ހިސާންގެ ރައްދު ނަޝީދަށް: "ރިއެކްޓް ކުރީމާ ވެއްޓެނީ ވެރިކަން"
ހިސާންގެ ރައްދު ނަޝީދަށް: "ރިއެކްޓް ކުރީމާ ވެއްޓެނީ ވެރިކަން"

ރައީސުން ކުއްލިއަށް ކަންކަމަށް ރިއެކްޓް ކުރުމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވެރިކަން ވެސް ވެއްޓިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރޭ ރައްދު ދެއްވައިފި އެވެ.

ހިސާންގެ ރައްދު ނަޝީދަށް: "ރިއެކްޓް ކުރީމާ ވެއްޓެނީ ވެރިކަން"
ހިސާންގެ ރައްދު ނަޝީދަށް: "ރިއެކްޓް ކުރީމާ ވެއްޓެނީ ވެރިކަން"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރިއެކްޓް ނުކުރައްވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށް، ރައީސްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ހިސާން ވިދާޅުވީ، ގައުމެއްގެ ވެރިއަކު ކުއްލި ކަންކަމާ ރިއެކްޓް ކުރެއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެ ހާލަތުގައި ބައެއް ފަހަރު ވެރިކަން ވެއްޓޭ ފަހަރު ވެސް ކުރިމަތިވާ ކަމަށް ވިދާޅުވެ، ނުސީދާކޮށް ނަޝީދަށް، ހިސާން ރައްދު ދެއްވި އެވެ.

"މާ ގަދައަށް ރިއެކްޓް ކުރީމަ ވެރިކަން އެބަ ވެއްޓިގެންދޭ،" ކުރިން ނަޝީދާ ގާތްގުޅުމެއް ބާއްވަމުން ގެންދެވި ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނެވި ހިސާން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިން ނައިބު ރައީސުން އައްޔަން ކުރުމާއި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމަކީ ވެސް ކުއްލިއަކަށް ކަންކަމަށް ރިއެކްޓް ކުރުމުގެ ނަތީޖާ ކަމަށް ވެސް ޖޭއެސްސީގެ ރައީސްގެ މަގާމު ފުރުއްވާ ހިސާން ވިދާޅުވި އެވެ.

"ބައެއް ފަހަރު ރިއެކްޓް ކުރީމަ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތާ ތިބި ފަނޑިޔާރުން ދަމާ ކޫއްތާފައި އެބަ ނެރެެންޖެހޭ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވިގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ތާއީދު ކުރައްވަން ނިންމެވީ ވެސް ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެރިކަން ކުރެވޭނެ ކަން އެ މަނިކުފާނު ސާބިތުކޮށް ދެއްވާފައިވާތީ އެވެ. އިންތިހާބެއްގައި އަބަދުވެސް ވިސްނަން ޖެހޭނީ ގައުމީ މަސްލަހަތަށް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު ވަކީލެއްގެ ގޮތުން ކުރަން ޖެހުނު ތަޖުރިބާތައް ވެސް ހިސާން ރޭ ހިއްސާ ކުރެއްވި އެވެ. އޭރު އޭނާގެ ކޮންމެ ދުވަހެއް ފެށެނީ ބަންދުގައި ތިބި ސިޔާސީ ލީޑަރުންނާއި މީހުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތަކުން ކަމަށް ވިދާޅުވި އެވެ. ނަޝީދާއި އޭރު އެމްޑީޕީގެ އިސްވެރިން ތިބީ ޖަލަށް ލާފައި ކަމަށް ވާތީ އެ ބޭފުޅުންނާ އަބަދުވެސް ބައްދަލު ކުރައްވަން ޖެހިވަޑައިގަތީ ޖަލުން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"ބައެއް ފަހަރު ހީވޭ ޕާޓީގެ ލީޑަޝިޕްގެ ބައްދަލުވުން މިއީ ދޫނިދޫ ޖަލުގައި ހިނގާ ކަމެއްހެން ވެސް. ހުދު ރައީސް އިބޫ ވެސް އިންނެވި ޖަލުގައި،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދުވަސް އަނބުރާ ގެންނާކަށް އެމްޑީޕީގެ މެމްބަރުން މިހާރު ބޭނުމެއް ނުވެ އެވެ.

"މި ޕާޓީގެ މެމްބަރުން އަނބުރާ ޖަލު ގޮޅިތަކަކަށް ދާން ބޭނުމެއް ނޫން،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން މިހާރު ބޭނުންވަނީ ހަމަޖެހިގެން ދިރިއުޅުމަށެވެ. ކުރިން އުޅުނު ގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލާފައި އަބަދު މުޒާހަރާ ކުރުމުގައި ދެމިތިބެން އެމްޑީޕީގެ ގިނަ މެމްބަރުން ބޭނުން ނުވާނެ ކަމަށް ވިދާޅުވި އެވެ.