11 ޖެނުއަރީ 2023 - 08:21

އާދިއްތަ ދުވަހާ ގުޅޭ
ނަސީފު އެންމެ ފަހު ގަނޑު ބަލައިލި އިރު އޭގައި ތިން ސަތޭކަ އަށާރަ މީހުންގެ ނަން އޮތެވެ. ބުނާނެ އެއްޗެއް ނޭނގިފައި ނަސީފަށް އިނދެވުނެވެ. ދެން ހަނދާންވިއެވެ. އެ ކަމާ ބެހޭ ގޮތުން މަންމަޔަކާ މަޝްވަރާއެއް ނުކުރެވެއެވެ. ހަފުލާ ވީހައި ވެސް ކުޑަކޮށް ބޭއްވުން އެއީ، މަންމައަށް އެނގޭނެކަމަށް ހީކޮށް ނުބުނެ ދޫކޮށްލެވިފައި އޮތް ކަމެކެވެ. ނަސީފަށް ބަލައިލެވުނީ ނަޒްދާއަށެވެ. ނަޒްދާ އިނީ އަޒާން އުނގަށްލައިގެންނެވެ. ވަމުންދާ ކަންތައް ނޭނގޭކަމަށް ހަދައިގެންނެވެ. ނަޒްދާގެ މޫނުމަތިން ނަސީފަށް އެ ވަރު އެނގެއެވެ.
"އަހަރުމެން ހިތަށްއެރީ ތަންކޮޅެއް ކުޑަކޮށޭ ޕާޓީބާއްވާނީ ދޯ ނަޒްދާ؟" ނަސީފު ބުންޏެވެ.
ނަޒްދާ އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު އަނީސާ އެ ސުވާލަށް ޖަވާބުދިނެވެ.
"އުހުނ!" އަނީސާ އެ ފަހަރު ދެކޮޅުހެދިއެވެ. "މީ އުމުރުން އެއް ފަހަރު ބޭއްވޭ ކަމެއް. ތީ މަންމަގެ ހަމަ އެކަނި ދަރިފުޅު. މަންމަ ބޭނުން މުޅި މާލެ ކީއްކުރަން މުޅި ރާއްޖޭގެ އެންމެން މި ވާހަކަދައްކާ ވަރުގެ ވަރުގަދަ ޕާޓީއެއް ބާއްްވަން. ދެ ރޭ ޕާޓީ އޮންނާނެ. ފުރަތަމަ ރޭ އޮންނާނީ ވެޑިން ނިންމާފަ އޮންނަ ކުޑަ ޕާޓީ. ދެވަނަ ރޭ ބޮޑު ޕާޓީ އޮންނާނީ."
ނަސީފު އަނެއްކާ ވެސް ބަލައިލީ ނަޒްދާއަށެވެ. ނަޒްދާ ހިތަށްއެރިއެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އެކަމަކު، އެތައް ސަތޭކަ ބައެއްގެ ކުރިމަތީގައި، ވަރުގެ ކޮޅަށް ނަލަހެދިގެން ހުންނަން ހިތަށްއަރުވައިލިޔަސް ނަޒްދާގެ ދެ ފައި ފިނިވެއެވެ. ނަޒްދާގެ އަސްލު މައްސަލައަކީ، ނަޒްދާއަކީ ކުރިން މީހަކާ އިނދެ ކުއްޖަކު ލިބިފައިހުރި މީހަކަށް ވުމެވެ. ހަފުލާއަށް އަންނާނީ ކޮންކޮން ބައެއްކަން ނޭނގުމެވެ. މުޖުތަބާއަކީ ރައްޓެހިން ގިނަ މީހެކެވެ. އެއިން އެކަކާ ކުރިމަތިލާކަށް ވެސް ނަޒްދާ ބޭނުމެއް ނޫނެވެ. ބޭނުންވަނީ، ހަޔާތުގެ އެ ސަފުހާ ފޮތުން ވަކިކޮށް އެއްލައިލާށެވެ. ނަސީފާ އެކު މުޅިން އާ ބާބެއް ފަށާށެވެ. އެހެނަސް ދުނިޔެ އެހެން ބޭނުންވާހެނެއް ނަޒްދާއަކަށް ހިއެއްނުވެއެވެ.
