ރިޔާސީ އިންތިހާބުގައި ރައީސްގެ ފަހަތަށް ނާރާނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި
ރިޔާސީ އިންތިހާބުގައި ރައީސްގެ ފަހަތަށް ނާރާނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ނަމަވެސް ދެން އެ މަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

އެ ޕްރައިމަރީގައި ނާކާމިޔާބު ވެއްޖެ ނަމަ އެމްޑީޕީގެ މެމްބަރުން އިންތިހާބުކުރާ ކެނޑިޑޭޓަކަށް ތާއީދު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދު މިއަދު ބޭއްވެވި މީޑިއާ ބްރީފިންގައި، ރައީސްގެ އެ ވިދާޅުވުމާ ގުޅުވައިގެން ނޫސްވެރިން ސުވާލު ކުރުމުން ނަޝީދުގެ ޖަވާބު ބަދަލެއް ނުވި އެވެ. ދެއްވީ ކުރިން ވެސް އެ ކަމުގައި ދެއްވާ ޖަވާބެވެ.

"އަޅުގަނޑަކަށް ނުޖެހޭނެ އެކަން ކުރާކަށް. އެމްޑީޕީގެ ޓިކެޓު އަޅުގަނޑަށް ނުލިބޭނެ އެއްވެސް ތަނެއް އަޅުގަނޑަކަށް ނުފެނޭ، ގަޑުބަޑުކޮށް ނިމުނީމާ ވެސް މޮޅު ވާނީ އަޅުގަނޑު،" ނަޝީދު ވިދާޅުވި އެވެ.

ޕްރައިމަރީ އަށް ފަހު އެ މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ނުކުރެއްވޭނެތޯ އަނެއްކާވެސް ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ، ރައީސްގެ ފަހަތަށް އެމްޑީޕީގެ މެންބަރުން ދެން ނާރާނެ ކަމަށެވެ.

"ރަށްރަށަށް، ކުޑަހުވަދު އަށް ދިޔައީމާ އެބަ ބުނޭ ދެން ނުބުނައްޗޭ އިބޫ އަށް ވޯޓު ދޭން،" ނަޝީދު ވިދާޅުވި އެވެ.