލައަށް ފެށި މަސައްކަތުން ފެށި ކުޑަ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާވެއްޖެ އެވެ.

މަސްވެރިކަމަށް ކޮށްދެމުން އަންނަ ހިދުމަތުގެ އަގުވަޒަންކޮށް، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އޭނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެވޯޑު އަރުވައިފަ އެވެ.

ސައްތާރު، 73، ބުނިގޮތުގައި އޭނާ އެންމެ ފުރަތަމަ ބުޅި ޖަހަން ފެށީ ނަރުގަނޑު، އަތުން ލަންބައިގެންނެވެ. އޭރު އެ ވިއްކީ ވެސް ތިން ރުފިޔާއަށެވެ.
ނަމަވެސް، ޓެކްނޮލޮޖީއާއެކު މި ކަމަށް ލުއެއް ލިބިއްޖެ އެވެ. މަސައްކަތް ވެސް ހަލުއިވެއްޖެ އެވެ.
"މިހާރު ބުޅި ހަދަނީ، މިނަށް ބުރި ކޮށްފައި ދަތި ދަމަނީ ހޮޅި ކޮޅެއް ލައްވައިގެން. ގާތްގަނޑަކަށް 43 މިނެޓުން ދުވާލެއްގެ މައްޗަށް 50 ބުޅި ހެދޭ. މިހާރު ލަނބާ ދުވަހެއްގައި ލަނބަނީ. ބުޅި ހަދާ ދުވަހެއްގައި ހަދަނީ." 12 ދަރިންގެ ބައްޕަ ބުންޏެވެ.
އޭނާ ބުނީ ބުޅި ހަދައިގެން އެ އަތޮޅޫ މަޑުއްވަރީ އާއި ކަނދޮޅުދު އަށް ވެސް ކުރިން ފޮނުވި ކަމަށެވެ. އެކަމަކު، މިހާރު ބުޅި ފޮނުވަނީ މަލިކަށެވެ.
މަލިކުގައި ތިބޭ މަސްވެރިން ބުނާ ވަރަށް ބުޅި ހެދުމުން އެ އެއްޗެހި އެ ގައުމަށް ފޮނުވަނީ ކޮޗިން އިން އެ ތަނަށް ދާ ފެރީންނެވެ.
މި ކަމުގައި ބޭނުންކުރާ ނަރު ނޫން ހުރިހާ އެއްޗެއް ފޮނުވަނީ މަލިކުންނެވެ. އޭގެ ތެރޭގައި ތޮޅިއާ، ފިޔައާ، ހޮޅި އަދި ސްޓިކާ ހިމެނެ އެވެ.
"އެހެން މަސްވެރިން ބުނީމަ ވެސް ހަދާފައި ފޮނުވަން. ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ބޭނުންކުރާނެ އަޅުގަނޑު ހަދާ ބުޅިތައް." އޭނާ ބުންޏެވެ.
ސައްތާރު ބުނީ އޭނާއަށް ލިބުނު އަދި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މީހެއްގެ އަތުން ލޯނެއް ނުނަގާ، މި މަސައްކަތުން ލިބުނު އާމްދަނީ ހެޔޮ ގޮތުގައި އޭނާގެ ދަރިންތައް ތަރުބިއްޔަތު ކުރެވުމެވެ.
"މި މަސައްކަތް ބުރައެއް ނޫން. އާމްދަނީ ހޯދަން ރަނގަޅު މަސައްކަތެއް." އޭނާ ބުންޏެވެ.