ސެވިއްޔާ އިން މެޑްރިޑުގެ ސިލްސިލާ އަށް ނިމުން ގެނެސްފި
ސެވިއްޔާ އިން މެޑްރިޑުގެ ސިލްސިލާ އަށް ނިމުން ގެނެސްފި

މެޑްރިޑް (ޖެނުއަރީ 16) – ސްޓެވަން ޖޮވެޓިޗް ފަހު މިނެޓުގައި ވައްދާލި ލަނޑާ އެކު، ރެއާލް މެޑްރިޑުގެ މައްޗަށް 2-1 އިން ސެވިއްޔާ ކުރި ހޯދިއިރު މި ނަތީޖާއާ އެކު މެޑްރިޑުގެ ބަލިނުވުމުގެ ސިލްސިލާ 40 މެޗާ އެކު ނިމިއްޖެ އެވެ.

ސްޕެނިޝް ކަޕުގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ ސެވިއްޔާއާ 3-3 އިން އެއްވަރުކޮށް ޖެހިޖެހިގެން 40 ވަނަ މެޗު ބަލިނުވެ ފުރިހަމަކޮށް މެޑްރިޑުން ވަނީ ސްޕެއިން ފުޓްބޯޅައިގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެކަމަކު މިރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމު މި ވަނީ ބަދަލު ހިފައިފަ އެވެ.

މި ނަތީޖާއާ އެކު 39 ޕޮއިންޓް ހަމަކޮށް ސެވިއްޔާ ވަނީ ސްޕެނިޝް ލީގުގެ ދެ ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި 40 ޕޮއިންޓާ އެކު އޮތް މެޑްރިޑާ އެ ޓީމާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވި ނަމަވެސް މެޑްރިޑް އަތުގައި އިތުރު މެޗެއް އޮތުމުން ތަފާތު ބޮޑުކުރުމުގެ ފުރުސަތު އެބައޮތެވެ. އަނެއްކޮޅުން 38 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވެސް ވަނީ މެޑްރިޑް ބަލިވުމާ އެކު ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެ އެވެ. ދެ ވަނަ ހާފުގެ، 67 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެޑްރިޑަށް ލީޑު ނަގައިދީފަ އެވެ. އޭނާ މި ލަނޑު ޖެހީ މެޑްރިޑުގެ ޑެނީ ކަރްވަހާލް އަށް ސެވިއްޔާގެ ގޯލްކީޕަރު ސާޖިއޯ ރިކޯ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ސެވިއްޔާ އަށް އެއްވަރުވީ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި މެޑްރިޑަށް ލަނޑު ޖަހައިިދިނުމަށް ފަހު ސެވިއްޔާގެ ސަޕޯޓަރުންނާ ދިމާލަށް ރާމޯސް ދިއުމުން ވަރަށް ބޮޑަށް މައްސަލަ ގޯސްވެފައިވަނިކޮށް ރޭ އޭނާ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ސެވިއްޔާ ސަޕޯޓަރުންްނަށް ވަނީ ހަމަޖެހުމެއް ލިބިފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭ ސެވިއްޔާ މޮޅުވި ލަނޑު ޖަހައިދިނީ އިންޓަ މިލާނުގެ ލޯނެއްގެ ދަށުން ދާދި ފަހުން ސެވިއްޔާއާ ގުޅުނު މޮންޓެނީގްރޯ ފޯވާޑް ޖޮވެޓިޗެވެ. އޭނާ ވަނީ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފުތާގައި ވެސް މެޑްރިޑް ކޮޅަށް ލަނޑު ޖަހައިފަ އެވެ.

މީގެ 71 އަހަރުކުރިން އެންމެ ފަހުން ސްޕެނިޝް ލީގު ކާމިޔާބުކުރި ސެވިއްޔާ އިން އަންނަނީ މި ފަހަރު ލީގަށް ވަރަށް ބޮޑަށް އަމާޒުކުރަމުންނެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެތުލެޓިކޯ މެޑްރިޑުން ހޯދި ކާމިޔާބީ ސެވިއްޔާއަށް ތަކުރާރުކުރެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.