އަހަރު ނިމުނު އިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 267 މިލިއަން ޑޮލަރު
އަހަރު ނިމުނު އިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 267 މިލިއަން ޑޮލަރު

މިދިޔަ އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރި ވަރު 267 މިލިއަން ޑޮލަރަށް އަރައިފި އެވެ.

އަހަރު ނިމުނު އިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 267 މިލިއަން ޑޮލަރު
އަހަރު ނިމުނު އިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 267 މިލިއަން ޑޮލަރު

އެމްއެމްއޭ އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރު ޔޫޒަބަލް ރިޒާވް އެންމެ މައްޗަށް ދިޔައީ މާޗް މަހު އެވެ. އެ މަހު ޔޫޒަބަލް ރިޒާވް ހުރީ 405 މިލިއަން ޑޮލަރުގަ އެވެ. އަދި އެންމެ ދަށަށް ގޮސްފައި ވަނީ އޮކްޓޫބަރު މަހު އެވެ. އެ މަހު ރިޒާވްގައި ބޭނުން ކުރެވޭ ގޮތަށް ހުރީ 105 މިލިއަން ޑޮލަރެވެ. އެއަށް ފަހު މިދިޔަ ދެ މަހު ވެސް ރާއްޖޭގެ ރިޒާވް ވަނީ އިތުރުވެފަ އެވެ.

ޔޫޒަބްލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ އަދަދެވެ. ޔޫޒަބްލް ރިޒާވުން ދައްކައިދެނީ ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުރި ފައިސާގެ އަދަދެވެ.

މިދިޔަ 12 މަސް ދުވަހު ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެވްރެޖުކޮށް ހުރީ 290 މިލިއަން ޑޮލަރުގަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އޮކްޓޫބަރު މަހާ ހަމައަށް ޔޫޒަބަލް ރިޒާވް ދިޔައީ ދަށްވަމުންނެވެ. ރިޒާވް ދަށްވަމުން ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލެމުން ދިއުމުގެ ސަބަބުން ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވާތީ، އެކަމަށް ރިޒާވުން ކުރަން ޖެހޭ ހޭދަ ވެސް ބޮޑުވަމުން ދިއުމުންނެވެ.

ޔޫޒަބަލް ރިޒާވްގެ ތަފްސީލް ކުރިން ހާމަކުރި ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އެމްއެމްއޭ އިން އެކަމުގެ ތަފްސީލުތައް ހާމައެއް ނުކުރެ އެވެ. މި މައުލޫމާތު ހާމަކުރުން ހުއްޓާލީ މާލީ އިދާރާ އައިއެމްއެފް ގެ ގައިޑްލައިނުގައިވާ ގޮތަށް ރިޒާވްގެ މައުލޫމާތުތައް ހާމަކުރުން ބަދަލު ކުރުމުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ގައުމެއްގެ އިގްތިސާދީ ހާލަތު ދެނެ ގަތުމަށް އިންވެސްޓަރުން ބަލާނެ އެއް ކަމަކީ އެ ގައުމެއްގެ ޖުމްލަ ރިޒާވުގައި ހުންނަ ވަރަކަށެވެ. މިދިޔަ މަހު ރާއްޖޭގެ ޖުމްލަ ރިޒާވް 827 މިލިއަން ޑޮލަރުގައި ހުރި އިރު ވޭތުވެދިޔަ ފަސް އަހަރު ވެސް ރާއްޖޭގެ ރިޒާވް އެވްރެޖުކޮށް ހުރީ 700 މިލިއަނާއި 800 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަތުތަކެއްގަ އެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ މަހު ރާއްޖޭގެ ރިޒާވް އާއި ޔޫސަބްލް ރިޒާވް އިތުރުވީ އިންޑިޔާގެ ރިޒާވް ބޭންކުން ނެގި 100 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ އާއި މިދިޔަ މަހު ދައުލަތަށް ވަން ޑޮލަރުގެ އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށެވެ. ރިޒާވް ރަނގަޅު ކުރުމަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން އެމްއެމްއޭ އިން އަންނަނީ ކަރެންސީ ސްވޮޕް ފެސިލިޓީގެ ބޭނުން ކުރަމުންނެވެ.