16 ޖެނުއަރީ 2017 - 06:33

އެމެރިކާގެ އެންމެ މަޝްހޫރު ސާކަސް "ގްރޭޓެސްޓް ޝޯ އޮން އާތު" 146 އަހަރަށް ފަހު ހުއްޓާލަން ނިންމައިފިކަން އެ ސާކަސް އިންތިޒާމްކުރާ ރިންގްލިން ބްރަދާސް އެންޑް ބާނަމް އެންޑް ބެއިލީ އިން އިއުލާނުކޮށްފި އެވެ.
ސާކަސްގެ ވެރި ފަރާތުން ބުނީ މިކަން ހުއްޓާލަން ނިންމީ ޓިކެޓް ވިކޭ އަދަދު ވަރަށް ބޮޑަށް މަދުވުމުންނާއި ޚަރަދުތައް މާބޮޑުވުމުން ކަމަށެވެ.
ސާކަސް ހުއްޓާލާކަން އިއުލާނުކުރުމާ އެކު، ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ސާކަސްތަކުގައި ޖަނަވާރު ބޭނުންކުރާތީ، ޖަނަވާރުންގެ ހައްގުތަަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ދެކޮޅަށް އަޑު އުފުލާތާ ޒަމާންތަކެއް ވެއްޖެ އެވެ.
ހުއްޓާލަން ނިންމި ސާކަސް އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ކިޔާފައިވާ ވަރުގަދަ ނަމުގެ ސަބަބުންނެވެ. އެ ނަމާ ގުޅުވައިގެން ހެދި ފިލްމަކަށް އޮސްކާ ވެސް ލިބިފައިވެ އެވެ.
"އާއިލާއިން މަޝްވަރާކުރުމަށް ފަހު މި އުނދަގޫ ނިންމުން މިހާރު ވަނީ ނިންމާފައި. ރިންގްލިން ބްރޯސް އެންޑް ބާނަމް އެންޑް ބެއިލީގެ އެންމެ ފަހު ހުށަހެޅުން މޭ މަހު ބާއްވަން ވަނީ ނިންމާފައި،" 1960ގެ އަހަރުތަކުން ފެށިގެން މި ސާކަސްގެ ވިޔަފާރި ހިންގުމާ ހަވާލުވި ފެލްޑް އެންޓަޓައިންމަންޓް ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ނެރުނު ބަޔާނެއްގައި މިކަން ސިފަކޮށްފައި ވަނީ "ދުނިޔޭގެ އެންމެ ހިތްދަތި ޝޯ" ނިމުމަކަށް އައުމުގެ ގޮތުގަ އެވެ. އެ ޖަމިއްޔާތަކުން ބުނީ ޖަނަވާރު ބޭނުންކޮށްގެން ސާކަސް ބާއްވަމުން އަންނަ އެހެން ފަރާތްތަކުން ވެސް މި ނިންމުން ނަމޫނާއަކަށް ބަލަންޖެހޭ ކަމަށެވެ.