08 ޖެނުއަރީ 2023 - 12:11

މިވަގުތު ދެ ވަނަ ޑިވިޝަނުގައި އޮތް، ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓުގެ ހިންގާ ކޮމިޓީ އަށް ނުވަ މެމްބަރުން އިތުރުކުރާށާއި ކޮންމެ މެމްބަރެއްގެ އަތުން ޗަންދާ ނަގަން އެ ކްލަބުގެ އާއްމު ޖަލްސާ އިން ފާސްކޮށްފި އެވެ.
ހިންގާ ގަވާއިދަށް ބަދަލުގެނެސްގެން، އަލަށް އިތުރުކުރީ ދެ ވައިސް ޗެއާމަނުންނާއި ފަސް އާއްމު މެމްބަރުން އަދި ގާނޫނީ ވަކީލެއް ހިންގާ ކޮމިޓީ އަށް އިތުރުކުރާށެވެ. އެއާ އެކު ނިއުގެ ހިންގާ ކޮމިޓީގައި 17 މެމްބަރުން ތިބޭނެ އެވެ. މިއީ އެހެން މަދަނީ ކްލަބްތަކާއި ޖަމިއްޔާތަކާ ބަލާއިރު ބޮޑު އަދަދެކެވެ.
ނިއުގެ ޗެއާމަން އަހުމަދު ވާސިފް ވިދާޅުވީ މި ގޮތަށް ނިންމީ ކްލަބަށް އާމްދަނީ އިތުރުކުރުން ކަމަށެވެ. ހިންގާ ގަވާއިދަށް ގެނައި ބަދަލާ އެކު ކޮންމެ މަހަކު ޗެއާމަން އަތުން 10،000ރ.، ވައިސް ޗެއާމަނުން އަތުން 5000ރ. އަދި އާއްމު މެމްބަރުން އަތުން 2500 ރުފިޔާ ނަގާނެ އެވެ.
ކުރިން އޮންނަ ގޮތުން ނަމަ ނިއުގެ ހިންގާ ކޮމިޓީ އަށް ވާދަކުރެވޭނީ ކުރީ އަހަރު މެމްބަޝިޕް ފީ ދައްކާފައިވާ މީހުންނަށެވެ. ނަމަވެސް މިހާރު ފާސްކުރި ގޮތުން އަލަށް މެމްބަޝިޕް ނަގައިގެން ބޯޑަށް ކުރިމަތިލެވޭނެ އެވެ.
އަދި އާ ގަވާއިދުގެ ދަށުން، އެ މަހެއްގެ ޗަންދާ ނުދައްކައިފި ނަމަ ޖެހިގެން އަންނަ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން، ފާއިތުވި މަހާއި އެ މަހުގެ ޗަންދާ އެއްކޮށް ދައްކަން ޖެހޭނެ އެވެ. ނުދައްކައިފި ނަމަ މަގާމުން ވަކިވާނެ އެވެ.
ރާއްޖޭގެ ގިނަ ކްލަބްތައް ޒަމާނުއްސުރެ އެންމެ ބޮޑަށް ބަރޯސާވަނީ، ސަޕޯޓަރުން އަތުން ހޯދާ ފައިސާ އަށެވެ. އަދި ގިނަ ފަހަރަށް ޗެއާމަނަކަށް ގެންނަނީ ވެސް ކްލަބަށް ހަރަދުކުރެވޭ ވަރުގެ މަހުޖަނެކެވެ. ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މޮޑެލް ތައާރަފުކުރަން ވާހަކަ ދެއްކި ނަމަވެސް، އެކަން އަދިވެސް ކުރެވޭ ގޮތެއް ނުވެ އެވެ.
ނިއު އިން ވަނީ އަލަށް އިތުރުކުރާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ ރެޔާ ހަމައަށް ހުޅުވާލައިފަ އެވެ. އެ ކްލަބުން މަސައްކަތްކުރަނީ ހޮނިހިރު ދުވަހުގެރޭ އިންތިހާބު ބާއްވާށެވެ.
ނިއު އިން މިހާރު ތައްޔާރުވަނީ މި އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް ފުރަތަމަ ޑިވިޝަނުން ޖާގައެއް ހޯދާށެވެ.
ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަޑީގައި 1979 އިން ފަށައިގެން ވާދަކޮށް، ބޮޑެތި ކާމިޔާބީތަކެއް ހޯދި ނިއު އަޑިއަޅާލީ މާލީ މައްސަލަތަކެއް ދިމާވުމުންނެވެ. އެގޮތުން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭތީ އެފްއޭއެމުން 2019 ވަނަ އަހަރުގެ ކުރީކޮޅު އެ ކްލަބް ސަސްޕެންޑްކުރި އެވެ.
އޭގެ ފަހުން ހަރަކާތެއް ނެތި އޮތުމަށް ފަހު މިދިޔަ އަހަރު އާ ހިންގާ ކޮމިޓީއެއް ނަގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެހީގައި ދަރަނި ދެއްކި އެވެ. އަދި ދެ ވަނަ ޑިވިޝަނުގައި ވާދަކުރި އެވެ. އެކަމަކު ފުރަތަމަ ޑިވިޝަނަށް އެރޭ ވަރެއް ނުވި އެވެ.