11 ޖެނުއަރީ 2023 - 10:55

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރައްވައިގެން ތިން ވަނަ ދައުރަކަށް ވެސް އިންތިހާބު ވާން ބޭނުންފުޅުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނާ ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބ. ހިތާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ހުރިހާ ސިޔާސީ ލީޑަރުން ބަންދުކޮށްފައި ތިބުމުން އެންމެން އެކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުމަށް ނިންމެވި ކަމަށާއި އެ މަނިކުފާނު ވެރިކަމުގައި ހުންނަވާނީ 18 މަސް ދުވަހަށް ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ލިޔުނު ކަމަށެވެ.
އެމްޑީޕީން 2018 ގައި ހުށަހެޅި ޖަޒީރާ މެނިފެސްޓޯގައިވާ ގޮތުން، އާ ސަރުކާރުގެ މަސައްކަތަކީ ވަގުތީ ސަރުކާރެއް ހިންގުމުގެ އިންތިޒާމުތަކާއެކު ގާއިމު ކުރާ ސަރުކާރެކެވެ. ޓްރާންސިޝިނަލް ޖަސްޓިސްގެ މަސައްކަތްތަކާއެކު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރާނެ ކަމަށް އެ މެނިފެސްޓޯގައި ބުނެފައި ވެ އެވެ.
ހިތާދޫގައި ބޭއްވި ޖަލްސާގައި ނަޝީދު އެ އިޝާރާތް ކުރައްވަނީ ބެލެވޭ ގޮތުގައި މެނިފެސްޓޯގައި ވާ އެ ވާހަކަތަކަށެވެ.
ނަޝީދު ވިދާޅުވީ، މި ދައުރު އެކީ ނިންމެވުމަށް ފަހު އަނެއްކާ އެހެން ދައުރެއްގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވަމުން އަންނަ އިރު ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރާ ވާހަކަ ވެސް އެ މަނިކުފާނު ދައްކަވާނެ ކަމަށެވެ.
ތިން ވަނަ ދައުރަކަށް އިންތިހާބު ވާން ބޭނުންވުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ދާދި ފަހުން އަޅުގަނޑު ފޮނުވި ގައުމެއްގެ ސަރުކާރުން އެހެން ގައުމަކަށް، އެފްރިކާގެ ގައުމަކަށް. އަޅުގަނޑު ގާތުގައި ބުނެފައި އޮތީ ގޮސް އެ ގައުމުގެ ރައީސް ކައިރީ ބުނެދޭށޭ އޭނާ ކުރިމަތި ނުލާށޭ. ދެ ފަހަރު ލާ. ގާނޫނުއަސާސީ ބަދަލުކޮށްގެން އެކަން ވަނީ. އަޅުގަނޑު ހިތަށް އެރީ މާތްކަލާއްކޯ މި ކަހަލަ ކަމެއް އަޅުގަނޑުމެނާ ދިމާވާނެއޭ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ "މައުމީނީ ސިފަތައް" އެމްޑީޕީގެ ތެރެއަށް ވަންނަން ފަށައިފި ކަމަށް ފަހަކަށް އައިސް ނަޝީދު ވިދާޅުވާ ވިދާޅުވުން ވެސް މިއަދު ނަޝީދު ތަކުރާރު ކުރެއްވި އެވެ.
ނަޝީދު މިއަދު ވިދާޅުވިގޮތުގައި، އެ މަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކުއްލިއަކަށް ޕޭރަންޓް ޓީޗާ ބައްދަލުވުންތައް ސްކޫލުތަކުގައި ދަނީ ބާއްވަމުންނެވެ. އެހެންވެ، ސްކޫލުތަކުގައި އުޅޭ މުވައްޒަފުން ސިޔާސީ ކަންކަމަށް ހުރަސް އަޅަން އެފަދަ ކަންކަން ކުރާ ނަމަ ވަކި ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެޑިއުކޭޝަން މިނިސްޓަރަށް ގޮވާލަން އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތަކަށް ކަމަނާގެ ޑިޕާޓްމަންޓުތަކުން ހުރަސް އަޅަމުން ގެންދާ ކަމަށް ވަނީ ނަމަ އެކަމުގެ އިހުތިޖާޖު ޖެހޭނީ ކުރަން،" ރައްޔިތުންގެ މަޖިލިހަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ހާޒިރުކޮށް، މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބަށް ތައުރީފު ކުރައްވައި އޭނާ އަށް އޭ ޕްލަސް ދެއްވާފައިވާ ނަޝީދު ވިދާޅުވި އެވެ.