11 ޖެނުއަރީ 2023 - 11:09

ލޮލު ރޯގާގެ އެންމެ ގިނަ ކޭސްތައް ރިޕޯޓް ކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ހދ. ރ. އަދި ލ. އަތޮޅުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން އެހެން ބުނީ، ލޮލުރޯގާ ޖެހިގެން މި ދުވަސްވަރު ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވެފައި އެވެ.
އެޗްޕީއޭގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މިދިޔަ އަހަރު ލޮލުރޯގާގެ 12،555 ކޭސްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެ ބަލި ފެތުރޭ ވަރު އިތުރުވާން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ހަފުތާއިން ފެށިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެހެންވެ، ބަލީގެ އަލާމަތްތައް ދުރާލައި ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަން އެޗްޕީއޭ އިން ހަނދާންކޮށްދެ އެވެ.
ލޮލު ރޯގާއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެ ބަލި ޖެހުމުން ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ، ރަތްވެ، ޖަރާސީމު އުފެދެ އެވެ. ލޮލު ރޯގާ ޖެހުމުން ލޯ ރަތްވެ، ލޮލުން ފެން އައިސް، މަޑުލަ އެވެ. ލޯ ދުޅަވެ، ބައެއް ފަހަރު ލޮލުގެ ފެނުން ވެސް ނުސާފުވެ އެވެ.
- ގިނައިން ސައިބޯނިލައިގެން އަތް ދޮވުން.
- އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފު ކުރުން.
- ލޮލުގައި އަތްލުން ނުވަތަ އުނގުޅުމުން ދުރުހެލިވުން.
- ބޭނުން ކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން.