ސްކޫލް ބާސްކެޓަށް ހާއްސަ ބޭރުގެ ކޯޗަކު ސްޓާސް އެކަޑަމީ އަށް
ސްކޫލް ބާސްކެޓަށް ހާއްސަ ބޭރުގެ ކޯޗަކު ސްޓާސް އެކަޑަމީ އަށް

ސްކޫލް ބާސްކެޓްބޯޅަ ޓްރޭނިން އަށް ހާއްސަ ތަޖުރިބާކާރަކު، ސްޓާސް ބާސްކެޓްބޯޅަ އެކަޑަމީ އަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބާސްކެޓްބޯޅަ އެކަޑަމީ، ސްޓާސް އަށް ހަމަޖެއްސީ ގާނާގެ ތަޖުރިބާކާރެއް ކަމަށްވާ އެމެނުއެލް ލެނީ އެވެ. ސްޓާސްގެ ފައުންޑާ އަދި ހެޑް ކޯޗު ހުސަން ޒަމީލް (ޒަމްބެ) ބުނީ އެއް އަހަރު ދުވަހަށް ލެނީ ރާއްޖޭގައި މަސައްކަތް ކުރާނެ ކަމަށެވެ.

"ހުޅުމާލޭގައި އޭނާ ބޭސްވެގެން ހުންނާނީ. މިހާރު ހުޅުމާލޭގައި ބާސެކްޓް ފުޅާވެގެން އަންނަވަރު އިތުރުވީމަ އަޅުގަނޑުމެން ހިތައް އެރީ އޭނާގެ ފޯކަސް ކުރާނީ ހަމައެކަނި ހުޅުމާލެ އަށޭ،" ޒަމީލް ބުންޏެވެ.

ޒަމީލް ބުނި ގޮތުގައި ލެނީ އަކީ ކެނަޑާގެ ކޯޗަކާ ގުޅިގެން ގާނާގައި ސްކޫލް ބާސްކެޓަށް ހާއްސަ އެކަޑަމީއެއް މިހާރު ވެސް ހިންގާ ކޯޗެކެވެ.

"ގާނާގައި ސްކޫލަށް ދާން ފުރުސަތު ނުލިބޭ ކުދިންނަށް ބާސްކެޓްގެ ތެރެއަށް ގެނެސް އޭގެ އެ ކުދިން ސްކޫލްތަކާ ހަމައަށް ގެންގޮސްދޭ ޕްރޮގްރާމެއް ގޮތަށް އޭނާ އެކަޑަމީ ބައްޓަންކޮށްފައި ވަނީ،" ތައިލެންޑްގައި 2018 ގައި ބޭއްވި ޔޫތު މުބާރާތެއް ސްޓާސް އެކަޑަމީ އަށް ކާމިޔާބު ކޮށްދިން ޒަމީލް ބުންޏެވެ.

"އެހެންވީމް ޖޫނިއާ ކުދިން މޯޓިވޭޓްކޮށްގެން ކުޅިވަރުތެރޭގައި ގެންގުޅޭނެ ތަޖުރިބާތަކެއް ވެސް މީނަގެ ކިބައިގައި އެބަ ހުރި. އަޅުގަނޑު ހިތައް އެރީ ރާއްޖޭގެ ޖޫނިއާ ކުދިންނާ ވަރަށް ގުޅޭނެޔޭ މީނަގެ ޓްރޭނިންތައް. އަނެއްކާ އެކޮޅުގައި ވެސް އޭނާގެ ޓްރޭނިންތައް ބޭސް ވެފައި ވަނީ އައުޓްޑޯގައި."

ބާސްކެޓްގެ ވައީޑީޕީގައި އެންމެ ހަރަކާތްތެރި ސްޓާސް އެކަޑަމީން ވަނީ މިދިޔަ އަހަރު އެމެރިކާގެ ކޯޗެއް ކަމަށްވާ ރިޗަޑް ރެޑްފާން ވެސް ރާއްޖެ ގެނެސް އެކަޑަމީގައި މަސައްކަތް ކުރުވައިފަ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ބާސްކެޓް ލީގު، އެމެރިކާގެ އެންބީއޭ އަށް ޓެކްނިކަލް މަސައްކަތް ކޮށްދޭ ކުންފުންޏެއް ކަމަށްވާ ކޯޗާސް ޓީމު އިންޓަނޭޝަނަލް (ސީއަ) ގައި މަސައްކަތް ކުރާ ރެޑްފާން ހަތަރު މަސް ވަންދެން ސްޓާސް އެކަޑަމީގައި މަސައްކަތް ކުރި އެވެ.

ބޭރުގެ ޓްރޭނިންތަކަށް ވެސް އެ އެކަޑަމީގެ ކުދިން ފޮނުވައިގެން ޓްރޭނިން ޕްރޮގްރާމްތައް ވެސް ސްޓާސް އެކަޑަމީން ހިންގަ އެވެ. މިދިޔަ މަހު 16-21 އަށް އެ އެކަޑަމީގެ ހަތަރު ކުއްޖަކު ލަންކާގެ އިމްޕެކްޓް ހޯޕްސް ލެބް ބާސްކެޓްބޯޅަ އެކަޑަމީގައި ޓްރޭނިން ހެދި އެވެ.