11 ޖެނުއަރީ 2023 - 13:00

ހުޅުމާލެ ރެޑްބުލް ޕާކާ ދިމާލު އަތިރިމަތިން ފެނުނު އިންސާނެއްގެ ކަށިތަކަކީ ލައްގާފައި ހުރި އެއްޗެހިތަކެއް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލެ ރެޑްބުލް ޕާކު ކައިރިން އަތިރިމައްޗާ ދިމާލުން އިންސާނެއްގެ ކަށިތަކެއް ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 5:30 ހާއިރު އެވެ.
އެއީ ވަޅުލާފައި ހުއްޓާ ފެނުނު ކަށިތަކެއްތޯ ސުވާލުކުރުމުން ފުލުހުންގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އެއީ ލައްގާފައި ހުރި ކަށިތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ލައްގާފައި ވަނީ ހަށިގަނޑެއް ނޫނެވެ. އިންސާނެއްގެ ގުނަވަނެއްގެ ކަށި ކަމަށް ބެލެވޭ ކަށިތައް ލައްގާފައި ހުރީ ކުނިތަކަކާ އެކު އެވެ.
ފުލުހުން ބުނެފައި ވަނީ، ފެނުނު ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި ކަށިތައް ފެނިފައި ވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ކަނޑުމަތިން ބަންގަލަދޭޝް މީހަކު ކަމަށްވާ މުހައްމަދު ލިޓަން ގެއްލިގެން އެކަމާ ގުޅިގެން ދިވެހި ފިރިހެނަކަށް ފުލުހުން ވަނީ މަރުގެ ތުހުމަތުކޮށްފަ އެވެ.
މީހަކު މަރާލުމުގެ ތުހުމަތު ކުރެވޭ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް، މީހާ މިހާރު ހުރީ 60 ދުވަހަށް ބަންދުކޮށްފަ އެވެ. މުހައްމަދު ގެއްލުނު ފަހުން ވ. އަތޮޅު ކަނޑުމަތިން މިދިޔަ ހަފްތާގައި އިންސާނެއްގެ ހަށިގަނޑު ފެނިފައި ވިޔަސް އެއީ މުހައްމަދު ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ފެންވަރު ފަޅު ކައިރިން ފެނުނު އެ ހަށިގަނޑުގެ ޑީއެންއޭ އެނަލިސިސް ހަދާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، މިހާތަނަށް އެއީ ކާކުގެ ހަށިގަނޑެއް ކަމެއް ހާމައެއް ނުކުރެ އެވެ.