16 ޖެނުއަރީ 2017 - 02:37

މެންޗެސްޓާ (ޖެނުއަރީ 17) – ޒަލަޓާން އިބްރަހިމޮވިޗް މެޗުގެ ފަހުކޮޅު ޖެހި ގޯލާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި ލިވަޕޫލް އަތުން މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބަލިނުވެ ސަލާމަތްވެ، 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު 45 ޕޮއިންޓް ހަމަކޮށް ލިވަޕޫލް ތިން ވަނަ އަށް އެރި ނަމަވެސް، ހިތްހަމަނުޖެހުމަކީ މޮޅުވެގެން ދެ ވަނަ އަށް އެރެން އޮތް ފުރުސަތު ގެއްލުމެވެ. ދެ ވަނައިގައި ޓޮޓެންހަމް ހޮޓްސްޕާސް އޮތީ 45 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ. އެއް ވަނައިގައި 52 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ.
މިރޭ އެވަޓަން އަތުން މެންޗެސްޓާ ސިޓީ 4-0 އިން ބަލިވެފައިވާތީ، ޔުނައިޓެޑް މޮޅުވި ނަމަ އެ ޓީމަށް ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވުނީހެވެ. އެކަމަކު އެ ޓީމު މިހާރު އޮތީ 40 ޕޮއިންޓާ އެކު އަދިވެސް ހަ ވަނައިގަ އެވެ. ސިޓީ ފަސް ވަނައިގައި އޮތީ 42 ޕޮއިންޓާ އެކު އެވެ. މިއީ ޕްރިމިއާ ލީގުގައި މިދިޔަ މަހުގެ 4 ވަނަ ދުވަހު އެވަޓަންއާ އެއްވަރުވި ފަހުން ޔުނައިޓެޑް މެޗަކުން މޮޅުނުވެ ދިޔަ ފުރަތަމަ ފަހަރެވެ. އެ މުއްދަތުގައި އެ ޓީމުން ވަނީ ހުރިހާ މުބާރާތެއްގައި ނުވަ މެޗުން މޮޅުވެފަ އެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ވަނީ ލަނޑުގެ ޖަހާނެ މުޅިން ހުސް ފަސް ވަރަކަށް ފުރުސަތު ލިބި ބޭކާރުވެފަ އެވެ. ލިވަޕޫލުން ލީޑު ނެގީ ޕެނަލްޓީ އަކުންނެވެ.
މެޗުގެ ކުރީކޮޅު އެންތަނީ މާޝިއަލް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައަށް އިބްރަހިމޮވިޗް އެރި ނަމަވެސް އެ ބޯޅަ އޭނާގެ ފައިގައި ރަނގަޅަށް ލައްވާލާ ގޮތެއް ނުވި އެވެ. އޭގެ ފަހުން ހެންރިކް މިކިތާރިޔަން މުޅިން ހުސްކޮށްލާފައި ޕައުލް ޕޮގްބާ އަށް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އަދި ލިވަޕޫލުން ނެގި ކޯނަރެއް ދިފާއުކުރަން ޕޮގްބާ ފުންމައިގެން އެރި ވަގުތު ބޯޅައިގައި އަތް ލުމުން ރެފްރީ ވަނީ ލިވަޕޫލަށް ޕެނަލްޓީއެއް ދިނެވެ. މި ޕެނަލްޓީ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލިވަޕޫލަށް ލީޑު ނަގައިދިނީ ޖޭމްސް މިލްނާ އެވެ.
މި ލަނޑަށް ފަހު ހަމަހަމަކުރަން ޔުނައިޓެޑަށް ރަނުގެ ދެ ފުރުސަތު ލިބުނެވެ. އޭރިއާ ރޮނގު މަތިން ޔުނައިޓެޑުގެ އިބްރަހިމޮވިޗް ފޮނުވާލި ބާރު ހިލޭ ޖެހުމުން ލިވަޕޫލުގެ ގޯލްކީޕަރު ސިމޮން މިގްނޮލޭ މަތަކުރި އެވެ. އަދި އަންދަރު ހެރޭރާ ދިން ބޯޅައަކަށް މިކިތާރިޔަން އަރައި ފޮނުވާލި ބާރު ބޯޅަ ވެސް މިގްނޮލޭ މަތަކުރި އެވެ.
