10 ޖެނުއަރީ 2023 - 10:12

ލިޒްބަން (ޖެނުއަރީ 10) - ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ބެލްޖިއަމްއާ އެކު އެކަށީގެންވާ ކާމިޔާބެއް ނުހޯދުނު ރޮބާޓޯ މާޓިނޭޒްއާ ޕޯޗުގަލްގެ ކޯޗުކަން ހަވާލުކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޕޯޗުގަލްގެ ކޯޗުކަން ހުސްވީ، އެ ގައުމަށް 2016 ގެ ޔޫރޯ ކާމިޔާބުކޮށްދިން ފެނާންޑޯ ސަންޓޯސް މިދިޔަ ވޯލްޑް ކަޕަށް ފަހު ވަކިކުރުމުންނެވެ. އޭނާގެ ބަދަލުގައި، މާޓިނޭޒް ހަމަޖެއްްސުން ސަޕޯޓަރުންނަށް ބަލައެއް ނުގަނެވުނެވެ.
ބެލްޖިއަމް އާއެކު މާޓިނޭޒް 2018 ގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދި ނަމަވެސް މިދިޔަ ދެ އަހަރު އޭނާ އަށް އެކަށީގެންވާ ކާމިޔާބުތަކެއް ނުހޯދެ އެވެ. އެވަޓަންގެ ކުރީގެ ކޯޗަށް ކްލަބް ލެވަލްގައި ވެސް ރަނގަޅު މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.
ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ފެނާންޑޯ ގޯމޭޒް އިއްޔެ ވިދާޅުވީ އޭނާ ފުރަތަމަ ވިސްނި ނަމަކީ ވެސް މާޓިނޭޒްގެ ނަން ކަމަށެވެ.
"އެހެން ނަމަކާ މެދު އަހަރެން ނުވިސްނަން. އަހަރެން ފުރަތަމަ އިހްތިޔާރު ކުރީ ވެސް މާޓިނޭޒް،" ގޯމޭޒް ވިދާޅުވި އެވެ.
އޭނާ އަކީ ޕޯޗުގަލް އަށް ކޯޗުކޮށް ދޭ ގައުމުން ބޭރުގެ ތިން ވަނަ ކޯޗެވެ. މީގެ ކުރިން އެ ގައުމުގެ ޓީމަށް ކޯޗުކޮށް ދިން ބޭރު ގައުމުގެ ދެ ކޯޗުންނަކީ ބްރެޒިލަށް 2002 ގެ ވޯލްޑް ކަޕު ކާމިޔާބުކޮށް ދިން ލުއިޒް ފިލިޕޭ ސްކޮލާރީގެ އިތުރުން ބްރެޒިލްގެ އެހެން ކޯޗެއް ކަމަށްވާ އޮޓާ ގްލޯރިއާ އެވެ.
ގައުމުން ބޭރުގެ ކޯޗަކު ޕޯޗުގަލްގެ ޓީމަށް ހަމަޖެއްސުމުން ވެސް ފެޑެރޭޝަނަށް ފާޑުކިޔުން އަމާޒުވި އެވެ. ސަބަބަކީ އެ ގައުމުގައި ކާމިޔާބު ކޯޗުން ތިބި ނަމަވެސް އޭގެން މީހަކު ނުގެނައުމުންނެވެ.
ޕޯޗްގަލްގެ ކޯޗު ކަމާ ހަވާލުވުމަށް ފަހު މާޓިނޭޒް ކުރި ޓްވީޓެއްގައި އޭނާ ބުނީ، އޭނާ އަށް ކޯޗުކޮށް ދޭން ލިބެނީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ސްކޮޑަށް ކަމަށެވެ.
"އަހަރެން މަސައްކަތް ފަށާ ހިސާބަކީ ވޯލްޑް ކަޕުގައި ހިމެނުނު 26 ކުޅުންތެރިންގެ ސްކޮޑުން. ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އޭގެ ތެރޭގައި ހިމެނޭނެ،" މާޓިނޭޒް ބުންޏެވެ.
މާޓިނޭޒްގެ ކޯޗުކަމުން ބެލްޖިއަމުން ދުނިޔޭގެ ރޭންކިންގައި ކުރި އެރުން ހޯދި ނަމަވެސް އެކަން ބޮޑެތި މުބާރާތްތަކުގައި ދެމެހެއްޓިފައި ނުވާތީ ޕޯޗުގަލްގައި އޭނާ އަށް އެކަން ދެމެހެއްޓޭނެތޯ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވެ އެވެ.