ހިތް
ހިތް

ބުދަ ދުވަހާ ގުޅޭ

"މުޖޫ އޮތީ ވެންޓިލޭޓަރުގަ." ފޯނަށް ބަލަންއިން ނަސީފު ބުންޏެވެ.

އެ ޚަބަރަކީ ނަޒްދާއާއި ނީޒާއަށް ވެސް ބިރުވެރި ޚަބަރެކެވެ. މުޖުތަބާއަށް ނޭވައެއް ލެވިއްޖެއްޔާ ނަޒްދާ ނޭވާލިޔަކަނުދޭނެކަން ނޭނގޭ އެކަކު ވެސް އެ ތާކު ނެތެވެ. ކުރިން ނަޒްދާ އުޅުނީ މުޖުތަބާ ދެކިލައިފައި ނޫނީ ގެއަށް ނުދާށެވެ. އެހެނަސް، ނީޒާގެ ވާހަކައަށް ފަހު ރަނގަޅަށް ވެސް މުޖުތަބާ މަތިން ނަޒްދާ ފޫހިވެއްޖެއެވެ.

ގެއަށް އައިސްފައި ވެސް ނަޒްދާާ އިންނަނީ ފާޑަކަށެވެ. ނަޒްދާއަކަށް އެއްވެސް ކަމެއް ނުވާނެއެވެ. މުޖުތަބާއަށް ވުރެ ހުރިހައި ގޮތަކުން ވެސް ނަސީފު ބާރުގަދަވާނެއެވެ. އެތައް ފަހަރަކު އެ ކަން ހަނދާންކޮށްދިނުމުން ވެސް ނަޒްދާގެ ހިތަކުން ބިރެއް ނުފިލިއެވެ. ނަޒްދާއަށް ކަމެއް ވެދާނެތީއެއް ނޫނެވެ. އޭގެ ފަހުން އަޒާނަށް ވެދާނެ ގޮތަކާ މެދު ފިކުރުކުރެވެނީއެވެ. ނަސީފު ބޭނުންވީ ނަޒްދާއަށް ޔަގީންކަން ދޭށެވެ.

"މިހެން ހަދަމާ ހިނގާ!" ނަސީފު އަނެއްކާ ވެސް ހިޔާލެއްދިނެވެ. "ސިފައިންގެ ތެރޭގަ ތިބޭނެ ބީޖީ ޓްރޭނިން ހަދާފަ މިހާރު ވެސް އެކްޓިވް ޑިއުޓީގަ ތިބި މީހުން. އެންމެ ބެސްޓު ދެ މީހުން މިއަދު ގެނެސް ވަޒީފާ ދޭނަން. އެ މީހުން އަތަކު ހަތިޔާރެއް ނޯންނާނެ އެކަމަކު ވަކި އެއަށް ވުރެ މޮޅު ބަޔަކު ރާއްޖެއަކުން ނުލިބޭނެ. މީގެ ފަހުން ނަޒްދާ ކޮންމެ ތާކަށް ދިޔަސް ދާނީ ކާރުގަ. އެ ދެ މީހުން ނަޒްދާޔާ އެއްކޮށް ދާނެ. އަހަންނަށް މައްސަލައެއް ނެތް ނަޒްދާ ޑިއުޓީއަށް ދިޔަސް، އެކަމަކު އެންމެ ރަނގަޅީ ދެން ޑިއުޓީއަށް ނުދިޔައްޔާ! މި މަހު އަހަރުމެން މެރީކުރާނެ. ނަޒްދާގެ އެކައުންޓަށް ކޮންމެ މަހަކު ކިހާ ލާރިއެއް ޖަމާކޮށްދޭންވީ؟ އަދަދު ބުނެލާ! އަހަންނަށް މައްސަލައެއް ނެތް ޑޮލަރުން ވިޔަސް ނޫނީ ޔޫރޯން ވިޔަސް."

"އެ ވަރު ނުކުރިޔަސް އޯކޭވާނެކަން ނޭނގެ." ނަޒްދާ މަޑުމަޑުން ބުނެލިއެވެ.

"އޯކޭއެއް ނުވާނޭ ނަޒްދާ!" ވަރަށް އޯގާވެރިކަމާ އެކުގައި ނަސީފު ބުންޏެވެ. "ތީ އާދައިގެ މީހެއް ނޫނޭ! ތީ ނަޒްދާ! މަގޭ ލޯބިވާ ނަޒްދާ! ތި ހިތް ހުއްޓިއްޖެއްޔާ މި ހިތް ހުއްޓޭނެ! ނަޒްދާ ތިހާ ހާސްވީމަ އަހަރެން ކިހިނެއް ހާސްނުވާނީ؟ ނަޒްދާގެ ހުއްދަ ނެތި ނަޒްދާ ގައިގަ ހިރަފުސްކޮޅެއް ވެސް ޖެހިލައިގެން ނުވާނެ. އަހަރެން ބޭނުމެއް ނޫން އެއްވެސް ރިސްކެއްނަގާކަށް."

"ޖޮބު ދޫކޮށްލަން ބޭނުމީ މެރީކޮށްފަ!" ނަޒްދާ ބޭނުންވާ ގޮތް ބުންޏެވެ.

"ހަމަ އެއްވެސް މައްސަލައެއް ނެތް،" ނަސީފު އެއްބަސްވިއެވެ. "ނަޒްދާ ހިތްހަމަޖެހުމަށް ކުރާ އެއްވެސް ކަމަކަށް އަހަރެން ހުރަހެއް ނާޅާނަން. އެކަމަކު އަހަރެން ބޭނުންވާ ގޮތަށް ނަޒްދާ ޖެހޭނެ އެއް ކަންތައް އަހަންނަށް ދޫކޮށްލަން. އަބަދު ވެސް ނަޒްދާ ފެންނަ ހިސާބު ދެ މީހުން ފާރައަށް ތިބޭނެ. ދެން އަހަރެން ދޭނަން ކުޑަކުޑަ ފޯނެއް. އެ ފޯނުން ހަމަ އެކަނި ގުޅޭނީ އެ ދެ މީހުންނަށް. އެ ފޯނަށް ކޯލެއް އަތުވެއްޖެއްޔާ ވަގުތުން ނަގާތި!"

ހުރިހައި ކަމެއް ވެސް ދިޔައީ ނަސީފު ބުނި ގޮތަށެވެ. ދެތިން ގަޑިއިރު ތެރޭގައި ދެ މީހުން އައެވެ. އެކަކީ އަރުޝަދެވެ. އަނެކަކީ އިމްދާދެވެ. ކަސްރަތީ ހަށިގަނޑެއްގެ ވަރުގަދަ ދެ ޒުވާނުންނެވެ. ސާބިތުކަމާ އެކުގައި ހިނގައިލާފައި އައި އިރު ވެސް އެ މީހުންގެ ތޫނު ކަޅި ހުންނަނީ ވަށައިގެން ހޯދާލަހޯދާލައެވެ. ތުންފަތުގައި ހިނިތުންވުމެއް ނުހުރެއެވެ. ކައިރިއަށް ހުއްޓުނު އިރު ހަށިގަނޑު ހީވަނީ އޮލަނބަށް ބަހައްޓައިފައި ހުރި ދެ ތަނބުހެންނެވެ. އެ މީހުން ނަޒްދާއަށް ތައާރަފުކޮށްދިނީ ސީދާ ނަސީފެވެ. ދެ މީހުންނަކީ ވެސް ރާއްޖެ އަންނަ ވެރީންގެ ހަށިފާރަވެރީން ގޮތުގައި މަސައްކަތްކޮށްފައި ތިބި، ހުނަރުވެރި ދެ މީހުންނެވެ. އޭގެ ތެރެއިން ވެސް އަރުޝަދު ފާހަގަކޮށްލެވެއެވެ. އަރުޝަދަކީ، މެލޭޝިޔާގެ ބޮޑުވަޒީރު އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވި ދަތުރުގައި، ބޮޑުވަޒީރަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާ ނާކާމިޔާބުކޮށްލައިގެން ބޭރުގެ ނޫސްތަކުން ވެސް ތައުރީފު އޮއްސި ބަތޮލެވެ. ނަޒްދާ އިންނަ ކާރު ދުއްވާނީ އިމްދާދެވެ. އަރުޝަދު އިންނާނީ އިމްދާދާ ޖެހިގެން ކުރީ ސީޓުގައެވެ. ހަމަޖެހުނު ގޮތަކީ އެއީއެވެ. މަޝްވަރާ ނިންމައިފައި އެ މީހުން ނުކުންނަމުން ނަސީފަށް ސަލާންކޮށްލި ގޮތުން ހީވަނީ ނަސީފަކީ ވެސް ގައުމެއްގެ ވެރިޔެއްހެންނެވެ.

"ތަފާތު ފެނޭ ދޯ؟" އެ މީހުން ދިޔުމުން ނަސީފު ބުންޏެވެ. "ފުރާނަ ދޭން ބުންޏަސް ދެވޭ ވަރުގެ މުސާރައެއް ދީފަ މި ގެނައީ. އެ މީހުން ނަޒްދާ ބަލަހައްޓާނެ. އަހަންނަށް ޔަގީން. ދެން އަޅެ ހީނލަބަލަ ޕްލީޒް!"

ނަޒްދާއަށް ހިނިތުންވެވުނީ އެ ހިސާބުންނެވެ. ނަސީފު ސަމާސާ ގޮތަކަށް މޭގައި އަތްއަޅައިފައި، ބޮލަށް އެނބުރުން އަރައިގެން ވެއްޓޭހެން ސޯފާއަށް ވެއްޓިގަތެވެ. ނަޒްދާ އައިސް ގާތުގައި އިށީނެވެ. ވާހަކައެއް ބުނަން ނަޒްދާ މަސައްކަތްކުރާތާ ކިތަންމެ އިރެކެވެ.

"އަހަރެން އެބަ އޮތް ވާހަކައެއް ބުނަން،" ނަޒްދާ އިސްޖަހާލައިގެން އިނދެ ބުންޏެވެ. "ނަސީފަށް މި ވާހަކަ ގަބޫލުނުކުރެވިއްޖެއްޔާ އަޅާލާނެކަމެއް ނެތް. މީ އަހަރެންގެ ރިކުއެސްޓެއް. އަހަރެން ބުނާ ކޮންމެ ގޮތެއް ނަސީފު ހަދާކަށް މަޖުބޫރެއް ނުވާނެ."

"ހާދަހާ ސީރިޔަސް ވާހަކައެކޭ ބުނަން ތި އުޅެނީ!" ކުޑަކޮށް ސީރިޔަސްވެފައި ނަސީފު ބުންޏެވެ. "ނަޒްދާއަށްޓަކާ އަހަރެން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނޭ އަބަދު ވެސް ބުނަމެއްނު! ބުނޭ! ހަނދުން ހިލަކޮޅެއް ގެނެސްދޭށޭ ބުންޏަސް އެ ވެސް ގެނެސްދޭނަން."

"އެއަށް ވުރެ ވެސް އުނދަގޫކަމެއް މި ބުނަނީ،" ނަޒްދާ ބުންޏެވެ. "މަންމައަށް މާފުކުރޭ!"

އެތައް އިރެއްވަންދެން އެއްޗެއް ނުބުނެވިފައި ނަސީފު އިނެވެ. ނަޒްދާ އިނީ ނޭވާހިފާއްޓާލައިގެންނެވެ.

"އަހަރެން ބުނަންތަ ވާހަކައެއް؟" ނަސީފު ބުނީ ނަޒްދާ ހީ ވެސް ނުކުރާ ކަހަލަ އެއްޗެކެވެ. "ނަޒްދާ ތީ މަންމަގެ ނަސީބު."