"އެހެން އެއްވެސް ކަމަކާ މަންމަ ނުބެހެމެއްނު!" ހިނިތުންވެލާފައި އަނީސާ ބުންޏެވެ. "އެކަމަކު މި ކަން މަންމައަށް ދޫކޮށްލާ! ތަން ހަމަޖައްސާ، ރީތިކޮށް، މުޅި އިވެންޓު ރާވާނީ މަންމަ. އޯކޭތަ؟ ދަރިފުޅު ނޫނެކޭ ބުނެފިއްޔާ އެއްވެސް ކަމަކާ ނުބެހި ދުރުގަ ހުންނާނީ. މަންމައަށް ވެސް ޖެހޭނެ ދޯ އެއް ކަންތައް ދޫކޮށްލަން. ނޫންތަ ނަޒްދާ؟"
އެއްޗެއް ނުބުނަން ނިޔަތްގަނެގެންއިން ނަޒްދާއަށް އަނީސާ ދޯ ދިން އިރު، ނަޒްދާ އިނީ އެ ފަދަ ކަމަކަށް ތައްޔާރުވެގެނެއް ނޫނެވެ. އެހެނަސް، ވާންއުޅޭ މައިދައިތަ އެ ފަދަ ސުވާލެއްކުރުމުން ޖަވާބެއް ނުދީ އިންނާކަށް ވެސް ނުކެރުނެވެ.
"އެއީކަން ނޭނގެ އެންމެ ރަނގަޅު ގޮތަކީ." ނަޒްދާ ދިނީ ރަސްމީ ޖަވާބެކެވެ.
ނަޒްދާގެ އެޕާޓުމަންޓަށް އެނބުރިއައި އިރު ވެސް ނަސީފު އިނީ ފާޑަކަށެވެ. އެހެނަސް އެއްޗެއް ނުބުނެއެވެ. އައި ގޮތަށް އަޒާން އިށީނީ ޓީވީބަލާށެވެ. ނަސީފު ނުކުންނަން ހިނގައިގަތެވެ. ވާހަކަތަކެއް ހިތަށް އޮއްބައިލައިގެން ނަސީފު ދާކަށް ނަޒްދާއަކަށް ކެތެއް ނުކުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް، ދޮރާ ހިސާބުން ނަސީފާ ބައްދަލުކުރިއެވެ. އޭރު ވެސް ނަސީފު އުޅެނީ ނަޒްދާގެ މޫނަށް ނުބަލަންވެގެންނެވެ. ނަޒްދާ ކަންބޮޑުވެދާނެހެން ހީވާ ކަހަލަ ވާހަކައެއް ވެސް ފެންމަތިކުރާކަށް ނަސީފު ނޭދެއެވެ.
"އަހަންނަށް އެހެން ބުނެވުނީމަ ރުޅިއައީތަ؟" ނަޒްދާ މަޑުމަޑުން އަހައިލިއެވެ. "ސޮރީ!"
"ތިހެން ނުބުނޭ! ނަޒްދާއަށް އެނގޭނެ ނަޒްދާ ދެކެ އަހަރެން ކިހާ ލޯބިވާކަން،" ހަމަ އެހައި މަޑުމަޑުން ނަސީފު ބުންޏެވެ. "ދުވަހަކު ވެސް ނަޒްދާ ދެކެ އަހަރެން ރުޅިއެއް ނާންނާނަން. މީ އަހަރެންގެ ޕްރޮމިސްއެއް. ނަޒްދާ އެދޭ އެއްވެސް ކަމަކާ އަހަރެން ދެކޮޅެއްނަހަދާނަން. މަންމައަށް ވެސް އެ ކަން އެނގޭނެ. އަހަންނަށް ޔަގީން ކުރިޔަށް އޮތް ތަނުގަ ވެސް ވަރަށް ގިނައިން މަންމަ އެ ގޮތަށް ނަޒްދާ ޔޫސްކުރާނެ. އަހަންނަށް މައްސަލައެއް ނެތް. އަހަރެން ބޭނުން މީހުން ކިޔަން އަހަރެން ހުންނަނީ އަނބިދަށުވެފައޭ. އެކަމަކު ނަޒްދާ ގިލްޓީވެދާނެ. އަހަރެން ކަންބޮޑުވަނީ އެ ކަމާ."
