ފިއޮރެންޓީނާ އަތުން ބަލިވެ ޔުވެންޓަސްގެ ލީޑު ހަނިވެއްޖެ
ފިއޮރެންޓީނާ އަތުން ބަލިވެ ޔުވެންޓަސްގެ ލީޑު ހަނިވެއްޖެ

ފްލޮރެންސް (ޖެނުއަރީ 16) – ފިއޮރެންޓީނާ އަތުން 2-1 އިން ބަލިވެ, އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސްގެ ލީޑު އެއް ޕޮއިންޓަށް ކުޑަވެއްޖެ އެވެ.

ޔުވެންޓަސް އެއް ވަނައިގައި 45 ޕޮއިންޓާ އެކު އޮތްއިރު ދެ ވަނައިގައި އޮތް ރޯމާ އަށް ލިބިފައިވަނީ 44 ޕޮއިންޓެވެ. އެކަމަކު ޔުވެންޓަސް އަށް އިތުރު މެޗެއް އޮތުމާ އެކު އަދިވެސް ހަތަރު ޕޮއިންޓަށް ލީޑު ފުޅާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ރޯމާ ވަނީ ރޭ އުދިނޭޒީ އަތުން 1-0 އިން މޮޅުވެފަ އެވެ. ތިން ވަނައިގައި 41 ޕޮއިންޓާ އެކު އޮތީ ރޭ ޕެސްކާރާ އަތުން 3-1 އިން މޮޅުވި ނަޕޯލީ އެވެ. ހަތަރު ވަނައިގައި 40 ޕޮއިންޓާ އެކު ލާޒިއޯ އޮތްއިރު އެ ޓީމު ވަނީ ރޭ އެޓަލާންޓާ އަތުން 2-1 އިން މޮޅުވެފަ އެވެ. ދެ މެޗު މަދުން ކުޅެފައިވާ އޭސީ މިލާން އޮތީ 36 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެ ޓީމު މިރޭ ރަށުން ބޭރުގައި ނުކުންނާނީ ޓޮރިނޯއާ ދެކޮޅަށެވެ.

ފްލޮރެންސްގައި ރޭ ކުޅުނު މެޗުގެ ފިއޮރެންޓީނާ އަށް ލީޑު ނަގައިދިނީ 37 ވަނަ މިނެޓުގައި ނިކޮލާ ކަލިނިޗެވެ. އަދި ދެ ވަނަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކުރީ މިލަން ބަޑެލްޔީ އެވެ. މެޗުގެ 58 ވަނަ މިނެޓުގައި ގޮންޒާލޯ ހިގައިންގެ ޔުވެންޓަސް އަށް ގޯލް ޖަހައިދިން ނަމަވެސް ފިއޮރެންޓީނާ އިން ވަނީ ލީޑު ހިފަހައްޓައިފަ އެވެ.

ޔުވެންޓަސްގެ ކޯޗު މަސީމޯ އެލެގްރީ ބުނީ ހުރިހާ ޓީމަކުން ވެސް އެ ޓީމާ ދެކޮޅަށް ނުކުންނަނީ މަރުގެ މެޗެެއްގެ ގޮތުގައި ނަގައިގެން ކަމަށާއި އެހެންވެ ޔުވެންޓަސް އަބަދުވެސް ކުޅެން ޖެހޭނީ ސަތޭކަ ޕަސެންޓުގައި ކަމަށެވެ.

"މިއީ ފަހަތަށް އެޅި ފިޔަވަޅެއް. އެކަމަކު އިތުރު މެޗެއް އޮތުމާ އެކު ހަތަރު ޕޮއިންޓަށް ތަފާތު ބޮޑުކުރަން ފުރުސަތު ލިބިފައި އޮތުމުން އޭގެ ބޭނުން ކުރަން ޖެހޭ،" އެލެގްރީ ބުންޏެވެ.