ކަންދިމާކުރި ގޮތުން މުޖުތަބާ ވެންޓިލޭޓަރަކުން ނުނެގުނެވެ. ފަސްވަނަ ދުވަހު މަރުވެއްޖެއެވެ. އެ ޚަބަރު ލިބުނު ދުވަހު، ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނަޒްދާއަކަށް ނޭނގުނެވެ. ކައިވެނިކޮށްގެން އެތައް އަހަރަކު އުޅެ، ދަރިޔަކު ވެސް ލިބުނު ފިރިމީހާ އެންމެ ރުޅިއަންނަ މީހާއަށް ވެވުމަކީ ކާކު އުފާވާނެކަމެއް ހެއްޔެވެ؟ ނަޒްދާގެ ހިތުގައި އުފެދެނީ އެންމެ ސުވާލެކެވެ. މުޖުތަބާ އެންމެ ރުޅިއަންނަ، މަރާލަން ބޭނުންވާ މީހާއަށް ނަޒްދާ ވީ ކީއްވެގެން ހެއްޔެވެ؟ ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ ކައިވެނި ދެމެހެއްޓުމަށް ޓަކައި ނަޒްދާ ވީ ހުރިހައި ގުރުބާނީއެއް ކޮބައި ހެއްޔެވެ؟ އެ ރޭ އަޒާން ނިންދަވައިފައި އަޒާންގެ މާސޫމު މޫނަށް ބަލަހައްޓައިގެން އެތައް އިރަކު ނަޒްދާ އިނެވެ. ހިތަށްއެރިއެވެ. އެހެން ވާކަަށް ނުޖެހެއެވެ. އަޒާންގެ ބައްޕަޔާ ވަކިވާކަށް ވެސް، އަޒާން ދޫކޮށްލައިފައި އެ ބައްޕަ ދާކަށް ވެސް ނުޖެހެއެވެ. އުފާވެރި އާއިލާއެއް ގޮތުގައި އެ މީހުންނަށް އުޅެވުނީހެވެ. ނަޒްދާ ނިކަން ލޯބިން ދަރިފުޅު ގައިގައި ބައްދައިލިއެވެ.

"މަންމަ ވަރަށް މަސައްކަތްކުރިން،" މަޑުމަޑުން ނަޒްދާ ބުންޏެވެ. "ދަރިފުޅަށް ވިސްނޭ ވަރު ވީމަ ކިޔައިދޭނަން."

އެ ވަގުތު ދޮރުގައި މަޑުމަޑުން ޓަކިޖަހައިލި އަޑުއިވުނެވެ. އެ ގޮތަށް ޖަހާނީ އެންމެ މީހެކެވެ. އެ މީހާ ދޮރު ހުޅުވައިލިއެވެ.

"އަޒާން ނުނިދާތަ؟" އަނީސާ ބުންޏެވެ.

"ނޫންނޫން! މަންމަ ވަދޭ!" ނަޒްދާ އެދުނެވެ. އަދި އެނދުގައި އިށީނދެލިއެވެ. "އިށީނދޭ!"

ވަރަށް މަޑުމަޑުން ހިނގާލައިފައި އައިސް އަނީސާ އިށީނެވެ.

"ނަޒްދާ ހިތަށްއަރާނެ ދޯ އަހަންނަށް ތަޅުގަނޑިއެއް ނުދެވުނު ނަމައޭ. އިރުއިރުކޮޅާ އެބަ ވަދެޔޭ!" އަނީސާ މަޑުމަޑުން ބުންޏެވެ.

"ދެން ނޫން! މީ އަޅުގަނޑުގެ ގެއެއް ނޫނެއްނު!" ނަޒްދާ ބުންޏެވެ.

"އެ ކިއީ އަޅުގަނޑު." ޝަކުވާގެ ރާގަކަށް އަނީސާ ބުންޏެވެ.

ނަޒްދާއާއި އަނީސާ އެކުއެކީގައި ހީނގަތެވެ. އެ ކަން ހަނދާންބަހައްޓަން ނަޒްދާ ވަރަށް މަސައްކަތްކުރެއެވެ. އެހެނަސް ދުވަސް ނަގާނެއެވެ.

