09 ޖޫން 2016 - 08:09

ޑިސްނީގެ ކުރިއަށް އޮތް އެނިމޭޓެޑް ފިލްމް "މޮއާނާ" ގެ ފުރަތަމަ ޕޯސްޓަރު އިއްޔެ ދައްކާލައި، ފިލްމުގެ ފުރަތަމަ ޓްރެއިލާ އަންނަ އާދީއްތަ ދުވަހު އާންމުކުރަން ތައްޔާރުވެއްޖެ އެވެ.

ދެކުނު ޕެސިފިކް ކަނޑުގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ "މޮއާނާ" ގެ ފުރަތަމަ ޕޯސްޓަރު ފޭނުންނާ ހިއްސާ ކުރީ، އެ ފިލްމުގެ މުހިއްމު ކެރެކްޓާއަކަށް އަޑު އަޅައި ދީފައިވާ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން (ދަ ރޮކް) އެވެ.
އޭނާގެ ޓްވިޓާގައި ޕޯސްޓަރު ޝެއާކޮށްލުމާ އެކު އެތައް ބަޔަކު ވަނީ އުފަލުން ފޮޅިފަ އެވެ. ފިލްމުގެ ޕޯސްޓަރުގައި ވަނީ ފިލްމުގެ ޓެގްލައިނެއް ވެސް ހިމަނައިފަ އެވެ. އެއީ "އޯޝަން އިޒް ކޯލިން" އެވެ.
ކާމިޔާބު އެތައް އެނިމޭޓެޑް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑިސްނީން މި ފަހަރު ގެނެސްދޭ "މޮއާނާ" ގެ ވާހަކަ އެނބުރެނީ އެ ނަން ކިޔާ އަންހެން ކެރެކްޓާއަކަށެވެ.
އެ ކެރެކްޓާ އަށް އަޑު އަޅައި ދީފައި ވަނީ އައުލީ ކްރަވަލްހޯ އެވެ.
ޖޯން މަސްކާ އާއި ރޮން ކްލެމެންޓްސް ޑައިރެކްޓްކޮށްފައިވާ "މޮއާނާ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 23 ގަ އެވެ.
މި ދެ ޑައިރެކްޓަރުން ގުޅިގެން މީގެ ކުރިން ގެނެސް ދީފައިވާ އެނިމޭޓެޑް ފިލްމުތަކުގެ ތެރޭގައި ޑިސްނީގެ ދަ ޕްރިންސެސް އެންޑް ދަ ފްރޮގް (2009)، ހާކިއުލެސް (1997) އަދި ދަ ލިޓްލް މާމެއިޑް (1989) ފާހަގަކޮށްލެވެ އެވެ.
"މޮއާނާ" އަކީ އަނެއްކާ ވެސް ބެލުންތެރިންނަށް ޑިސްނީން ގެނެސްދޭ މޮޅު އެނިމޭޓެޑް ފިލްމަކަށް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.
އެ ސްޓޫޑިއޯން މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި އެނިމޭޓެޑް ފިލްމް "ޒޫޓޯޕިއާ" ވެސް މިހާރު ވަނީ ބިލިއަން ޑޮޮލަރުގެ އާމްދަނީއެއް ހޯދައި، ތާރީހުގެ ތެރެއަށް ވަދެފަ އެވެ.
"ޒޫޓޯޕިއާ" އަކީ މިހާތަނަށް ބިލިއަން ޑޮލަރު ފަނަހައަޅައި ދިޔަ ހަތަރު ވަނަ އެނިމޭޓެޑް ފިލްމެވެ.