ޔާމީން ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފެއް އަދި ނުކުރޭ
ޔާމީން ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފެއް އަދި ނުކުރޭ

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމް ކުރިތާ ދެ ހަފުތާވި އިރު ވެސް އެމަނިކުފާނުގެ ފަރާތުން ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަނާޅާކަން އެނގިއްޖެ އެވެ.

ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.

އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ކުރިން ވަނީ ވިދާޅުވެފަ އެވެ.

ޔާމީނަށް ހުކުމް ކުރި ދުވަހާއި ޖެހިގެން އައި ދުވަހު، ކޯޓުން ހުކުމުގެ ހުލާސާ ރިޕޯޓު ނުދީގެން އިސްތިއުނާފު ނުކުރެވި ލަސްވާ ކަމުގެ ކަންބޮޑުވުން ވަކީލުން ފާޅުކުރި އެވެ. އަދި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުން އެ ރިޕޯޓް ލަސްވެގެން ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓަށް ވެސް ވަޑައިގަތެވެ.

އެހެންނަމަވެސް، އަދިވެސް ޔާމީނަށް ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށަހަޅާފައި ނުވާކަން ހައި ކޯޓުން އާންމުކުރާ، އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީން އެނގެ އެވެ.

ހުކުމް އިސްތިއުނާފް ކުރަން 60 ދުވަސް ލިބޭނެ އެވެ.

އިސްތިއުނާފު ތައްޔާރު ކުރުމުގެ މަސައްކަތް އޮތް ހިސާބެއް ބަލަން އެމަނިކުފާނުގެ ވަކީލުން، އަބްދުﷲ ޝިޔާޒު އަދި ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ގުޅުމުން ފޯނު ނަންގަވާފައި ނުވާތީ ސަބަބު ސާފެއް ނުވި އެވެ.

ގއ. ވޮޑަމުލާގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. ނޮވެމްބަރު 28، 2019 ގައި އެ ހުކުމް ކުރުމާ އެކު ދެ ދުވަސް ތެރޭގައި ހުކުމް އިސްތިއުނާފްކުރި އެވެ.

އެ އިސްތިއުނާފް ހައި ކޯޓުން ނިމުނީ، އަހަރެއްހާ ދުވަސް ފަހުން ޖެނުއަރީ، 1، 2021ގަ އެވެ.

މި ފަހުން އިއްވި ހުކުމާ އެކު ޔާމީންގެ ވަކީލުންނާއި ޕީޕީއެމްގެ ލީޑަޝިޕުން ކަންބޮޑުވުންފާޅުކުރައްވައި އިސްތިއުނާފް އަވަސްކުރަން ބޭނުންވި ސަބަބަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމުގެ ފުރުސަތު ހޯދުމެވެ. ޖަލު ހުކުމާ އެކު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތެއް ވަނީ އުނިވެފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބާ ދެމެދު އަށް މަސް ބާކީ އޮތް އިރު، ވަަކީލުން ވިދާޅުވެފައި ވަނީ ހައި ކޯޓުގައި މައްސަލަ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޖަލަށްލި ގއ. ވޮޑަމުލާގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އިރު ވެސް އެމަނިކުފާނުގެ ވަކީލުން ވަނީ އިސްތިއުނާފަށް ގިނަ އަދަދެއްގެ ނުކުތާތަކެއް ތައްޔާރުކޮށްފަ އެވެ. އެކަމަށް ވަރަށް ވަގުތު ހޭދަވި އެވެ.

އެމަނިކުފާނުގެ ފަރާތުން އޭރު ހައި ކޯޓަށް ހުށަހެޅި 75 އިސްތިއުނާފީ ނުކުތާގެ ތަފްސީލު ކޯޓުގައި އިއްވަން ވެސް ދެތިން އަޑުއެހުން ބާއްވަން ޖެހުނެވެ.