ޔާމީންނަށް އިއްވި ހުކުމުގެ ރިޕޯޓާއި ބަޔާންތައް ކޯޓުން އަދިވެސް ނުދޭ: ވަކީލް
ޔާމީންނަށް އިއްވި ހުކުމުގެ ރިޕޯޓާއި ބަޔާންތައް ކޯޓުން އަދިވެސް ނުދޭ: ވަކީލް

ވ. އާރަށަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑާކުރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާ އެކު މަހުޟަރު ބަޔާންތައް އަދިވެސް ނުލިބޭ ކަމަށް އެ މަނިިކުފާނުގެ ވަކީލު އަބްދުﷲ ޝިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.

ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އެ މަނިކުފާނުގެ ވަކީލުން ކުރިން ވިދާޅުވެފައި ވިޔަސް ހައި ކޯޓުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި މިއަދާ ހަމައަށް ވެސް ހުކުމް އިސްތިއުނާފަށް ހުށައެއް ނާޅަ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުކުމް ކުރި ދުވަހު ވެސް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، މަހުޟަރު ބަޔާންތަކާ އެކު ދޭން އެދިފައި ވިޔަސް، މިއަދާ ހަމައަށް ވެެސް އެ ނުލިބޭ ކަމަށެވެ.

މަހުޟަރު ބަޔާނަކީ ކޯޓުގައި ދެ ފަރާތުން ދައްކާފައިވާ ހުރިހާ ވާހަކަތަކެއް ހުންނަ ލިޔުމެވެ.

ހުކުމް އިއްވި ދުވަހު ހުލާސާ ރިޕިޓު ދޭންޖެހޭނެކަމަށް ގާނޫނުގައި އޮތް ނަމަވެސް، އެ ރިޕޯޓު ވެސް ކޯޓުން ދިނީ، ރިޕޯޓު ނުދީ ލަސްކުރާތީ އިހުތިޖާޖު ކުރުމުން ޖެހިގެން އައި ދުވަހު ކަމަށް ޝިޔާޒު ވިދާޅުވި އެވެ.

ކޯޓުން ދޫކުރި ރިޕޯޓަކީ ޝަަރީއަތުގެ ހުލާސާއެއް ކަމަށާއި ދެ ފަރާތުން ދެއްކި ވާހަކަ އަދި ޝަރީއަތުގައި ކަން ހިނގި ގޮތް އޭގައި ފުރިހަމައަށް ލިޔެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ޝިޔާޒް ވިދާޅުވި ގޮތުގައި މަހްޟަރު ބަޔާންތަކަކީ އިސްތިއުނާފުގެ އެއް މަސްދަރެވެ.

"އިސްތިއުނާފުގެ އެއް މަސްދަރަކަށްވާނީ، ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަހްޟަރު ބަޔާންތަކެވެ." އޭނާ ވިދާޅުވި އެވެ.

ޝިޔާޒު ވިދާޅުވީ، ހުލާސާ ރިޕޯޓު ދިނުމުގައި ކޯޓުން އަމަލުކުރި ގޮތަށް ބަލާއިރު، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކޯޓުން ބޭނުން ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގައި މަނީ ލޯންޑަރިން ހިންގި ކަމަށް ކްރިމިނަލް ކޯޓުން ސާބިތުވެ، ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ދެ ދުވަސް ތެރޭގައި އިސްތިއުނާފުކޮށްފައިވެ އެވެ. އެފަހަރު ޔާމީންގެ ފަރާތުން 75 އިސްތިއުނާފީ ނުކުތާ ހުށަހަޅައި އެ މައްސަލަ ހައި ކޯޓުން ނިމުނީ، އަހަރެއްހާ ދުވަސް ފަހުން ޖެނުއަރީ، 1، 2021 ގައި އެމަނިކުފާނާ ދެކޮޅަށެވެ. އެކަމަކު، ފަހުން ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ޔާމީނާ އެއްކޮޅަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅުގެ ރިޔާސީ ޓިކެޓް ޔާމީނަށް ދީފައި ވިޔަސް، ފަހުން އިއްވި ހުކުމާ އެކު އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެކަމަކު، ވަކީލުން ވިދާޅުވަނީ ހައި ކޯޓަށް ހުށަހަޅާ އިސްތިއުނާފު މައްސަލަ ކާމިޔާބުކޮށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދައިދެވޭނެ ކަމަށެވެ.