ދުނިޔޭގެ ރެކޯޑް އަގަކަށް ޔުނައިޓެޑަށް ބަދަލުވި ޕޮގްބާގެ ކުޅުން ރަނގަޅުވެ ފާޑުކިޔުންތައް ހުއްޓިފައި ވަނިކޮށް މިރޭ އޭނާގެ ފަރާތުން ޓީމަށް ފައިދާއެއް ނުވުމުން ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ. އެގޮތުން ބޮލުން ޖަހަން ފުންމައިގެން އެރި ބޯޅައެއްގައި އަތްލުމާ އަދި ރަނުގެ ފުރުސަތެއް ބޭކާރުކޮށްލުމުގެ އިތުރުން މުޅި މެޗުގައި އޭނާ ފެނުނީ ސަމާލުކަން ގެއްލިފައި ހުއްޓަ އެވެ. އެއް ފަހަރު ޔުނައިޓެޑުން ކޯނަރެއް ނެގި ވަގުތު ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ ކަރުގައި އަތްއަޅުވާ އޭނާ ވައްޓާ ވެސް ލި އެވެ. އޭރު ވެސް ރީނދޫ ކާޑެއްގައި ހުރި ޕޮގްބާގެ އެ ފައުލް ރެފްރީ އަށް ފެނުނު ނަމަ ފަހަރުގައި ދަނޑުން ފޮނުވާލުން ވެސް އެކަށީގެންވެ އެވެ. ޕޮގްބާ އަށް މިރޭ ކުރިމަތިވާނެ ހަގީގީ ހަމަލާތަކުން ސަލާމަތްވީ، އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް މެޗުގެ 84 ވަނަ މިނެޓުގައި ޖެހި ގޯލާ އެކު އެވެ.
ޔުނައިޓެޑުން އެއްވަރުކުރި ގޯލް އިބްރަހިމޮވިޗް ޖެހީ އެންޓޯނިއޯ ވެލެންސިއާ އުފެއްދި ހަމަލައެއްގަ އެވެ. އޭނާ އަރިމަތިން ނެގި ހުރަސް ލިބުނީ ބަދަލު ކުޅުންތެރިޔާ އަދި ކެޕްޓަން ވޭން ރޫނީ އަށެވެ. ރޫނީ އެ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ލިވަޕޫލުގެ ކުޅުންތެރިޔެއް ކައިރިން ނައްޓާލުމަށް ފަހު ޖަހަން ބެލި އިރު އޭންގަލް ހަނިވުމުން އޭނާ އެ ބޯޅަ އަލުން ގޯލް ކުރިމައްޗަށް ހުރަސްކުރީ އެވެ. އެ ބޯޅަ އަށް އަރައި މައުރޯނޭ ފެލައިނީ ބޮލުން ޖެހުމުން އަމާޒުވީ ގޯލް ދަނޑި އަށެވެ. އަދި ދަނޑީގައި ޖެހިފައި ބޭރުވާން ދިޔަ ބޯޅަ ވެލެންސިއާ އަލުން ހުރަސްކުރުމުން އިބްރަހިމޮވިޗް ވަނީ ބޮލުން ޖަހައި ގޯލް ތެރެއަށް ވައްދާލައިފަ އެވެ.
ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ދެ ޓީމުގެ ވެސް ހުރި ހަގީގީ ފެންވަރެއް ނުދެއްކުނު ކަމަށާއި މިއީ ވަރަށް ޖަޒުބާތީ އަދި ދެ ޓީމުން ވެސް ވަރުގަދަޔަށް ޖެއްސި މެޗެއް ކަމަށެވެ. އަދި މެޗުގެ ފަހު ވަގުތާ ހަމަޔަށް ޔުނައިޓެޑުން މަސައްކަތްކުރިކަން މޮރީނިއޯ ފާހަގަކުރި އެވެ.
"އަހަރެމެން އެޓޭކްކުރީ. ލިވަޕޫލުން ދިފާއުކުރީ. ޔަގީނުން ތިން ޕޮއިންޓް ނުލިބުމުން މާޔޫސްވެއްޖެ،" މޮރީނިއޯ ބުންޏެވެ.
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޔުނައިޓެޑުން ކުރިއަށް ޖެހިގެން ކުޅުމަށް ފަހު ފަހު ވަގުތު ދިގު ބޯޅަތަކެއް ލައިގެން އެޓޭކްކުރަން ފެށުމުން ވަރަށް އުނދަގޫވި ކަމަށެވެ. އަދި ލިވަޕޫލުން މެޗަށް އައީ މޮޅުވާން ކަމަށާއި އެހެންވެ އެންމެ ޕޮއިންޓަކުން ފުއްދަން ޖެހުމުން އެހާ ހިތްހަމަނުޖެހޭ ކަމަށާއި އެކަމަކު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ކްލޮޕް ބުންޏެވެ.