09 ޖެނުއަރީ 2023 - 17:59

ނީލަން ފިހާރާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅެމުން އައި މީހުންނަށް ސަރުކާރާއި ކައުންސިލްގެ ކޯޅުމާ ހެދި އަދިވެސް ވަގުތީ ހިޔާއެއް ހަމަނުޖެއްސެ އެވެ.

ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކުގައި 200 އެއްހާ މުވައްޒަފުން ދިރިއުޅުނެވެ. ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިއަދު ހެނދުނު 8:00 ހާއިރު އެ އެންމެން ވަނީ ސަލާމަތް ކުރެވުނު ބައެއް ސާމާނާ އެކު އިމާދުއްދީން ސްކޫލަށް ވައްދައިފަ އެވެ.
އޭގެ ފަހުން ނުވަ ގަޑިއިރު ވީ އިރު އެ މީހުން އަދިވެސް އެއްވެސް ގޮތެއް ނެތިފައި އެ ތަނުގައި އެބަތިއްބެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލާ ސުވާލު ކުރުމުން އެ ކައުންސިލްގެ މެންބަރު އާދަމް ރަމީޒް ވިދާޅުވީ، ރައީސް އޮފީހުން ވަކި ގޮތެއް ނުނިންމާތީ މުވައްޒަފުން ތިބޭނެ ތަނެއް އަދިވެސް ހަމަނުޖެއްސޭ ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން ކޮންމެ ތަނެއް ވިޔަސް މައްސަލައެއް ނެތޭ ފަރުކޮޅުފުށި ވިޔަސް އޯކޭއޭ ނޫނީ ސަލްމާން މިސްކިތް ކައިރީގައި ހުރި ތަން ވިޔަސް ހަމަޖައްސައި ދޭން. އެކަމަކު ރައީސް އޮފީހުގެ ބައްދަލުވުމަކުން ވަކި ތަނެއް ނުނިންމާތީ އަދިވެސް ނުވެފައި މި އޮތީ،" ރަމީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަގުތީ ހިޔާގެ ކަންކަމާ ގުޅޭ ގޮތުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ގުޅަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެ ފަރާތުން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ.
ޑިޒާސްޓާގެ ފަރާތުން އެ މައްސަލާގައި ޖަވާބެއް ހޯދަން ކުރި މަސައްކަތެއް ކާމިޔާބެއް ނުވެ އެވެ. އެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާ "މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތީ ކޮރަލް ބުލްވަޔަޑް ހަމަޖައްސައިދޭން ކަމަށެވެ.
އެކަމަކު، އެތަނުގެ މައްސަލަ އޮތީ ކޯޓުގައި ކަމަށާއި އެއީ އެ ފަރާތުން ޕްލޭނިން މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ތަނެއް ނޫން ކަމަށް މުއިއްޒަށް ދަންނަވާފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަށް ހަމަޖައްސައި ދެވެން އޮތް ތަނެއް ވިއްޔާ ހަމަޖައްސާނެ ވާހަކަ،" އަކްރަމް ވިދާޅުވި އެވެ.
ނީލަން ފިހާރައިގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ލޭބަ ކުއާޓަރު ރޯވުމުން ހާލުގައި ޖެހުނީ ބަންގްލަދޭޝްގެ ވަރަށް ގިނަ ބަޔަކާއި އިންޑިއާގެ މީހެކެވެ.