11 ޖެނުއަރީ 2023 - 16:03

ވެރިކަމުގެ ލައްޒަތާއި އިއްޒަތް ލިބުމުން ވެރިކަމުން ދުރަށް ޖެހެން އުނދަގޫވެދާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ އިންތިހާބީ ވާދަވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ޕްރައިމަރީގެ ކެމްޕެއިނަށް ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަޝީދު އެހެން ވިދާޅުވީ، މިއަދު މެންދުރު އެ އަތޮޅު އޭދަފުއްޓަށް ވަޑައިގެން އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އޭދަފުއްޓަކީ އިގްތިސާދީ ގޮތުން ބޮޑު ރަށެއްކަން ފާހަގަކުރައްވައި ނަޝީދު މިއަދު ވިދާޅުވީ، އެ ރަށުގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރެއް ނެތުމުން ސަރުކާރުން އޮތީ އޭދަފުށި ބާކީކޮށްލާފައި ކަމަށެވެ. އަދި އެއީ ވަރަށް ވިޔާނުދާ ކަމެއް ކަމަށާއި، ބުއްދިވެރި ގޮތެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަނގަޅު ގޮތަކީ ތާއީދު ނެތް ތަންތަނަށް ބޮޑަށް އަޅާލައި އެ މީހުން ރުއްސޭތޯ ބެލުމެވެ.
ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ 18 މަސް ދުވަހަށް ކަމަށެވެ. އަދި ފަހުން ވެރިކަމުގައި ހުންނެވި އިރު ވެސް ފަސް އަހަރު ގިނަ ކަމަށާއި ނަޝީދު ވެރިކަމުގައ ހުންނަވާތަން ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި ކަމަށެވެ.
"ފުރަތަމަ ވިދާޅުވީ، ފަސް އަހަރު މާ ގިނައޭ. ފުރަތަމަ ވެރިކަމަށް ވަޑައިގަތީ 18 މަސް ދުވަހަށް. އެއީ އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެފައިވާ އެއްޗެއް. ދެން ވިދާޅުވީ، ފަސް އަހަރު ދުވަސް އެ ބޭފުޅާއަށް ގިނައޭ. ދެން ވިދާޅުވީ، އެންމެ ބޮޑަށް ބޭނުންވެވަޑައިގަންނަވަނީ ރައީސް ނަޝީދު ވެރިކަމުގައި ހުންނަވާ ދުވަހެއް ދެކެންށޭ."
ނަޝީދު ވިދާޅުވާ ގޮތުގައި، އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރުނު މެނިފެސްޓޯގައި އެއްބަސްވެފައިވަނީ އިންތިގާލީ ސަރުކާރެއް އުފައްދައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމުންގެ ހިޔާލު ހޯދަން ވޯޓެއް ނެގުމަށް ކަމަށެވެ.
ރައީސް ސޯލިހަށް ފާޑުވިދާޅުވަމުން ނަޝީދު އިތުރަށް ވިދާޅުވީ، ވެރިކަމުގެ ލައްޒަތާއި އިއްޒަތް ލިބެން ފެށުމުން ވެރިކަމުން ދުރަށްޖެހިވަޑައިގަންނަވަން އުނދަގޫވެދާނެ ކަމަށެވެ.
"ދެން މިއަދު ކުޑަކޮށް އޭގެ ތެރެއަށް ދިއްލީމާ، ލައްޒަތާއި އިއްޒަތް ގަދަރާއި މި ހުރިހާ ވެރިކަމުގެ މަންފާއެއް ލިބެންފެށީމާ އުނދަގޫފުޅުވެދާނެ އެތަނުން ދުރަށްްޖެހިވަޑައިގަންނަވަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ދާހާ ތަނަކުން މީހުން ބުނަމުން ދަނީ ރައީސް ސޯލިހުގެ ސަރުކާރު އިންތިހާބު ކުރަން ބޭނުން ނުވާ ވާހަކަ ކަމަށެވެ.
"އަޅުގަނޑު ދާހާތަނަކުން މީހުން އެބަ ބުނޭ ދެން އަންނި ބުންޏަސް ވެސް ވޯޓެއް ނުދޭނަމޭ. ގާތްތިމާގެ މީހަކު ވެސް މިކަން ކުރާކަށެއް ނެތް. އަޅުގަނޑު ދަންނަ މީހަކު ވެސް އެގޮތަކަށް އެނބުރެވޭކަށެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ކުރިން ވެސް އެމަނިކުފާނު ވަނީ ޕްރައިމަރީއިން ނާކާމިޔާބުވެއްޖެ ނަމަ ރައީސް ސޯލިހަށް ތާއީދުނުކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެކަމާ ގުޅިގެން ސުވާލު ކުރުމުން ވިދާޅުވީ، ތާއީދު ކުރަން ނުޖެހޭނެ ކަމަށާއި ޓިކެޓު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ރައީސް ނުވަތަ ބޮޑު ވަޒީރު ފަސް އަހަރު ހަމަވާއިރު ތާއީދު ނެތް ކަމަށް ފެންނަ ނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރާ ގޮތަކީ އާ މީހަކު ނެރުން ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވި އެވެ. އެމްޑީޕީގައި ވެސް އެކަން ކުރަން ހަމަޖެހިފައި އޮންނަނީ އެހެން ކަމަށް ވިދާޅުވި އެވެ.
"އެހެންނަމަވެސް، ވިދާޅުވަން ފެއްޓެވީ، ޕްރައިމަރީއަކާ ނުލައޭ ބޭނުމީ. އަނެއްކާ ވެސް ތަބަކެއްގައޭ ބޭނުމީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ނުކުންނެވީ އެމްޑީޕީގެ ވެރިކަން ދަމަހައްޓާށެވެ. އަދި ޕްރައިިމަރީ ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ އެމްޑީޕީގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.