"އަޒާންގެ ބައްޕަ ނިޔާވި ވާހަކަ އިވުނީމަ ހިތަށްއެރީ އަނގަތަޅާލަން ވަދެލާނަމޭ!" ހިތާމައާއި އިހުތިރާމު އެކުލެވިފައިވާ އަޑަކުން އަނީސާ ބުންޏެވެ. "ވަގުތުޖެހުނީމަ ކޮންމެ މީހަކު ވެސް ޖެހޭނީ ދާން. ކަން އޮންނާނީ އެހެން. އިރާދަކުރެއްވިއްޔާ އަޒާނަކަށް އެ އުނިކަން އިހުސާސެއް ނުކުރެވޭނެ. އަހަރެން ވެސް މިހިރީ. މީހަކާ ނީނދެ ހުއްޓަސް ނަސީފާ ވެސް ކުޑަކުދިން ވަރަށް ދޯޅުވާނެ. ދަރިއެއްގެ ލޯބި އަހަރުމެން އަޒާނަށް ދޭނަން. ތީ އަޒާންގެ މަންމަ. މީ އަޒާންގެ މާމަކަމަށް ބަލާ! ދެން އޮތީ ނަޒްދާ ކޮށްދިން ހެޔޮކަންތަކުގެ ވާހަކަ. އަހަރެންގެ ދަރި އަހަންނަށް އަނބުރައި ހޯދައިދިން މީހަކީ ތީ. އެއީ އެކަކަށް ވެސް ނުވެފަ އޮތް ކަމެއްް. ނަސީފުގެ ހުންނާނެ ބޯހަރު ގޮތެއް. އެކަމަކު އޭނަ ސޮރީ ވެސް ބުނެފި. އަހަރެން އަބަދު ވެސް އެ ކަން ދަންނާނަން. އާދެބަލަ މިކޮޅަށް."

ނަޒްދާ ކުރިޔަށް ޖެހިލުމުން ނަޒްދާގެ ގައިގައި އަނީސާ ބައްދައިލިއެވެ.

"ޝުކުރިއްޔާ!" ބެދިފައިވާ އަޑަކުން އަނީސާ ބުންޏެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ!"

އަނީސާއާއި ނަސީފާ ދެމެދުގައި އޮތް ގުޅުން ދިޔައީ ބަދަހިވެ އާލާވަމުންނެވެ. އަޒާނަށް އަނީސާ ކިޔަނީ ދަރިފުޅެވެ. ކުރުން މަނާކަމެއް، ވަނުން މަނާ ތަނެއް އަޒާނަކަށް ނޯވެއެވެ. ނަޒްދާ ހުންނަނީ ވަރަށް އުފާވެފައެވެ. ކައިވެނި އޮންނަ ދުވަސް ކައިރިވަމުންއައެވެ. ދުވަސް ކަނޑައެޅީ ނަސީފެވެ. ކާޑު ޑިޒައިންކުރީ ނަޒްދާއަށް ރީތިވާ ގޮތަށެވެ. ނަޒްދާގެ ހެދުމާއި ހެދުމުގެ ކުލަ ނިންމީ ދެ މީހުން ވެގެންނެވެ. އެއިން އެއްވެސް ކަމަކަށް އަނީސާ ފާޑެއްނުކިޔައެވެ. އަނީސާ އަހައެވެ. ނަސީފު ޖަވާބުދިނުމުން ބަހުސަކަށް ނުވެ އެ ކަމެއް އޮންނަނީ ނިމިފައެވެ. ނަޒްދާއާއި ނަސީފު ނިންމައިގެންތިބީ ގޭގައި ވީހައި ވެސް ކުޑަ ހަފުލާއެއް ބާއްވާށެވެ.

މެންދުރެއްގެ ވަގުތެވެ. އަނީސާ އެދިގެން ނަސީފާއި ނަޒްދާއާއި އަޒާން ވެސް ތިބީ އަނީސާގެ އެޕާޓުމަންޓުގައެވެ. ކުއްލިއަކަށް ވަތްގަނޑެއް ހުޅުވައިލާފައި އަނީސާ ކުޑަ ނޯޓުފޮތެއް ނަގައި ނަސީފަށް ދިއްކޮށްލިއެވެ. ނަސީފު ބަލައިލި އިރު އޭގައި ހުރީ ނަންތަކެކެވެ.

"މަންމަ އިންވައިޓްކުރާ މީހުންގެ ލިސްޓު." އަނީސާ ބުންޏެވެ.

ނަސީފު އެންމެ ފަހު ގަނޑު ބަލައިލި އިރު އޭގައި ތިން ސަތޭކަ އަށާރަ މީހުންގެ ނަން އޮތެވެ.

ނުނިމޭ