ނަޒްދާ ހިތަށްއެރިއެވެ. ނަސީފު އެ ބުނީ ތެދެކެވެ. އަނީސާ އެހެން ހަދާނެއެވެ. އެކަމަކު، އަނީސާ ކުރަން ބޭނުންވާ ކޮންމެ ކަމެއްގެ ތަޅުދަނޑިއަކަށް ނަޒްދާ ވާކަށް ބޭނުމެއް ނޫނެވެ. މައިދައިތައަކަށް ނުވެސް ވަނީސް އޭނަޔާ ދޭތެރޭ ވިސްނަން ނަޒްދާއަށް މަޖުބޫރުވިއެވެ.
"ދެން ކިހިނެއްހަދާނީ؟" ނަޒްދާ ސުވާލުކުރިއެވެ. "އަހަރެން ބޭނުމެއް ނޫން އަހަރެންނާ ހެދި އަލުން މަންމަޔާ ނަސީފު މައްސަލަޖެހޭކަށް. ހާދަ ދެރަ ގޮތެކޭ މި ވީ."
"އެބަ އޮތް ގޮތެއް،" ނަސީފު ބުންޏެވެ. "އެކަމަކު ނަޒްދާގެ ހިތްވަރެއް ހުރިއްޔާ އެ ކަން ކުރެވޭނީ."
ނަސީފާއި ނަޒްދާގެ ކައިވެނިކުރެވުނީ، އެ ފެންވަރުގެ ކައިވެންޏެއް ދުވަހަކު ވެސް ރާއްޖޭގައި ނުބާއްވާހައި ކުލަގަދަކޮށެވެ. އެއީ ޓީވީން ދުރަށް ދެއްކި، އަމިއްލަ ފުރަތަމަ ކައިވެންޏަށްވުމުގެ އިތުރުން، އެކި ގައުމުތަކުގެ މަޝްހޫރު އެތައް ބަޔަކަށް ވެސް ދައުވަތުދެވުނެވެ. ފިލްމީ ތަރިންނާއި، ލަވަކިޔުންތެރިންނާއި، ކުޅިވަރުކުޅުންތެރިންނާއި، މަހުޖަނުން ވެސް އަމިއްލަ ޖެޓުތަކުގައި ރާއްޖެއައެވެ. ލޭޑީގާގާ، ޖަސްޓިން ބީބާ، އަޑޭލްގެ އިތުރުން އަރުޖީތު ސިންގާއި، ސޯނޫ ނިގާމާއި، ނެހާ ކައްކަރު ވެސް ލަވަކިއެވެ. އިންސްޓަގްރާމާއި، ޓިކްޓޮކާއި، ޔޫޓިއުބުގެ މަޝްހޫރު އެތައް ތަރީންނެއް ވެސް ހަފުލާގައި ބައިވެރިވިއެވެ. ހާޒިރީންގެ ސަލާމަތީކަންކަން މާލޭގައި ބަލަހައްޓަން އުނދަގޫވާނެތީ، ހުރިހައި ކަމެއް ރޭވުނީ ރިސޯޓުގައެވެ. ކައިވެނި ޖުމޭރިޔާގައެވެ. ހަފުލާ ކޮންރެޑުގައެވެ. ކިތަންމެ އުނދަގޫވިޔަސް، ބޭނުން ނުވިޔަސް ނަޒްދާއާއި ނަސީފު ކެތްތެރިކަމާއެކު ހަފުލާގެ ހުރިހައި ކަމެއްގައި ބައިވެރިވިއެވެ.
ނަޒްދާ ބިރުން އުޅުނު ކަންތައް ވެސް ވިއެވެ. މުޖުތަބާގެ އެތައް އެކުވެރީންނަކާ ހަތަރުކަޅި ހަމަކުރަން ޖެހުނެވެ. ބައެއް މީހުން ހިނިތުންވިއެވެ. ބައެއް މީހުން ތިބީ ފުސްމޫނުހަދައިގެންނެވެ. ނަޒްދާއަށް އުނދަގޫވި ކޮންމެ ފަހަރަކު ހިތްވަރުދޭން ގާތުގައި ނަސީފު ހުއްޓެވެ. މީސްމީހުންނަށް ނަސީފު ތައާރަފުކޮށްދޭން ނަސީފު ވަކީން ގެންދަން އަނީސާ އުޅުނު ކޮންމެ ފަހަރަކު ނަސީފު ދިޔައީ ނަޒްދާގެ އަތުގައި ހިފައިގެންނެވެ. ސިކުންތަކަށް ވެސް ނަޒްދާޔާ ވަތްކެއްނުވެއެވެ. ކޮންމެ ފަހަރަކު ވެސް ނަޒްދާއަށް ނަސީފު ބަލައިލަނީ ފުރަތަމަ ފަހަރު ބަލައިލާހެންނެވެ. ދޭތެރެއަކުން ނަޒްދާގެ ބުރުގާ ރީތިކޮށްދެއެވެ. ހެދުން ރީތިކޮށްދެއެވެ. ނަޒްދާގެ ހެދުމުގެ ފަސްބައި ވަރަށް ދިގެވެ. ހިނގައިގަންނަ ކޮންމެ ފަހަރަކު ފަސްބައިގައި ހިފައިގެން ހުންނަނީ ނަސީފެވެ. މީހަކު ކިޔައިފާނެ އެއްޗަކަށް ކުޑަ ވެސް ފަރުވާލެއް ނުބަހައްޓައެވެ.
