ސޯދުބެ އެޑްމިޓުކޮށްފައި އޮތުމުން ދަރިފުޅުގެ ކައިވެނި ހޮސްޕިޓަލްގައި
ސޯދުބެ އެޑްމިޓުކޮށްފައި އޮތުމުން ދަރިފުޅުގެ ކައިވެނި ހޮސްޕިޓަލްގައި

ހަގު ދަރިފުޅު ރައުފަތު ސޯދިގާއި ޅީދަރިފުޅު ޝުހުދާ އަބްދުއްލަތީފުގެ ކައިވެންޏަށް އެންމެ އިންތިޒާރުކުރި އެކަކަކީ ބައްޕަ އަބްދުﷲ ސޯދިގު (ސޯދުބެ) އެވެ. ނަމަވެސް، އޮކްސިޖަން މަދުވެ، ސޯދުބެގެ ހާލު ދެރަވާން ފެށުމުން ކައިވެންޏަށް ދެ ހަފުތާ ވެފައި އޮއްވައި ޖެހުނީ ހޮސްޕިޓަލުގައި އެޑްމިޓް ވާށެވެ.

ސޯދުބެ އެޑްމިޓުކޮށްފައި އޮތުމުން ދަރިފުޅުގެ ކައިވެނި ހޮސްޕިޓަލްގައި
ސޯދުބެ އެޑްމިޓުކޮށްފައި އޮތުމުން ދަރިފުޅުގެ ކައިވެނި ހޮސްޕިޓަލްގައި

އެކަމަކު، ހޮސްޕިޓަލުގައި އާއްމުކޮށް އެޑްމިޓްކުރާ ފަހަރުތަކާ ހިލާފަށް، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ހޯއްދަވާފައިވާ ސޯދުބެ އަށް ވެސް މި ފަހަރުގެ ތަޖުރިބާ ތަފާތެވެ؛ އެއީ ހޮސްޕިޓަލްގައި ބަލި އެނދުގައި ފަރުވާ ހޯއްދަވަމުން ވެސް ދަރިފުޅުގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހުގެ ހަފުލާގައި ބައިވެރިވެވުނީމަ އެވެ.

ސޯދުބެ އެޑްމިޓުކޮށްފައި އޮތުމުން ދަރިފުޅުގެ ކައިވެނި ހޮސްޕިޓަލްގައި
ސޯދުބެ އެޑްމިޓުކޮށްފައި އޮތުމުން ދަރިފުޅުގެ ކައިވެނި ހޮސްޕިޓަލްގައި

މިދިޔަ ޑިސެމްބަރު 13 ގައި ކުރި ރައުފަތާއި ޝުހުދާގެ ކައިވެނި ސޯދުބެ އަށް އެހާ މުހިންމުވީ އެހެންވެ އެވެ.

ރައުފަތު "މިހާރު" އަށް މިއަދު ބުނީ ކައިވެނީގެ ތައްޔާރީތަކާ ގުޅޭގޮތުން ބައްޕަ ވަރަށް ގިނައިން ސުވާލު ކުރެއްވި ކަމަށެވެ. އެ ހަފުލާގައި ލިބޭނެ ކާ އެއްޗިއްސާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވުމުން، ބައްޕަ އުފާވެފައި ހުރި ވަރު އެނގުނު ކަމަށް އޭނާ ބުންޏެވެ.

"ބައްޕަ އަށް ފަސޭހައިން އެއް ތަނުން އަނެއް ތަނެއް ނުދެވޭތީ ފުރަތަމަ ވެސް ނިންމީ ގޭގައި ކައިވެނި ކޮށްފައި އެހެން ތަނެއްގައި ސައެއް ބާއްވަން. އޭރުން މި ހަފުލާގައި ބައްޕަ އަށް ބައިވެރިވެވޭނެތީ،" މިއަދު އުމުރުން 88 އަހަރު ފުރުނު ސޯދުބެއާ ގުޅޭ ގޮތުން ދަރިފުޅު ރައުފަތު ބުންޏެވެ.

