10 ޖެނުއަރީ 2023 - 23:16

ހުޅުމާލެ ރެޑްބުލް ޕާކާ ދިމާލު އަތިރިމަތިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަތިރިމައްޗާ ދިމާލުން އިންސާނެއްގެ ކަށިތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު ހަވީރު 5:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެންވެ، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އިންސާނެއްގެ ކަށިތަކެއް ހުޅުމާލެއިން ފެނުނުއިރު، ވ. އަތޮޅު ފަޅެއް ކައިރިން މިދިޔަ ހަފުތާގައި ވަނީ އިންސާނެއްގެ ހަށިގަނޑު ވެސް ފެނިފަ އެވެ.
ފުލުހުން ބުނީ ވެންފަރު ފަޅުގެ ހުޅަނގު އުތުރުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ އެނަލިސިސް ހަދަމުން އަންނަ ކަމަށެވެ.
އެކަމަށް ގިނަ ވަގުތު ނަގާނެ ކަމަށާއި އެނަލިސިސް ނިމުމުން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން މިއަދު ބުންޏެވެ.