ހަފުލާގެ ހުރިހައި ކަމެއް ނިންމައިފައި ނަސީފު ބޭނުންވީ ނަޒްދާއާއި އަޒާން ގޮވައިގެން ރާއްޖެެއިން ބޭރަށްދާށެވެ. އަނީސާއަށް ނޭނގި އޮތް ތަންކޮޅަކީ ނަސީފު ދެން ރާއްޖެ ނާންނާނެކަމެވެ. މަންމަ އެންމެ ބޭނުންވާ ކަމަކީ ވިޔަފާރީގެ އިސްމީހަކަށް މަންމަ ވުންކަން، އަބަދު ވެސް ނަސީފަށް އެނގެއެވެ. އެ ހުވަފެން ވެސް ހަގީގަތަކަށް ހަދައިދިނެވެ. އެހެނަސް ނަސީފު ވަނީ ދުރާލައި ހުރިހައިކަމެއް ރާވައިފައެވެ. ކޮންމެ ތަނެއްގައި ނަސީފު ހުއްޓަސް، މުޅި ވިޔަފާރީގެ ފަހުބަސް ބުނާނެ މީހަކީ ނަސީފެވެ. ބޮޑު އެއްވެސް ނިންމުމެއް ނަސީފަށް ނޭނގިއެއް ނުނިންމޭނެއެވެ. އަނީސާއަކަށް އެ ކަމެއް ނާންގައެވެ.
"މަންމައަށް ނުނިންމޭ ވަރުގެ ކަމެއް ދިމާވެއްޖެއްޔާ އަހަންނާ ގުޅާނީ،" ފުރަންދަމުން ނަސީފު ބުންޏެވެ. "ހަމަ އަހަރެންގެ ނަންބަރުން އަހަންނަށް ގުޅޭނެ."
"ދެން މަންމައަށް ނުނިންމޭ ވަރުގެ ކަމެއް ނޯންނާނެއްނު،" އަނީސާ ވަރަށް އުފާވެފައި ބުންޏެވެ. "ދަރިފުޅު ވާހަކަދައްކާ ގޮތުން ހީވަނީ ތަންކޮޅެއް ގިނަ ދުވަހަށް ދާހެން. ކިހާ ދުވަހަކަށް ތި ދަނީ؟"
ގާތުގައި ހުރި ނަޒްދާ ހުރީ ނަޒްދާއާ ދިމާއަށް ނަސީފު ބަލައިލަފާނެތީ ބިރުންނެވެ. ނަސީބަކުން ނުބަލައެވެ.
"ނޭނގެ!" ވިސްނައިލާފައި، ހިނިތުންވެލާފައި ނަސީފު ބުންޏެވެ.
"މިހާރު އެންމެ ފަހުން ކޮން ތަނަކަށް ތި ދަނީ؟" އަނީސާ އެހިއެވެ.
ދެން ވެސް ނަސީފު ވިސްނައިލަން ވަގުތުކޮޅެއް ނެގިއެވެ.
"އެޔެއް ވެސް ނޭނގެ،" މަންމަ ގައިގައި ބައްދައިލަމުން ނަސީފު ބުންޏެވެ. "މި ތަނުން ޑުބާއީއަށް. އެ ތަނަށް ގޮއްސަ ދެން ދާނެ ތަނެއް ނިންމާނީ ވެސް. މަންމައަށް އަންގާނަމޭ!"
"ތި އުޅެނީ މަންމައަށް ފިލަންތަ؟" ސަމާސާ ރާގެއްގައި އަނީސާ ބުންޏެވެ.
