16 ޖެނުއަރީ 2017 - 08:34

ސީރިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އާންމުންނަށް ދޭ ހަމަލާތައް އިތުރުވަމުންދާ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.
އެފަދަ ޖަމާއަތަކުން ބުނި ގޮތުގައި ވެރިރަށް ދިމިޝްގު ކައިރީގައި، އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އަވަށަކަށް ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ސިފައިން ވައިގެ މަގުން އިއްޔެ ދިން ހަމަލާތައް އަމާޒު ކުރީ އާންމުން ދިރިއުޅޭ ތަންތަނަށެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އިއްޔެގެ ހަމަލާތައް އަމާޒު ކުރީ ދޭރް ގާނޫން އަވަށުގައި އޮންނަ، ހަފްލާތައް ބާއްވާ ބޮޑު މާލަމަކަށެވެ. މި މާލަކީ، ވާދީ އަލް ބަރާދާ ހިފުމަށް ސަރުކާރު ސިފައިން މިދިޔަ މަހު ފެށި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ދޫކޮށް ފިލައިގެން އައި އެތައް ސަތޭކަ ބަޔަކު މިހާރު ދިރިއުޅެމުންދާ ތަނެވެ.
މި ހަމަލާތަކުގައި އާންމުންގެ ހަތް މީހުން މަރުވި އެވެ. އަދި އިތުރު އެތައް ބަޔަކު ޒަޚަމްވި އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ތިބީ ފުރާނަ އަށް ނުރައްކާވާ ދަރަޖަ އަށް ޒަޚަމްވެފަ އެވެ.
އޭގެ އިތުރުން ވާދީ އަލް ބަރާދާ އަށް ވެސް ސަރުކާރު ސިފައިން ވަރުގަދަ ހަމަލާތަކެއް ދިނެވެ. މި ވާދީ އަކީ ވެރިރަށް ދިމިޝްގަށް ސާފު ފެން ފޯރުކޮށްދޭ މަރުކަޒެވެ.
އިއްޔެގެ މި ހަމަލާތަކަކީ، ހަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން، ޑިސެމްބަރު 30 ގައި އެއްބަސްވި ފަހުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާ އެވެ. އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެގެ ހަމަލާތަކުގައި އާންމުންގެ 12 މީހުން މަރުވެ އިތުރު 21 މީހަކު ޒަޚަމްވި އެވެ.
ސަރުކާރު ސިފައިން ދޭ ހަމަލާތައް ވަރުގަދަ ކުރީ، ވެރިރަށް ދިމިޝްގަށް ފެން ފޯރުކޮށްދިނުމާ ބެހޭ ގޮތުން، ވާދީ އަލް ބަރާދާގައި ތިބި ހަނގުރާމަވެރިންނާ ވާހަކަ ދެއްކުމަށް ގޮސް އުޅުނު، ސަރުކާރުގެ މަންދޫބަކު މަރައިލުމާ ގުޅިގެންނެވެ. އޭނާ އެ ވާދީ އަށް ދިޔައީ އެ ސަރަހައްދުގައި ހުންނަ ފެން ޕަމްޕުތައް މަރާމާތު ކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި އިދިކޮޅު ހަނގުރާމަވެރިންނާ މަޝްވަރާ ކުރުމަށެވެ.
ވާދީ އަލް ބަރާދައީގެ ފެން ޕަމްޕުތައް ހަލާކުވުމާ ގުޅިގެން، ޑިސެމްބަރު 22 ވަނަ ދުވަހުން ފެށިގެން ވެރިރަށް ދިމިޝްގަށް އެކަށީގެންވާ ގޮތެއްގައި ފެނެއް ނުލިބެ އެވެ. ދިމިޝްގުގައި 5.5 މިލިއަން މީހުން ދިރިއުޅެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މާޗް 2011 ގައި ފެށުނު ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 400،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް މިލިއަން ބަޔަކު ވަނީ ރެފިއުޖީންގެ ގޮތުގައި ގައުމުން ބޭރަށް ގޮސްފަ އެވެ.