16 ޖެނުއަރީ 2017 - 06:31

އިންޑިއާގެ ގައުމީ ދިދައާ އެއްގޮތަށް ހަދާފައިވާ ފައިފުހިތަކެއް އޮންލައިން ފިހާރަ އެމެޒޮންގައި ވިއްކުމުން އިންޑިއާ ރުޅި ގަދަވެފައި ވަނިކޮށް އެ ގައުމުގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާންދީގެ ފޮޓޯ ޖެހި ފައިވާންތަކެއް ވެސް އެމެޒޮންގައި ވިއްކުމުން އިންޑިއާ އިތުރަށް ރުޅި ގަދަވެއްޖެ އެވެ.
ގާންދީ އަކީ އިންޑިއާގެ އިސްތިއުމާރުން އިންޑިއާ މިނިވަންކުރި، "އިންޑިއާގެ ބައްޕަ" އެވެ. އިންޑިއާގެ ލޯބި މިހާ ބޮޑަށް ލިބިފައިވާ ޝަހުސިއްޔަތެއްގެ ގަދަރު ކުޑަވާ ފަދަ ގޮތަކަށް ހަދާފައިވާ އުފެއްދުމެއް ވިއްކުމުން އިންޑިއާ އިން ރަސްމީކޮށް ވަނީ ޝަކުވާކޮށްފަ އެވެ.
ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ އެމެޒޮން އިން އިންޑިއާގެ އިހްސާސްތަކަށް އިހުތިރާމުކުރަން ޖެހޭނެކަން އެމެޒޮން އަށް އެންގުމަށް، ވޮޝިންޓަންގައި ހުންނަ އިންޑިއާ އެމްބަސީ އަށް ވަނީ އަންގައިފަ އެވެ.
"އިންޑިއާގެ ދިދަ ޖެހި ފައިފުހި ވިއްކި މައްސަލަ ވެސް ޖެހިފައި ވަނިކޮށް މިފަދަ ކަމެއް ހިންގުމުން، އެމެޒޮންގައި އެހެން ބަޔަކު އެއްޗެއް ވިއްކުމަށް ފުރުސަތު ދޭއިރު ވެސް އިންޑިއާގެ އިހްސާސްތަކަށް އިހްތިރާމު ކުރަންޖެހެނޭކަން އެމެޒޮން އަށް އެންގުމަށް ވާނީ ވޮޝިންޓަންގައި ހުންނަ އެމްބަސީއަށް އަންގާފައި،" އެންޑީޓީވީން ފޮރިން މިނިސްޓްރީއާ ހަވާލާދީ ބުންޏެވެ.
މީގެ ކުރިން ފައިފުހި ވިއްކި މައްސަލާގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުޝްމާ ސްވަރާޖް ވެސް ވަނީ އެމެޒޮން އިން ޝަރުތަކާ ނުލައި މާފަށް އެދެން ޖެހޭނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އަދި މި މައްސަލާގައި، އިންޑިއާގައި ތިބޭ އެމެޒޮންގެ އޮފިޝަލުންގެ ވިސާ ކެންސަލް ކުރަން ޖެހިދާނެ ކަމަށް ވެސް އިންޒާރު ދެއްވި އެވެ.
އިންޑިއާގެ ދިދަ ޖެހި ފައިފުއްސާއި ގާންދީގެ ފޮޓޯ ޖެހި ފައިވާން ވެސް އެމެޒޮން އިން މިހާރު ވަނީ ނަގައިފަ އެވެ.