11 ޖެނުއަރީ 2023 - 10:40

ނިމިދިޔަ ވޯލްޑް ކަޕް ގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ހޯދަން އިނގިރޭސި ކްލަބް ޗެލްސީ އިން ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ.
ބެންފީކާ އިން އޭނާ ދޫކޮށްލަން ބޭނުން ނުވިއަސް އެންޒޯ ހުރީ ޗެލްސީ އަށް ބަދަލުވާން ބޭނުންވެފަ އެވެ. އޭނާ ހޯދަން ޗެލްސީ އަށް އޮތީ އެންމެ ގޮތެކެވެ. އެއީ އޭނާގެ ރިލީޒް ކްލޯސް ކަމަށްވާ 106 މިލިއަން ޕައުންޑް ބެންފީކާ އަށް ދައްކައިގެންނެވެ.
އެންޒޯ ހޯދުމާ ގާތަށް ޗެލްސީ ޖެހިލި ނަމަވެސް މަސައްކަތް ހުއްޓާލަން ޖެހުނީ އެންމެ ފަހު ވަގުތު ޗެލްސީ އިން އެ އަގު ނެގޯޝިއޭޓް ކުރަން އުޅުމުންނެވެ. ޗެލްސީގެ އެންމެ ފަހު އަގަކަށް ވީ 87 މިލިއަން ޕައުންޑެވެ. އޭގެ ކުރިން އެންމެ ފުރަތަމަ ހުށަހެޅީ 112 މިލިއަން ޕައުންޑް ތިން އިންސްޓޯލްމަންޓަށް ބަހާލައިގެން ދައްކާށެވެ. އެގޮތަށް ވެސް ބެންފީކާ އިން ބޭނުމެއް ނުވި އެވެ.
ޗެލްސީ އިން ކަންތައް ކުރި ގޮތާ މެދު ބެންފީކާ އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފަ އެވެ. އެންޒޯ ވެސް ބެންފީކާ ދޫކޮށްލަން ތައްޔާރަށް ހުރުމުން ބެންފީކާގެ ސަޕޯޓަރުންގެ ނުރުހުން ވެސް އޭނާ އަށް ރައްދުވި އެވެ.
ބެންފީކާ އިން އަބަދުވެސް ބުނަމުން އައީ އެންޒޯ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އޭނާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އެކަމަކު ކޮންޓްރެކްޓުގައި ރިލީޒް ކްލޯސް އެއް އޮތުމުން އޭނާ ގެންދެވޭނެ ހަމައެކަނި ގޮތަކީ، ކުޅުންތެރިޔާ ރުހޭ ނަމަ އެ އަދަދު ކްލަބަށް ދެއްކުން ކަމަށެވެ.
ރޭގެ މެޗަކީ ޓްރާންސްފާ ސާގާ އަށް ފަހު، އެންޒޯ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އަދި މިދިޔަ ޖޫން މަހު ބެންފީކާ އަށް ބަދަލުވި އެންޒޯ، ވޯލްޑް ކަޕަށް ފަހު ބެންފީކާ ޓީމުގައި ވެސް ހިމެނުނު ފުރަތަމަ މެޗެވެ.
ބެންފީކާ ބަނީ ޕޯޗުގަލް ކަޕްގެ ފަސްވަނަ ބުރުގައި ރޭ ވާޒިމް އާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
މެޗުގެ ހަތަރު ވަނަ މިނިޓުގައި ބެންފީކާ އިން ލީޑު ނެގީ އެލެކްސް ގްރިމާލްޑޯ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލުންނެވެ. އެ ޓީމަށް ލީޑު ފުޅާ ކޮށްދިން ލަނޑު އެންޒޯ ޖަހައިދިނީ 78 ވަނަ މިނިޓުގަ އެވެ. ގޯލު ޖަހައި އުފާފާޅުކުރި ވަގުތު އެންޒޯ ސަޕޯޓަރުންނަށް ދައްކާލީ އޭނާ ހުރީ ބެންފީކާއާ އެކުގައި ކަމެވެ.