07 ޖެނުއަރީ 2023 - 17:14

މި އަހަރުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ހަތް ޕަސެންޓު އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެ އަށް ވަނީ 22،200 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 20،800 ޓޫރިސްޓުންނެވެ.
މިދިޔަ ހަތަރު ދުވަހު އެވްރެޖުކޮށް 5،500 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.
މި މަހުގެ 18 އިން ފެށިގެން ރާއްޖެ އަށް ޗައިނާގެ ޓޫރިސްޓުން އަލުން އަންނަން ފަށާއިރު ޓޫރިޒަމްގެ އާމްދަނީ އިތުރަށް ރަނގަޅުވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ކޮވިޑާ ގުޅިގެން ޗައިނާގެ ޓޫރިސްޓުންގެ ދަތުރުތައް މެދުކަނޑާލުމާ ހިސާބަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ އެއީ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ ރަޝިއާ އިންނެވެ. އެ ގައުމުން ވަނީ 4،400 ޓޫރިސްޓުން އައިސްފަ އެވެ. ރަޝިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމު ވެސް މެ އެވެ. އެ ގައުމުން އެ އަހަރު ވަނީ ދެ ލައްކަ ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ. މި އަހަރުގެ މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިޓަލީގެ ޓޫރިސްޓުންގެ އަދަދަކީ 3،800 އެވެ. ރާއްޖެ އަށް ޓޫރިސްޓުން މި އަހަރުގެ މިހާތަނަށް އައި ތިންވަނަ ގައުމަކީ އިންޑިއާ އެވެ. އެއީ 1،600 ޓޫރިސްޓުންނެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިޔާއިންނެވެ. އެގައުމުން ވަނީ 240،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.
މިއަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.