ލިބޭ ވޯޓަށް ނުބަލައި އިއްތިހާދުވުމުން ގިނަ ބަޔަކު ބާކީވޭ: ނަޝީދު
ލިބޭ ވޯޓަށް ނުބަލައި އިއްތިހާދުވުމުން ގިނަ ބަޔަކު ބާކީވޭ: ނަޝީދު

ރާއްޖޭގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މިހާތަނަށް އިއްތިހާދުވަމުން އައި ނަމަވެސް ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ނުބަލައި ކޯލިޝަން ސަރުކާރެއް ގާއިމްކުރުމަކީ ވަރަށް ގިނަ ބަޔަކު ބާކީވާ, ބޭއިންސާފު ގޮތެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލިބޭ ވޯޓަށް ނުބަލައި އިއްތިހާދުވުމުން ގިނަ ބަޔަކު ބާކީވޭ: ނަޝީދު
ލިބޭ ވޯޓަށް ނުބަލައި އިއްތިހާދުވުމުން ގިނަ ބަޔަކު ބާކީވޭ: ނަޝީދު

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވާ ނަޝީދު ނ. ލަންދޫގައި މިއަދު ވަނީ އިއްތިހާދު ވާން އެމަނިކުފާނު ގަބޫލުކުރައްވާ ގޮތް ވިދާޅުވެފަ އެވެ.

މީގެ ކުރިން އަބަދުވެސް އިއްތިހާދުގެ ސަރުކާރާ ދެކޮޅަށް ފާޅުގައި އެމަނިކުފާނު ވާހަކަ ދައްކަވަ އެވެ. އެކަމަކު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއްގައި އެމްޑީޕީން އިއްތިހާދު ހަދަން ޖެހިއްޖެ ނަމަ ބަލަން ޖެހޭނީ ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ކަމަށެވެ.

"އިންތިހާބުގެ ފުރަތަމަ ބުރުގެ ފަހުން އެމްޑީޕީއަށް އެހެން ބަޔަކާ އެކު އިއްތިހާދު ވާން ޖެހޭ ނަމަ ދެން އަޅުގަނޑުމެން ބަލާނީ ފުރަތަމަ ބުރުގައި ވޯޓު ލިބިފައި ހުރި ޕާޓީތަކަށް. މި ވޯޓު ނުމިނައި އިއްތިހާދުވުމަކީ ވަރަށް ވަރަށް ބޮޑު ބޭއިންސާފެއް," ނަޝީދު ވިދާޅުވި އެވެ.

މި ވެރިކަން އެކުލަވާލި ކޯލިޝަނަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެމްޑީޕީއަށް ދޭން އެއްބަސްވެވުނީ 40 ޕަސެންޓް ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ވަކިން ވާދަކޮށް ސާފު އަޣުލަބިއްޔަތު ހޯދި ތަން ފެންނާން އޮތް ކަމަށް ވިދާޅުވި އެވެ.

ޕާޓީތަކުން ސަރުކާރު ހިންގަން އެއްބަސްވެ ކެބިނެޓުގައި 3-4 ވަޒީރުން ތަމްސީލްކުރައްވާ ޕާޓީތަކަށް ވެސް, ނަޝީދު ވިދާޅުވި ގޮތުގައި, މަޖިލީހުން އެންމެ ގޮނޑިއެއް ވެސް ނުލިބެ އެވެ.

"ކައުންސިލް އިންތިހާބުގައި ވެސް ނުލިބޭ. އެހެން ނަމަވެސް ސަރުކާރުގެ ދެބައިކުޅަ އެއްބައި ދިނީމާ ދެން އެމްޑީޕީ މެމްބަރުން ބާކީވާނެ ވަރުގެ އަންދާޒާއެއް އެއީ. 60 ޕަސެންޓުގައި ތިބި ބައެއް, ހަގީގަތުގައި 100 ޕަސެންޓުގައި ތިބި ބައެއް," ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތާއީދު އެހާ ބޮޑުއިރު ސަރުކާރުގެ 40 ޕަސެންޓާ އެކު ތިބެން ޖެހުމަކީ އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންނަށް ވެސް ލިބޭ ވަރަށް ބޮޑު ދެރައެކެވެ.

ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ކޮންމެ ރަށެއްގައި ވެސް ނަޝީދު ގެންދަވަނީ ޕާޓީން 39,000 މީހުން އުނިކޮށްފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރައްވަމުންނެވެ. އެއާއެކު ޕާޓީގެ ސިޔާސަތުތަކާއި ފަލްސަފާތަކާ މާ ދުރަށް ޕާޓީގެ މިސްރާބު ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ނުކުމެ ހުންނެވީ އެމްޑީޕީގެ ފިކުރުގެ އަސްލާ އެއްގޮތަށް އަލުން އަނބުރާ ޕާޓީގެ މެމްބަރުންނަށް ހޯދައިދޭން ކަމަށް ވެސް ވިދާޅުވި އެވެ.

މި މަހުގެ ފަހުކޮޅު އޮންނަ ޕްރައިމަރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ގެންދަވަނީ ރަށްރަށުގައި ކެމްޕޭން ކުރައްވަމުންނެވެ. އެމަނިކުފާނު ދައްކަވަނީ ނަޝީދުގެ ވެރިކަން ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އޮތް މިންވަރާއި އެމަނިކުފާނުގެ މި ވެރިކަމުގައި ގައުމަށް ގެނެސްދެވިފައި އޮތް ހަމަޖެހުމެވެ. އެ ހަމަޖެހުމާ ގުޅިފައި އޮތީ ހިޔާލުތަފާތު ގިނަ ޕާޓީތައް ގޮވައިގެން ދައުރު ނިންމާލެވޭތީ ކަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ކެމްޕޭންގައި ފާހަގަކުރައްވަމުންނެވެ.