11 ޖެނުއަރީ 2023 - 08:35

މާލޭގެ މީހުންނަށް ގޯތި ދޭން ކަނޑައަޅާފައިވާ މާލެ އަތޮޅު ގިރާވަރު ފަޅު މި އަހަރު މެދުތެރޭ ހިއްކާ ނިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކުރިން އިއުލާން ކޮށްފައިވާ ގޮތުގައި މާލޭ ރައްޔިތުންނަށް ހުޅުމާލެއިންނާއި ގުޅިފަޅުންނާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ އެވެ. އެއީ ހުޅުމާލެއިން 1،000، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މާލެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގުޅިފަޅުގެ އެއްބައި ހިއްކާ ނިންމާފައިވާ ކަމަށާއި ދެވަނަ ބައި ހިއްކުމަށްޓަކައި ބޮސްކާލިސް ކުންފުންޏާ އެކު އިއްޔެ ފަހުގެ ނިންމުންތައް ނިންމަވާނެ ކަމަށެވެ.
"ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ނިމެމުންދާތަން ތިބޭފުޅުންނަށް މި އަހަރު މެދު ތެރޭގައި ފެނިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މީގެ ކުރިން ވަނީ ގިރާވަރު ފަޅު ހިއްކައިގެން އެ ތަން ސިޓީއަކަށް ހަދަން ބޭނުންވާ ފައިސާ ހޯދަން އިންވެސްޓަރުންނަށް ހުޅުވާލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް ވަނީ ރެޒިޑެންޝަލް ސިޓީއެއްގެ ގޮތުގައި ގިރާވަރު ފަޅު ތަރައްގީ ކުރަން ގަރާރެއް ވެސް ނެރެފަ އެވެ.
އެ ގަރާރުގައިވާ ގޮތުން ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގަން ކަނޑައަޅާފައިވާ އެ މަޝްރޫއަށް އެންމެ ދަށްކޮށް ހަރަދު ކުރެވޭނެ އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެވެ.
އޭގެ ފަހުން އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ނުދެ އެވެ.