އޭނާ ބުނިގޮތުގައި، އައިޖީއެމްއެޗުގައި ބައްޕަ އެޑްމިޓް ކޮށްފައި އޮތް ކޮޓަރީގައި ޖާގަ އޮތުމުން، އެ ތަނުގައި ކައިވެނިކުރަން ނިންމީ އެވެ.

"ކައިވެނި ކުރަން ނިންމި ތާރީހު ވަރަށް ހާއްސަ ވުމާއި ބައްޕަގެ ސިއްހަތަކީ އަހަރެމެންގެ އުފަލަށް އޮތް ހުރަހެއް ކަމަށް ދެކެން ބޭނުން ނުވީމާ އެ ދުވަހު ކައިވެނި ކުރީ،" ރައުފަތު ބުންޏެވެ.

އެ ކަމަށް، ސޯދުބެގެ ފަރާތުން ވަނީ އައިޖީއެމްއެޗަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ.

ހޮސްޕިޓަލުގައި ކުރި ކައިވެނީގެ ފޮޓޯއަކާއެކު، މި މަހުގެ ތިން ވަނަ ދުވަހު ލިޔުއްވި ޝުކުރުގެ ޕޯސްޓެއްގައި ސޯދުބެ ވިދާޅުވީ، އޭނާއަކީ ހަމަ ޔަގީނުން ވެސް އައިޖީއެމްއެޗުން ގަވައިދުން ހިދުމަތް ހޯއްދަވާ ބޭފުޅަކަށް ވާތީ ކަސްޓަމަރު ޑިސްޓައުންޓް ލިބެންޖެހޭ ބޭފުޅެއްކަން ޔަގީން ވެއްޖެ ކަމަށެވެ. އެ ވޯޑުގައި ނުބާއްވާ ކޮޓަރިއެއް އަދި ފަރުވާ ނުދެއްވާ ޑޮކްޓަރަކާއި ނަރުހެއް ވެސް މަދުވާނެ ކަމަށް އެ ޕޯސްޓުގައި ވިދާޅުވި އެވެ.

ކިތައްމެ ގިނައިން އެޑްމިޓްކޮށް، ފަރުވާ ހޯއްދެވިޔަސް، އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު މީ މުޅި އުމުރަށް ހަނދާނުގައި ހުންނާނެ ފަހަރެއް ކަމަށް ވެސް ދިވެހި އަދަބީ އުސްތާޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ ކައިވެންޏަށް ދެ ހަފުތާ އަށް ވެފައި އޮއްވާ ހާލު ދެރަވެގެން މިކޮޅަށް ގެނައި އިރުއްސުރެ މިއަދާ ހަމައަށް ތިޔަ ހިދުމަތްތެރިން ކޮށްދެއްވި މިންނެތް މަސައްކަތަކީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަންޖެހޭ ހިދުމަތެކެވެ. މިއީ އުމުރުން މިހާ ހިސާބަށް އާދެވުނު އިރު ވެސް ނުފެންނަ އޯގާތެރިކަމެއް ފެނިގެން ދިޔަ ފަހަރެކެވެ،" ސޯދުބެ ވިދާޅުވި އެވެ.

"..ތިޔަ ދެއްވި ފަރުވާގެ އިތުރަށް އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅުގެ ކައިވެނި ވެސް މި ތަނުގައި ކުރުމަށް މަގުފަހިކޮށްދެއްވިކަމަށްޓަކައި ހޮސްޕިޓަލްގެ އިސްވެރިންނަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ޝުކުރު ދަންނަވަމެވެ. އެ ދުވަސް ވެސް ފެނި، އެ އުފަލުގައި ބައިވެރިވެވުނީ ވެސް ތިޔަ ހިދުމަތްތެރިންގެ ސަބަބުންނެވެ."

އައިޖީއެމްއެޗުން ވެސް ވަނީ ސޯދުބެގެ ޝުކުރުގެ ލިޔުން ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. އެހެންވެ، އެއީ އެ ހޮސްޕިޓަލްގެ ދިގު ތާރީހުގައި ވެސް ފާހަގަކުރެވޭ މުހިންމު ދުވަހެއް ކަން ޔަގީނެވެ.