11 ޖެނުއަރީ 2023 - 15:54

މާލޭގެ މަގުމަތީގެ އެކި ކަންކަން ބެލެހެއްޓުމަށް މަގުފާރަވެރިންގެ ގޮތުގައި މުވައްޒަފުން ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން ބުނި ގޮތުގައި މަގުފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ގަވާއިދާ އެއްގޮތަށް ދުއްވާތޯ ބެލުމާއި ގަވާއިދާ އެއްގޮތަށް އުޅަނދުތައް ޕާކުކޮށްފައިވޭތޯ ބެލުމުގެ އިތުރުން މަގުމައްޗާއި ޕޭވްމަންޓްގައި ބަހައްޓާފއިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާގޮތަށްތޯ ބަލައި ކައުންސިލަށް ރިޕޯޓް ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިކަމުގެ ސަބަބުން މާލޭގެ މަގުތައް ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
ޕޮލިސް ކޮންސްޓަބިއުލަރީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން އެ މުވައްޒަފުން މެދުވެރިކޮށް މަގުމަތީގެ ކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މާލެ ސިޓީގެ މަގުމަތި ބެލެހެއްޓުމަށް މީހުން ނަގަން ނިންމާފައި ވާއިރު، މަގުމަތި ކުނިކެހުމާއި ސާފުކުރުމާ ވެސް ކައުންސިލުން ވަނީ ހަވާލުވެފަ އެވެ. އެކަމުގައި ކައުންސިލާއި ވެމްކޯގެ ކޯޅުން ބޮޑުވެ ކުނި ނުނަގާ މައްސަލަ ވެސް ބޮޑުވި އެވެ.
މާލޭގެ މަގުމަތީގައި ކުނި ބަހައްޓާ މައްސަލަ ބޮޑުވެގެން އެގޮތަށް ކުނި ބަހައްޓާ ބައެއް ތަންތަނުގެ ލިސްޓެއް ވެސް ސިޓީ ކައުންސިލުން އާންމުކުރި އެވެ. މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކުރުމަށް ސިޓީ ކައުންސިލުން ވަނީ 100 އެއްހާ މުވައްޒަފުން ނަގައިފަ އެވެ.
އެ މަސައްކަތަށް އިތުރު 40 މުވައްޒަފުން ނަގަން ވެސް އިއުލާންކޮށްފައިވެ އެވެ.