"ނޫންނޫން! މަންމަ ވެސް ހިނގާ!" ނަސީފު ވަގުތުން ބުންޏެވެ.
"ދެވެން އޮތް ނަމަ ދިޔައިމުސް،" އަނީސާ ބުންޏެވެ. "ވިޔަފާރި ބަލަހައްޓަން މި ކޮޅުގަ ވެސް މީހަކު ހުންނަންޖެހޭނެއްނު!"
އެއީ ނަސީފު އުންމީދުކުރި ޖަވާބެވެ. މަންމަ ވިސްނާ ގޮތާއި، ބުނާނީ ކީކޭކަން ދަސްވާހާ ދުވަހު މަންމަ ގާތުގައި ނަސީފަށް އުޅެވިއްޖެއެވެ. އެހައި ގިނަ ހާދިސާ ވެސް ހިނގައިފިއެވެ.
ނަސީފު ފުރީ ރައްޓެއްސެއްގެ އަމިއްލަ ޖެޓެއްގައެވެ. ފަސިންޖަރުންނަށް ހަމަ އެކަނި ތިބީ ނަސީފާއި، ނަޒްދާއާއި، އަޒާންއެވެ. ވަގުތަކީ ރޭގަނޑު ހަނދުއަރަމުންއައި ވަގުތެވެ. އިރުއަރައި އޮއްސޭ މަންޒަރާއި، ހަނދުވަރަކީ ނަޒްދާ ވަރަށް ގަޔާވާ މަންޒަރެކެވެ. އެހެންވެ ދަތުރުކުރަން އެ ވަގުތު ހަމަޖެއްސީއެވެ. ފަނޑު އައްޔެއް ވެރިވެފައިވާ، ފިނި ކެބިންތެރޭގައި އިވެމުންދިޔައީ މަޑުމަޑު މިޔުޒިކެކެވެ. އަޒާން އޮތީ އައިޕެޑަށް ގެއްލިފައެވެ. ގޮނޑީގައި އޮށޯވެލައިގެންތިބި އިރު ނަސީފު އޮތީ ނަޒްދާގެ އަތް ނަސީފުގެ މޭމަތީގައި ބާއްވައިލައިގެންނެވެ. ނަޒްދާގެ ހިތް ފުރިގެން ބަންޑުންވެދާނެ ކަހަލައެވެ.
"ވަރަށް ލޯބިވޭ އިނގޭ!" ނަޒްދާ އެހެން ބުނީ ހަމަހިމޭން ލަފުޒުތަކަކުންނެވެ.
"ވަރަށް ވަރަށް ލޯބިވޭ!" ނަސީފު ޖަވާބުދިނީ ވެސް ހަމަ އެހައިމެ ހަމަހިމޭންކޮށެވެ.
އޮމާން ދުވެއްޔެއްގައި ދަތުރުކުރަމުންދިޔަ ޖެޓު ހަނދު ހުރަސްކުރުމަށް ތައްޔާރުވަމުންދިޔައެވެ. އުތުރުން ޖެހެމުންދިޔަ އަކުރިސްގައި ވަނީ އޯގާތެރިކަމެވެ. ދެކުނުން ހަނާއަޅަމުންދިޔައީ ތަރިތަކެވެ. ހުޅަނގަށް ފެތުރިފައިވަނީ މަރުހަބާގެ ކޮތަރިވިލާތަކެވެ. އިރުމަތިފަރާތުން އިސްތިގުބާލުކުރީ ރޭގަނޑުގެ ރާނީއެވެ. އެއީ ހަތަރު ފަރާތަށް ލޯބި ފެތުރިފައިވާ ހަޔާތުގެ ހިތްގައިމު ތަސްވީރެކެވެ. އެ ތަނުގައި ލަފުޒަކަށް ޖާގައެއް ނެތެވެ. ބަހުރުވައެއްގެ ބޭނުމެއް ނެތެވެ. އިޝާރާތެއްގެ މުހިންމުކަމެއް ވެސް ނެތެވެ. ލޯތްބަކީ މަންޒިލެއް ނޫނެވެ. މުޅި އުމުރަށް ދެމިގެންދާ ހިތްގައިމު ދަތުރެކެވެ. އޭގެ ފެށުމާއި ނިމުން ހިތުގައި ރައްކާކުރެވޭ މަތިވެރި ގުޅުމެކެވެ.
ނިމުނީ