17 ޖެނުއަރީ 2017 - 06:19

އެމެރިކާގެ ޑިޕާޓްމަންޓް އޮފް މޮޓޯ ވެހިކަލްސް (ޑީއެމްވީ)ގެ މުވައްޒަފުންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން، މީހަކު އޭނާގެ 3000 ޑޮލަރުގެ ޓެކްސް ބިލެއް 300،000 ފައިސާފޮތިން ދައްކައިފި އެވެ.

ނިކް ސްޓެފަޑް ކިޔާ ވިޔަފާރިވެރިޔާ މި ފައިސާ ދެއްކުމަށް ފައިސާފޮތިތައް ގެންދިޔައީ ފަސް ބަރޯގަ އެވެ. ފައިސާފޮތި ގުނާ މެޝިނުން މި ފައިސާތައް ނުގުނިގެން އެންމެފަހުން ޖެހުނީ ޑީއެމްވީގެ މުވައްޒަފުން ރަސްމީ ގަޑިއަށް ފަހު ރޭގަނޑު ވެސް މަސައްކަތްކުރާށެވެ.

ސްޓެފަޑް ބުނީ އޭނާ މިގޮތަށް ކަންތައް ކުރީ ޑީއެމްވީގެ މުވައްޒަފުންނަށް ގުޅައިގެން ޓެކްސްއާ ބެހޭ މައުލޫމާތެއް ނުލިބިގެން ކަމަށެވެ.
ފައިސާފޮތިތައް ގުނުމަށް ޑީއެމްވީގެ މުވައްޒަފުން ހަތް ގަޑިއިރު ހޭދަކުރަންޖެހެ އެވެ. ބުދަ ދުވަހު ގެންދިޔަ ފައިސާތައް ގުނާ ނިމުނީ ބުރާސްފަތި ދުވަހުގެ ފަތިހު އެވެ.
ސްޓެފަޑް ބީބީސީ އަށް ބުނީ މިކަން ކުރީ ސަރުކާރުގެ އިދާރާތަކުން ޒިންމާދާރުވެ އާންމުންނަށް ޖަވާބު ދިނުމުގައި ހަރުދަނާވާން ޖެހޭނެކަން އަންގައިދޭން ކަމަށެވެ. ކުންފުނީގެ ވެބްސައިޓުގައި ސްޓެފަޑް ބުނެފައި ވީއެމްވީއާ މެދު ހިތްހަމަނުޖެހުނީ ތިން ވެހިކަލެއް ރަޖިސްޓްރީކުރުމަށް ބޭނުންވާ މައުލޫމާތު ހޯދަން ގުޅަންޖެހޭ މީހާގެ ސީދާ ނަންބަރު ދޭން އިންކާރު ކުރުމުން ކަމަށެވެ.
އެންމެފަހުން ސްޓެފަޑް ވަނީ މައުލޫމާތު ހޯދުމުގެ ހައްގުގެ ދަށުން ހުށަހަޅައިގެން، އޭނާ ބޭނުންވި ނަންބަރު ވެސް ހޯދާފައި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.